ރެއާލްގެ ކޯޗްގެ މަޤާމުން ޒިދާން އިސްތިއުފާ ދީފި

ރެއާލްގެ ކޯޗްގެ މަޤާމުން ޒިދާން އިސްތިއުފާ ދީފި

Author
މުޙައްމަދު ޝަޒައިމް
28 މެއި 2021 03:00
0

ސްޕެނިޝް ލަލީގާގެ ރެއާލް މެޑްރިޑްގެ ކޯޗުކަމުން ޒައިނުއްދީން ޒިދާން އިސްތިއުފާ ދީފިއެވެ.

ޒިދާންގެ މިނިންމުމާއި ގުޅިގެން ރެއާލްއިން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާގޮތުން އެކްލަބުން ޒިދާންގެ ނިންމުމަށް އިހްތިރާމް ކުރާނެކަމަށެވެ. އަދި ޒިދާން އެކްލަބަށް ވޭތުވެދިޔަ އަހަރު ތަކުގައި ކޮށްދީފައިވާ އަގުހުރި ހިދުމަތަށް ޝުކުރު އަދާކުރާކަމަށްވެސް ރެއާލްއިން ނެރުނު ބާޔާނުގައި ބުނެފައިވެއެވެ. އަދި ޒިދާންއަކީ ރެއާލްއަށް އަބަދުވެސް ވަރަށް މުހިންމު މީހެއްގެ ގޮތުގައި އެކްލަބުން ސިފަކުރިއެވެ.

މިސީޒަން ރެއާލް މެޑްރިޑް ނިންމާލަން ޖެހުނީ ތަށްޓާކާއި ނުލައެވެ. މިގޮތުން މިސީޒަންގައި ލަލީގާގެ ޗެމްޕިއަންކަން އެންމެ ފަހު ދުވަހު އެޓްލެޓިކޯ މެޑްރިޑް ކާމިޔާބުކުރީ ރެއާލްއަށް ވުރެ 2 ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. 2001 އިން 2006 ވަނަ އަހަރާއި ދެމެދު ރެއާލް ކުޅެފައިވާ ޒިދާން ވަނީ ރެއާލްގެ ކޯޗެއްގެ ގޮތުގައި ހޭދަކުރި ފުރަތަމަ ފަހަރު ޗެމްޕިއަންސް ލީގުގެ ތަށި ޖެހިޖެހިގެން ތިން ފަހަރު އަދި ލަލީގާގެ ތަށި އެއްފަހަރު ހޯދައިދީފައެވެ.

އަދި 2018 ވަނަ އަހަރު ރެއާލް ދޫކޮށް ދިޔަތާ 10 މަސް ފަހުން އަލުން ޓީމާއި ގުޅި މިދިޔަ ސީޒަންގައި އަނެއްކާވެސް ވަނީ ލަލީގާ ތަށި ހޯދައިދީފައެވެ. މީގެއިތުރުން ޒިދާންގެ ކޯޗުކަމުގައި ރެއާލް ވަނީ ކްލަބް ވާރލްޑް ކަޕް ދެފަހަރު، ޔުއޭފާ ސުޕަރ ކަޕް ދެފަހަރު އަދި ސްޕެނިޝް ސުޕަރ ކަޕް ދެފަހަރު ހޯދާފައެވެ. ނަމަވެސް މިސީޒަންގައި ޒިދާންގެ ކޯޗްކަމުގެ ދަށުން ރެއާލްއަށް މާއެދެވޭ ކާމިޔާބީއެއް ހޯދިފައެއް ނުވެއެވެ. މިގޮތުން ލީގުގެ ދެވަނައަށް ދިޔައިރު ކޮޕާ ޑެލް ރޭއިން ވަކިވާން ޖެހުނީ ތިންވަނަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ އަލްކޮޔާނޯއަތުން ބަލިވުމުންނެވެ. އަދި ޗެމްޕިއަންސް ލީގުގެ ސެމީފައިނަލްގައިވަނީ ޗެލްސީއަތުން ބަލިވެފައެވެ. މިއީ 2009 -2010 ވަނަ އަހަރުގެ ސީޒަނަށްފަހު ރެއާލް ތަށްޓާކާއި ނުލައި ސީޒަނެއް ނިންމާލި ފުރަތަމަ ފަހަރެވެ.

މިއީ މިމަގާމުން ޒިދާން އިސްތިއުފާ ދިން ދެވަނަ ފަހަރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.