އެންވަޔަރަންމެންޓް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި އައިމިނަތު ޝައުނާއަަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން ފާސް ކޮށްފިއެވެ.
މިމަހުގެ 5 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ކެބިނެޓަށް ގެންނެވި މިބަދަލާއި ގުޅިގެން ދެ މިނިސްޓަރުންނަށް ރުހުން ހޯއްދެވުމަށް މަޖިލީހަށް ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރުމަށް ފޮނުވާފައިވަނީ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށެވެ. ޝައުނާއަށް ރުހުން ދޭން ފާސްކުރީ މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
ކެބިނެޓަށް މި ބަދަލު ގެންނަވާފައިވަނީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުން އަވަސްކުރުމަށާއި، ސަރުކާރުގެ ދުވެލި ހަލުވިކުރުމަށްކަމަށް ސަރުކާރުން ހާމަކުރައްވާފައިވެއެވެ.
އެންވަޔަރަމަންޓް އެންޑް ޓެކްނޮލޮޖީ މިނިސްޓަރަކަށް ޝައުނާ އައްޔަންކުރެއްވިއިރު، ޝައުނާ އެހާތަނަށް ހުންނެވީ ރައީސް އޮފީހުގެ ޕޮލިސީ އޮފީހުގެ ސެކްރެޓަރީގެ މަޤާމުގައެވެ.
ސަރުކާރުގެ ދައުރު ދެބައިވެގެން ދިޔައިރު، ސަރުކާރުގެ ސްޕީޑް ލަސްކަމަށާއި، ނަތީޖާ ނުނެރެވޭކަމަސް ބުނެ ސަރުކާރަށް ބޮޑެތި ފާޑުކިއުންތަކެއް ވަނީ އަމާޒުވެފައެވެ. މިހާތަނަށް އާއިރުވެސް ސަރުކާރުގެ ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ. އެގޮތުން ބައެއް ވަޒީރުން ޕްރެޝަރާހެދި ވަނީ ފެޔަށްޖެހިވަޑައިގެންފައެވެ. އަދި އިތުބާރު ނެތްކަމުގެ ވޯޓުވެސް ނަގާފައިވެއެވެ.
ކޮމެންޓު ފޮނުވާ