މިހާރު ވެރިކަން ކުރަމުންދާ ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ދިވެހި ރައްޔިތުންގެ ބޯހަލާކުވެ، ބޮޑު ތަކުލީފަކަށް ވެފައިވާކަމުގައި މާލެ އަތޮޅު ކައުންސިލް ރައީސް މުހައްމަދު ނިމާލް ވިދާޅުވެއްޖެއެވެ.
ކޯވިޑް-19ގެ ހާލާތު ގޯސްވެ އެތައް ބަޔަކު މަރުވަމުންދާ މިދަނޑިވަޅުގައި ސަރުކާރުގެ ހިންގުން ދޯދިޔާވެ، އެކަށީގެންވާ އަޅާލުން ނުލިބޭކަމީ ކަންބޮޑުވާކަމެއްކަމަށް ނިމާލް ވިދާޅުވިއެވެ. އެތައް ފުރާނައެއް އާއިލާތަކާއި ވަކިވެ، ނިކަމެތި ހާލަތުގައި ތިބިއިރު، މިވާހަކަތައް ނުދައްކައި ދިވެހިންނަށް ނުތިބެވޭނެކަމަށާއި، މިކަމުގައި ސަރުކާރުން ރައްޔިތުންނަށް ޖަވާބުދާރީ ވާންޖެހޭނެކަމަށް ނިމާލު ވިދާޅުވިއެވެ.
ވެރިކަމަށް އައީވެސް ގޯސް ހަދައިގެން، އިރުއަރާ އޮއްސޭއިރު ގޯސްނުހަދާ އެއްވެސް ކަމެއްނެތް، ތި ވެރިކަމާއިހެދި ދިވެހިން ބޯހަލާކުވެ ބޮޑު ތުރާލަކަށްވެއްޖެ، ޤާބިލް ކަން ނެތުމާއި، އިހުމާލުން ދިވެހި އެތައް ފުރާނައެއް ގެއްލިގެން ހިނގައްޖެ، އަދިވެސް އެވާހަކަތައް ނުދައްކާ ތިބެންވީ އަތްޖަހަންތޯ؟
– ނިމާލް ވިދާޅުވިއެވެ.
ކޯވިޑް-19ގެ ހާލަތު އިންތިހާއަށް ގޯސްވެފައިވާއިރު، ބަލީގައި މަރުވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. މިއަހަރުގެ ތެރޭގައި އެކަނިވެސް ބަލީގައިވަނީ 117 މީހަކު ނިޔާވެފައެވެ. އަދި މިމަހުގެ މިހާތަނަށް 82 އަށް އަރާފައެވެ. ރާއްޖޭގައި މިހާތަލަށް ބަލި ފެތުރިފައިވަނީ ސަރުކާރުން ދިން ލުއިތަކުގެ ސަބަބުންކަމަށް ރައީސުލްޖުމްހޫރިއްޔާވެސް ވަނީ އެއްބަސްވެ ވަޑައިގެންފައެވެ. ނަމަވެސް ކޯވިޑް މެނޭޖް ކުރުމުގައާއި، ވަސީލަތް ހޯދުމުގައި ސަރުކާރު ފެއިލްވެފައިވާކަމަށް ގަބޫލު ނުކުރައްވާކަމަށް އެމަނިިކުފާނު ވަނީ ވިދާޅުވެފައެވެ.
ކޯވިޑްގެ ހާލަތު ގޯސްވެ، ބަލީގައި ނިޔާވާ މީހުން އިތުރުވަމުންދާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުންދާއިރު، އެކަށީގެންވާ ވަސީލަތް ނެތުމާއި އިންސާނީ ވަސީލަތް ނެތުމުގެ ސަބަބުން ރާއްޖޭގެ ހާލަތު އިތުރަށް ގޯސްވުމުގެ ފުރުސަތު ބޮޑުކަމަށް ޞިއްޚީ މާހިރުންވެސް ދަނީ ވިދާޅުވަމުންނެވެ.
ކޮމެންޓު ފޮނުވާ