ކޯވިޑްގެ ހާލަތު ގޯސްވެގެން ދިޔައީ އިންތިޚާބާއި ދިމާކޮށް ދެވުނު ލުއިތަކަކުން ކަމަށް ގަބޫލު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ކޯވިޑްގެ ހާލަތުގައި ކައުންސިލް އިންތިޚާބު ބޭއްވުމަށް މަޖިލީހާއި ސަރުކާރުން ބާރުއަޅަމުން ދިއުމުގެ ސަބަބުން އިންތިޚާބު ބޭއްބުމަށް އެޗްޕީއޭއިން ވަނީ ގިނަ ލުއިތަކެއް ދީފައެވެ. އޭފްރީލް މަހުގެ ތެރޭގައި ދިން ގިނަ ލުއިތަކާއިއެކު ބަލި ފެތުރުމަށް ގިނަ މަގުތަކެއް ހުޅުވިގެންދިޔަކަމަށް ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ.
މިރޭގެ ޕްރެސްގައި ރައީސް ޞާލިހު ވިދާޅުވީ އިންތިޚާބާއި ދިމާކޮށް، އޭޕްރީލް މަހުގެ ތެރޭގައި ސަރުކާރުން ދިން ލުއިތަކަކީ ހެދުނު ގޯހެއްކަމަށް ގަބޫލު ކުރައްވާކަމަށެވެ. ނަމަވެސް އެކަމުން އަރައިގަތުމަށް މިއަދު މަސައްކަތް ކުރުމަކީ އެންމެން ގުޅިގެން ކުރަންޖެހޭ ކަމެއްކަމަށާއި، މިއަދު އަޅާފައިވާ ފިޔަވަޅުތަކަކީ ކުރިމަތިވެފައިވާ ބަލި މަޑުކަމުން އަރައި ގަތުމަށް އަޅާފައިވާ ފިޔަވަޅުތަކެއްކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މިގޯސްތައް ދުނިޔޭގެ ބޮޑެތި ހުރިހާ ޤައުމުތަކަކުވެސް ހެދިކަމަށެވެ. ނަމަވެސް އެޤައުމުތަކުގައިވެސް ހަރުދަނާ ފިޔަވަޅުތަކާއިއެކު ބަލިމަޑުކަމުން އަރައި ގަންނަމުންދާތަން ފެންނަކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މިހާރު އަޅާފައިވާ ފިޔަވަޅުތަކާއިއެކު ބަލިން އަރައި ގަނެވޭނެކަމަށް އުންމީދު ކުރައްވާކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ދިން ލުއިތަކާއިއެކު ކޯވިޑް ފަތުރިގެން ދިޔަކަމުގައި ވީނަމަވެސް އެއީ ހަމައެކަނި ވަކި ބަޔަކުގެ ޒިންމާއެއް ކަމަށްދެކި މިވަގަތު ވާހަކަދެއްކުން ރަނގަޅު ނޫންކަމަށެވެ. މިއީ އެކަން ރަނގަޅު ކުރަންވީ ވަގުތުކަމަށެވެ. އަދި ސަރުކާރުން މިހާރު ހުރިހާކަމެއް އަމާޒު ކުރައްވާފައިވަނީ މިބަލިމަޑު ކަމުން އަރައި ގަތުމަށް ކަމަށާއި ކުރިއަށް އޮތް ދެ ހަފްތާވަރު މިގޮތަށް ހިފެހެއްޓިއްޖެނަމަ ބަލި ކޮންޓްރޯލް ކުރުމަށް އިތުރަށް މަގުފަހިވެގެންދާނެކަމަށެވެ.
ކޮމެންޓު ފޮނުވާ