ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އެހީތެރިވެ ދެއްވައިފިނަމަ އެކަން ބަލައިގަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޞާލިހް ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ކުރީގެ ދެ ރައީސުންގެ އެހީތެރިކަން ހޯއްދެވުމަށް ވިސްނަވަންތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން ރައީސް ޞާލިހް ވަނީ އިގްތިޞާދީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތަފްސީލް ދެއްވާފައެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ އިޤުތިޞާދު ބިނާވެފައި އޮތީ ވަރަށް މަދު ދާއިރާތަކެއްގެ މައްޗަށް ކަމަށެވެ. އެހެންކަމުން ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަން ފިޔަވަޅުތައް އަޅަން ޖެހެނީ "ބެލެންސެއް" ގެންގުޅެގެން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރައީސް ޔާމީނާއި ރައީސް ވަހީދުވެސް އެހީތެރިވެ ދެއްވަންވީ ކަމަށާ އެކަން ސަރުކާރުން ބަލައިގަންނާނެ ކަމަށެވެ.
ރައީސް ވިދާޅުވީ އިގްތިސާދު ހަމަމަގަށް އެޅުވުމަށް ފިނޭންސް މިނިސްޓްރީން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. މިދިޔަ އަހަރުވެސް އެހީއާއި ލޯނުގެ ގޮތުގައި 1.34 ބިލިއަން ޑޮލަރު ލިބިފައިވާ ކަމަށާ މިއީ ފަހުގެ ތާރީހެއްގައި ރާއްޖެއަށް އެންމެ ބޮޑު އެހީ އާއި ލޯނު ލިބުނު ފަހަރު ކަމަށެވެ.
ރައީސް ވިދާޅުވީ ކޮވިޑްގެ މި ދަތި އުނދަގޫ ވަގުތުވެސް މިހާތަނަށް 300 މިލިއަން ޑޮލަރުގެ ސުކޫކު ވިއްކާފައިވާ ކަމަށެވެ. އަދި ކުރީ ސަރުކާރުން ބޮޑު އިންޓްރެސްޓެއްގައި ނަގާފައިވާ 277 މިލިއަން ޑޮލަރުގެ ލޯނުގެ 75 ޕަސެންޓް ދައްކާފައިވާ ކަމަށެވެ. މި ފައިސާ ދެއްކުމާއި ގުޅިގެން ރާއްޖެއިން ބޭރުން އިތުުރު ފައިސާ ހޯދަން ފަސޭހަވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ސޯލިހް އިތުރަށް ވިދާޅުވީ މިވަގުތު އެންމެ އިސްކަމެއް އޮތީ ލޯނު ނަގައިގެން ނަމަވެސް ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުކޮށް ރައްޔިތުންގެ ދިރިއުޅުން ހަމަޖެއްސުން ކަމަށެވެ.
ކޮމެންޓު ފޮނުވާ