ބޮޑުގޭގައި ހަދާ ޕާރކިންގ ޒޯނުގެ މަސައްކަތް ނިމުމަކާއި ގާތަށް

ބޮޑުގޭގައި ހަދާ ޕާރކިންގ ޒޯނުގެ މަސައްކަތް ނިމުމަކާއި ގާތަށް

Author
މުޙައްމަދު ޝަޒައިމް
28 މެއި 2021 06:59
0

މާފަންނުގައި ހުންނަ ބޮޑުގޭގެ އުތުރުކޮޅުގައި ޕާކިން ޒޯނެއް ހެދުމަށްޓަކައި ފެށި މަސައްކަތުގެ ބޮޑުބައި ނިންމާލައިފިއެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ބޮޑުގޭގައި ހަދާ ޕާކިން ޒޯނުގައި ގާ އެތުމުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. މިމަސައްކަތް މިހާއަވަހަށް ނިންމުމަށް ސިޓީ ކައުންސިލްގެ މުވައްޒިފުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް މުއިއްޒު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މާފަންނުގައި ހުންނަ ބޮޑުގޭގެ އުތުރުކޮޅުގައި ޕާކިން ޒޯނެއް ހެދުމުގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ 22 ވަނަ ދުވަހުއެވެ. ޕާކިން ޒޯން ހެދުމަށް ބިންގަނޑު އެއްވަރުކޮށް ގާ އެތުރުމުގެ މަސައްކަތް މިހާރުވަނީ އެއްކޮށް ނިމިފައެވެ. މިމަސައްކަތް ކުރަނީ މިސްކިތް ބޭނުންކުރުމަށް އެއްވެސް ދަތިކަމެއް ނުވާ ގޮތަށެވެ. މާލޭގައި ހުސްކޮށް ހުރި ޖާގަތައް ބަލަމުންދާ ކަމަށާއި އެފަދަ ތަންތަން އާންމުންނަށް ބޭނުންކުރެވޭނެ ރަނގަޅު ގޮތަކަށް ތަރައްގީ ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމުގައިވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މާލޭގެ މޭޔަރު ކަމާ މުއިއްޒު ހަވާލުވެވަޑައިގަތުމަށް ފަހު ކުރަންޖެހޭ ކަންކަން ތަރުތީބުކޮށް، މިވަގުތު ކޮންމެހެން ހައްލު ކުރަންޖެހޭ މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދާ ކަން ފާހަގަ ކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.