ޖަވާބުދާރީވާން ފުރުސަތު ނުދީ ވަކިކުރަން ނިންމުމުން އިސްމާއިލް އިސްތިއުފާ ދެއްވައިފި

ޖަވާބުދާރީވާން ފުރުސަތު ނުދީ ވަކިކުރަން ނިންމުމުން އިސްމާއިލް އިސްތިއުފާ ދެއްވައިފި

Author
މުޙައްމަދު ޝަޒައިމް
25 މެއި 2021 11:33
0

ޖަވާބުދާރީ ވާނޭ ފުރުޞަތެއް ނުދީ ފަނޑިޔާރުގެ މަޤާމުން ވަކިކުރުމަށް ޖޭއެސްސީން ނިންމުމުން ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛް އިސްމާޢީލް ރަޝީދު ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފިއެވެ.

އިސްތިއުފާދެއްވިކަން ހާމަކޮށް އިސްމާއިލް ރަޝީދު ޖޭއެސްސީއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ފަނޑިޔާރުކަމުގެ މަޤާމުގައި ހޭދަކުރި ހުރިހާ ދުވަހެއްގައިވެސް ޢަމަލުކޮށްފައިވާނީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާ އެންމެހައި ޤާނޫނުތަކާ އިސްލާމީޝަރީޢަތުގެ އެންމެހައި ކަންކަމަކީ މަސައްކަތުގެ އަސާސްކަމުގައި ބަލައިގެން އިންސާފާއި ހަމަހަމަކަމާއި ހާމަކަމުގެ މައްޗަށް ކަމުގައެވެ. އެއްވެސް ފަރުދަކަށް ޤާނޫނުން ބޭރުން ނުޙައްޤު ފައިދާއެއް ލިބޭނެހެން ނުވަތަ ނާއިންސާފުން އެއްވެސް ކަމެއްކޮށްފައި ނުވާއިރު، ހުރިހާ މައްސަލައެއްގައިވެސް ހަމަހަމަކަމުގެ އުޞޫލުން ޢަމަލުކޮށްފައިވާނެކަމަށެވެ.

ނަމަވެސް ޖަވާބުދާރީ ވާނޭ ފުރުޞަތެއް ނުދީ މަޤާމުން ވަކިކުރަން ނިންމި ނިންމުމަކީ އިންސާފުން އެއްކިބާވެފައިވާ ކޮމިޝަނުގެ ސިޔާސީ ޒާތީ ނިންމުމެއްކަމަށް ޤާޒީ އިސްމާއިލް ވަނީ ވިދާޅުވެފައެވެ. ޕެންޑްރައިވް އަކުން ފެނުނު ފައިލެއްގެ މައްސަލާގައި ވަކިކުރަން ނިންމިއިރު، އެ ޕެންޑްރައިވްއަކީ އޭނާގެ ޕެންޑްރައިވެއް ނޫންކަމަށް އިސްމާއިލް ވިދާޅުވިއެވެ. އަދި ޕެންޑްރައިވްއަކާ ގުޅޭގޮތުން ސުވާލެއްވެސް ކުރެވިފައި ނެތްކަމަށާއި، ޣައިރު ޙާޒިރުގައި ހޯދާފައިވާ ޕެންޑްރައިވްއަކުން ފެންނަ ފައިލަކާމެދު ޒިއްމާވުމަކީ ހަމަބުއްދި ޤަބޫލުކުރާނެ ހަމައެއް ނޫންކަމަށް އޭނާ ވަނީ ބުނެފައެވެ..

ކޮމިޝަނުން ތިޔަ ޕެންޑްރައިވެއް ހޯދި ފަހެ ކޮންތާކުން ހެއްޔެވެ؟ ތިޔަ ކޮމިޝަނަށް ހުށަހެޅުނު އަޅުގަނޑުގެ ޝަކުވާއާ ގުޅުމެއް ނެތް ޕެންޑްރައިވެއްގެ މައްސަލަ ތިލަވެގެން މިއުޅެނީ އަޅުގަނޑު މަޤާމުން ވަކިކުރާނެ އެހެން ސަބަބެއް ތިޔަ ކޮމިޝަނަށް ނުފެނުނީތީ ކަމުގައި ދެކެން.

– އިސްމާއިލް ވިދާޅުވިއެވެ.

އަމިއްލަފަރުދަކުވިޔަސް ދައުލަތުގެ ކަމެއް ހިންގާން ހުރި ފަރާތަކުންވެސް ފަނޑިޔާރުންގެ މަސައްކަތާބެހި ނުފޫޒު ފޯރުވައިގެން ނުވާނޭކަމަށް ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ކަނޑައަޅާފައިވާ މިންގަނޑުން އެއްކިބާވެ، ފަނޑިޔާރަކު ނިންމި ނިންމުމަކާ ގުޅިގެން މައްސަލައެއް ބެލުމަކީ، ޖޭއެސްސީން ޤާނޫނުއަސާސީ ބޮލާލައި ޖަހާފައިވާކަން އަންގައިދޭ ކަމަށްވެސް އިސްމާއިލް ވަނީ ވިދާޅުވެފައެވެ.

ފަނޑިޔާރުގޭގެ މިނިވަންކަމާއި މުސްތަޤިއްލުކަން ގެއްލި ފަނޑިޔާރުންނަށް މިނިވަންކަމާއެކު މަސައްކަތްކުރެވޭނެ މާޙައުލެއް ނެތްކަން އަޞްލެއްނެތް ޕެންޑްރައިވްގެ މައްސަލައިންވެސް ސާބިތުވާއިރު، މިއަދު ދިވެހިރާއްޖޭގެ މުޅި ފަނޑިޔާރުގެ ވަނީ ސިޔާސީ ފަރާތެއްގެ ވަކިތަކުގެ ދަށުގައި ތާށިވެ، މިނިވަންކަމާ ޢަދުލަށް ހުކުމް ކުރުމުން އެއްކިބާވެފައިކަމުންނާއި، އިންސާފުގެ މަގުން މިއަދު ފަނޑިޔާރުކަން ކުރެވޭނެ މާޙަލެއް ނެތަތީ މިއަދުން ފެށިގެން ފަނޑިޔާރުކަމުގެ މަޤާމުން އިސްތިއުފާ ދީފައިވަކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބާ ދެކޮޅަށް ދައުލަތުން އުފުލި ހަތް ދައުވާ މިދިޔަ އަހަރުގެ ޖުލައި މަހު ކޯޓުން ބޭރުކޮށްލުމާއެކު އަދީބު މިނިވަންވިއެވެ.

ނަމަވެސް ފަހުން ދައުލަތުން އެކަން ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެކޯޓުންވަނީ މައްސަލަތައް އަލުން ބެލުމަށް ކްރިމިނަލް ކޯޓުގެ މައްޗަށް އަމުރުކޮށްފައެވެ. އަދި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ފާޅުކަންބޮޑު ގޮތެއްގައި ކަނޑައެޅިގެން ޚިލާފަށް ޢަމަލުކުރިކަމަށް ތުހުމަތުކުރެވުމުން ޖޭއެސްސީންވަނީ ޤާޟީ އިސްމާޢީލް ރަޝީދު ސަސްޕެންޑްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.