އިންޓަރނެޓަށް ސަރުކާރުން ގެނައި ހެޔޮބަދަލުތަކާއިއެކު މިފެށިގެންދިޔައީ ޖަޒީރާ ރާއްޖޭ ޓެކްނޮލޮޖީގެ މިސްރާބަށް ކުރާ ދަތުރުގެ މުޅިން އާ ބާބެއް ކަމުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކޮނޯލިޖީ މިނިސްޓަރ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
ސަރުކާރުން އިންޓަނެޓްގެ އަގުތަކަށް ގެނައި ބަދަލުތައް މިއަދު އިއުލާންކުރެއްވިއިރު، ގޭގެއަށް ފޯރުކޮށްދޭ ރެސިޑެންޝަން ޕެކޭޖްތަކުގެ އަގު ވަނީ 28 އިންސައްތައާއި 30 އިންސައްތަ ކުޑަކޮށްފައެވެ. އަދި ގޭގެއަށް އިންޓަރނެޓް ދެވޭނެ އެންމެ ދަށް ސްޕީޑަކީ 2 އެމްބީޕީއެސްކަމަށްވެސް ސަރުކާރުން ވަނީ ކަނޑައަޅުއްވާފައެވެ.
ސަރުކާރުން އިއުލާންކުރެއްވި އައު ސިޔާސަތުގައިވާ ގޮތުން އެންމެ ކުދި ޕެކޭޖްތަކަށްވެސް ތްރޮޓްލް ސްޕީޑް 2 އެމްބީޕީއެސްގައި ލިބޭނެއެވެ. އަދި 300 ރުފިޔާއަށް ވުރެ މަތީގެ ޕެކޭޖްތަކަށް ތްރޮޓްލް ސްޕީޑް 5 އެމްބީޕީއެސްގައި ލިބޭނެއެވެ.
ސަރުކާރުގެ މިސިޔާސަތު ތަންފީޒު ކުރުމަށް ރާއްޖޭގެ ޓެލެކޮމް އޮޕަރޭޓަރުންނާއި ކުރެވުނު މަޝްވަރާތަކަށްފަހު މިއަދު މިވަނީ އިންޓަރނެޓަށް ގެންނާނެ ހޮޔޮ ބަދަލުތައް އިއުލާންކޮށްދެއްވާފައެވެ. މިކަމަށްޓަކައި ބޭއްވި ޚައްސަ ހަފްލާގައި މިނިސްޓަރ ޝައުނާ ވިދާޅުވީ މިބަދަލާއިއެކު އާންމު ރައްޔިތުންގެ ޝަކުވާތަކަށް ހައްލު ލިބިގެންދާނެކަމަށެވެ. ސަރުކާރުގެ އަމާޒަކީ ޓެކޮނޮލޮޖީގެ ހެޔޮ ބަދަލުތަކާއިއެކު ސަރުކާރުގެ ހުރިހާ ޚިދުމަތެއްވެސް އިންޓަރނެޓަށް ފަރިތަ ޚިދުމަތްތަކަށް ހެދުންކަމަށެވެ.

މިބަދަލާއިއެކު މިއަދު އާންމު ރައްޔިތުންގެ ހުރި ޝަކުވާތަކަށް ނިމުންއައިސް، ސަރުކާރުގެ އިދާރާތަކަށް މީގެ ކުރިން ގޮސްގެން އެތައް ތަކުލީފެއް އުފުލައިގެން ހޯދާ ޚިދުމަތް ޓެކްނޮލޮޖީގެ ޒަރީއާއިން ފަސޭހަމަކާއިއެކު ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށެވެ. އަދި މިބަދަލާއިއެކު ސަރުކާރުގެ ސިޔާސަތުތައް އޮންލައިންކޮށް ލިބޭނެ ނިޒާމަކަށް ބަލުވެ ޞިއްޚީ މަރުކަޒުތަކާއި، ހޮސްޕިޓަކުތައްވެސް މާލޭގެ މައި ހޮސްޕިޓަލުތަކާއި ގުޅާލެވިގެންދާނެކަމަށެވެ.
