ސެންޓްރަލް އޭޝިއާ ޒޯނަލް ވޮލީބޯލް އެސޯސިއޭޝަނުގެ ރައީސް ކަމަށް ލަތީފް އިންތިޚާބުކޮށްފި

ސެންޓްރަލް އޭޝިއާ ޒޯނަލް ވޮލީބޯލް އެސޯސިއޭޝަނުގެ ރައީސް ކަމަށް ލަތީފް އިންތިޚާބުކޮށްފި

ސެންޓްރަލް އޭޝިއާ ޒޯނަލް ވޮލީބޯލް އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ރައީސް މުޙައްމަދު ލަތީފް އިންތިޚާބުކޮށްފިއެވެ.

ކުރިއަށް އޮތް ދައުރަށް އެ އެސޯސިއޭޝަނުގެ ރައީސަކަށް ލަތީފް އިންތިޚާބުކުރީ، ވޯޓުގައި ބައިވެރިވި 13 ގައުމުގެ ތެރެއިން 12 ގައުމުގެ ވޯޓާއެކުއެވެ.

މި އިންތިޚާބުގައި ނައިބު ރައީސްގެ މަގާމަށް އިންތިޚާބުކޮށްފައިވަނީ އިންޑިއާގެ ބޭފުޅެކެވެ. ހިންގާ ކޮމިޓީގެ ގޮނޑި ކާމިޔާބުކުރެއްވީ އީރާނާއި، ބަންގްލަދޭޝް އާއި، ކަޒަކިސްތާން އަދި ކިރްގިސްތާނުން ވާދަކުރި ކެންޑިޑޭޓުންނެވެ. ޖެނަރަލް ސެކްރެޓަރީ އަކީ ކިރްގިސްތާނުން ވާދަކުރި ކެންޑިޑޭޓެވެ. ރައީސްގެ މަގާމަށް ލަތީފާ ވާދަކުރި ބަންގްލަދޭޝްގެ ކެންޑިޑޭޓް ވަނީ ވޯޓުގެ ކުރިން ނަން އަނބުރާ ނަގާފައެވެ.

ވޮލީބޯޅައިގެ އެންމެ އިސް ޖަމިއްޔާ އަކީ އެފްއައިވީބީ ކަމަށްވާއިރު، އޭޝިއާގެ ވޮލީބޯޅައިގެ އެންމެ އިސް ޖަމިއްޔާ އަކީ އޭވީސީއެވެ. އޭވީސީން ވަނީ އޭޝިއާގެ ކަންކަން ކުރުމަށް 5 އެސޯސިއޭޝަނެއްގެ މައްޗަށް ބަހާލާފައެވެ. އެގޮތުން ސެންޓްރަލް އޭޝިއާ ޒޯނަލް ވޮލީބޯލް އެސޯސިއޭޝަނަކީ ދެކުނު އޭޝިއާގެ ވޮލީބޯޅައިގެ ހަރަކާތްތައް ކުރިއަށް ގެންދާ އެންމެ އިސް އެސޯސިއޭޝަނެވެ.

1993 ވަނަ އަހަރު އުފެދުނު ސެންޓްރަލް އޭޝިއާ ޒޯނަލް ވޮލީބޯލް އެސޯސިއޭޝަނުގައި ޖުމްލަ 14 ގައުމު ހިމެނެއެވެ. އޭގެތެރޭގައި ހިމެނެނީ ދެކުނު އޭޝިއާގެ 8 ގައުމު ކަމަށްވާ ރާއްޖެ، ބަންގްލަދޭޝް، އިންޑިއާ، ސްރީ ލަންކާ، ޕާކިސްތާން، ނޭޕާލް، ބޫޓާން އަދި އަފްޣާނިސްތާންގެ އިތުރުން ސެންޓަރަލް އޭޝިއާގެ ފަސް ގައުމު ކަމަށްވާ ކަޒަކިސްތާން، ކިރްގިސްތާން، ތަޖަކިސްތާން، ތުރުކުމެނިސްތާން އަދި އުޒްބެކިސްތާނެވެ. މީގެ އިތުރުން ދެން ހިމެނެނީ އީރާނެވެ.

އޭވީސީ ބޯޑުގައިވެސް ހިމެނިވަޑައިގަންނަވާ ލަތީފް އެ މަގާމަށް އިންތިޚާބުވެފައި ވަނީ 2017 ވަނަ އަހަރުއެވެ.

ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަނުގެ ރައީސަކަށް ހުރި ލަތީފުގެ ހިންގާ ކޮމިޓީ ވީއޭއެމްގެ މަސައްކަތުން ދުރުކޮށްފައިވާތާ އަހަރެއް ވުމާ ގާތަށް ގޮސްފައިވާއިރު، އެސޯސިއޭޝަނުގެ ކަންކަން މިހާރު ހިންގަމުން ގެންދަނީ އިންޓަރިމް ކޮމިޓީއަކުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *