އޭއެފްސީ ކަޕް ބާއްވަން ރާއްޖޭން ދެން ބިޑް ނުކުރާނެ

އޭއެފްސީ ކަޕް ބާއްވަން ރާއްޖޭން ދެން ބިޑް ނުކުރާނެ

Author
ޔޫސުފް
28 މެއި 2021 04:06
0

އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖޭގެ ޓީމުތައް ހިމެނޭ ގްރޫޕް ޑީގެ މެޗުތައް ބާއްވަން ރާއްޖޭން ދެން ބިޑް ނުކުރާނެ ކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެފިއެވެ.

ރާއްޖޭން ވަނީ އެންމެ ފަހުން އޭއެފްސީން ހުޅުވާލި ދެ ބިޑް ވެސް ކާމިޔާބުކޮށްފައެވެ. މިދިޔަ އަހަރުގެ އޭއެފްސީ ކަޕް ރާއްޖޭގައި ބާއްވަން ހަމަޖެހުނު ނަމަވެސް ކޯވިޑް-19 ގުޅިގެން އެންމެ ފަހުން އެ މުބާރާތް އޭއެފްސީން ކެންސަލްކުރީއެވެ. މިއަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ބާއްވަން އެންމެ ފުރަތަމަ ހުޅުވާލި ބިޑް ރާއްޖޭން ކާމިޔާބުކުރީ އިންޑިއާ އާއި ވާދަކޮށެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް "އަދަދު" ނޫހަށް މަޢުލޫމަތު ދެމުން ވިދާޅުވީ، ރާއްޖޭގެ ހާލަތު އޮތްގޮތުން ގްރޫޕް ޑީގެ މެޗުތައް ހޯސްޓްކުރަން ދެން ބިޑް ނުކުރާނެކަމަށެވެ. އޭއެފްސީން މުބާރާތް ބާއްވަން އަލުން ބިޑަށް ހުޅުވާލާފައިވާއިރު، ބަންގްލަދޭޝް އާއި އިންޑިއާއިން އޮތީ މުބާރާތުގެ މެޗުތައް ބޭއްވުމަށް ބިޑްކުރަން ތައްޔާރަށެވެ. އިންޑިއާއިން މުބާރާތް ބާއްވަން ބިޑް ކޮށްފިނަމަ، ބިޑް ކާމިޔާބުކުރުން ގާތީ އިންޑީއާއެވެ. އެއީ ދާދި ފަހުން އޭއެފްސީ ޗެމްޕިއަންސް ލީގު މެޗުތައްވެސް އިންޑިއާގެ ގޯއާގައި ކާމިޔާބުކަމާއެކު ކުރިޔަށްގެންގޮސް ނިންމާލާފައިވާތީއެވެ.

ރާއްޖޭގައި އޭއެފްސީ ކަޕުގެ ގްރޫޕް ޑީގެ މެޗުތައް ކުޅެން ޝެޑިއުލްކުރީ މި މަހުގެ ތެރޭގައެވެ. އެކަމަކު ކޮލިފައިން ބުރުގައި ކްލަބް އީގަލްސްއާ ދެކޮޅަށް ރާއްޖޭގައި ކުޅެން އޮތް މެޗަށް އައި ބެންގަލޫރު އެފްސީގެ ކުޅުންތެރިން ކޯވިޑް-19 ޕްރޮޓޮކޯލްއާ ހިލާފުވުމުން ފަހު ވަގުތު އެ މެޗާއި ގްރޫޕް ސްޓޭޖުގެ މެޗުތައް އޭއެފްސީން ފަސްކުރީ އެވެ.

ބެންގަލޫރުގެ މައްސަލައިގައި އޭއެފްސީ ކަޕުގެ މެޗުތައް ފަސްކުރިއިރު، މި މައްސަލައިގައި އެފްއޭއެމުން ވަނީ ބެންގަލޫރާ މެދު ފިޔަވަޅު އަޅައިދޭން އޭއެފްސީއަށް ހުށަހަޅާފައެވެ. މިކަމާއި ގުޅޭގޮތުން އެފްއޭއެމްގެ ރައީސް ބައްސާމް ވަނީ އޭއެފްސީ ކަޕް ފަސްކުރި މައްސަލައިގައި ރާއްޖެއަށް އަދަބެއް އައުން ގާތް ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.

އަންނަ މަހުގެ ފަހުކޮޅު އޭއެފްސީ ކަޕުގެ މެޗުތައް ކުޅޭނެ ކަމަށް ބެލެވޭއިރު، ރިޕޯޓުތައް ބުނާ ގޮތުން ޕްލޭއޮފުގައި އީގަލްސް އާއި ބެންގަލޫރު ބައްދަލުކުރާ މެޗު ކުޅޭނީ އަންނަ މަހުގެ 27 ވަނަ ދުވަހުއެވެ. އަދި އެއަށްފަހު ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅޭނީ އަންނަ މަހުގެ 30 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށެވެ.

ގްރޫޕް ޑީގައި މި ވަގުތު އޮތީ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ، އިންޑިއާގެ ޗެމްޕިއަން އޭޓީކޭ މޯހަން ބަގާން އަދި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސްއެވެ. ދެން މި ގްރޫޕް ފުރުސަތު ލިބެނީ އީގަލްސް އާއި ބެންގަލޫރް އެފްސީ ވާދަކުރާ މެޗުން މޮޅުވާ ޓީމަކަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.