އެއް އޮފީހުން އެއްތައްގަނޑު ޖަހައިގެން، އަނެއް އޮފީހުން އިގިލީގެ ނިޝާން ޖަހައިގެން އަނެއް އޮފީހުން އައިޑީކާޑުގެ ކޮޕީ ހައްދައިގެން ނޫނީ އާންމު ޚިދުމަތެއް ލިބޭ ވަރެއްނުވޭ. ރައްޔިތުންގެ ވަރަށް ގިނަ ވަގުތުހޭދަ ކުރެވެނީ މިފަދަ ތަކުލީފުތައް ތަހައްމަލު ކުރުމުގައި. ސަރުކާރުގެ އަމާޒަކީ މިކަންކަން ހުއްޓުމަކަށް ގެނެސް، ސަރުކާރުން ފޯރުކޮށްދޭ ޚިދުމަތްތައް އޮންލައިންކޮށް ލިބޭނެ ގޮތަކަށް މުޅި ސަރުކަރު ގުޅާލުން. މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.
ރާއްޖޭގެ އިންޓަރނެޓު ޚިދުމަތް ދޭންފެށިތާ އެތަކެއް އަހަރުތަކެއް ވެފައިވާއިރު، އެންމެ ގިނަބައެއްގެ ޝަކުވާއަކީ ޚިދުމަތުގެ އަގުބޮޑުވުމުގެ ވާހަކައެވެ. ތަރައްޤީވެފައިވާ ޤައުމުތަކާއި އެއްފަދައިން ރާއްޖެއަކީ ޒަމާނުއްސުރެ އެންމެފަހުގެ މޯބަލްއިން ފޯނާއި، ޓެކްނޮލޮޖީގެ ފަހުގެ ވަސީލަތްތަކަށް ލޯބިކުރާ ބައެކެވެ. މިވަސީލަތްތައް އެކަށީގެންވާ ގޮތަކަށް ބޭނުން ކުރުމަށް މިހާތަނަށްވެސް އޮތް އެންމެބޮޑު ހުރަހަކީ އިންޓަރނެޓެވެ. އިންޓަރނެޓްގެ އަގުގެ ޝަކުވާއަކީ ދިވެހިންގެ ތެރޭގައި ޒަމާންތަކެއް ވަންދެންއޮތް ބޮޑު ޝަކުވާއެކެވެ.
މިޝަކުވާތަކަށް ހައްލު ގެނެސްދެއްވާނެކަމަށް އެކި ސަރުކަރުތަކުންވަނީ ރައްޔިތުންނަށް ވައުދުވެފައެވެ. ނަމަވެސް މިއަދާއި ހަމައަށްވެސް އޮތް ކަންބޮޑުވުމަކީ މިކަމަށް އަމަލީގޮތުން ހައްލުތަކެއް ނެގުނުވުމެވެ. ގޭގޭގެ އިންޓަނެޓް އަގުބޮޑުވުމާއި، މޯބައިލް ފޯނުތަކުން އިންޓަނެޓް ބޭނުންކުރާ ނިސްބަތް އިތުރުވެ ބިލު ބޮޑުވެގެން ދިއުމަކީ ރައްޔިތުން ތަކުރާރުކޮށް ކުރަމުންދިޔަ ޝަކުވާއެކެވެ. މިޝަކުވާތަކާއިއެކު މިކަމަށް ހައްލު ގެނެސް ދެއްވާނެކަމަށް މިސަރުކާރުންވެސް ވަނީ ވައުދުވެފައެވެ. މިއަދު މިވަނީ ވެފައިވާ ވައުދާއި އެއްގޮތަށް ރަނުން ރަނަށް ވައުދު ފުއްދަވާ ދެއްވާފައެވެ.
ކޮމެންޓު ފޮނުވާ