ރާއްޖޭގެ ރަސްކަން ކުރައްވާފައިވާ އައްސުލްތާން ހަސަން ނޫރައްދީންގެ ރަދުންގެ ދަރިކަލުން މުހައްމަދު ނޫރައްދީން މިއަދު އަވަހާރަވެއްޖެ އެވެ.
އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ވުމަށްފަހު،، އަމީރް މުހައްމަދު ނޫރައްދީން އަވަހާރަވީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. އަދި އަވަހާރަވީ ކޯވިޑް ބަލީގައި ކަމެއް އަދި ޔަގީން ކުރެވިފައެއް ނުވެއެވެ.
މުހައްމަދު ނޫރައްދީންގެ ބައްޕާފުޅަކީ 1935 އިން 1943 ރާއްޖޭގެ ރަސްކަން ކުރެއްވި ހަސަން ނޫރައްދީން (ދެވަނަ) އެވެ. ރަސްކަމަށް އިސްވެވަޑައިގެންނެވީ، އޭގެ ކުރިން ރަސްކަން ކުރެއްވި މުހައްމަދު ޝަމްސުއްދީން ރަދުން (ތިން ވަނަ)ގެ ރަސްކަމަށް 1935 ވަނަ އަހަރު ނިމުން އައުމާއެކު 1935 ފެބްރުއަރީ 21ވަނަ ދުވަހުއެވެ.
ދއުލަތަށް ކުރައްވާފައިވާ އުގުހުރި ޚިދުމަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން، މުހައްމަދު ނޫރައްދީނަށް ސަރުކާރުންވަނީ ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު 2011 ވަނަ އަހަރު އަރުވާފައެވެ. އޭނާ ވަނީ މެދުނުކެޑި 53 އަހަރު ދައުލަތަށް ހިދުމަތް ކުރައްވާފައިވެ އެވެ.
އަދި އޭނާވަނީ ގިނަ ފަހަރުމަތިން ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަންވެސް ކުރައްވާފައެވެ. އޭގެ ތެރޭގައި ނ. އަތޮޅުގެ މެންބަރުކަމާއި، ދ. އަތޮޅުގެ މެންބަރުކަމާއި، ގއ. އަތޮޅުގެ މެންބަރުކަން ވެސް އެ ކުރައްވާފައި ވެއެވެ.
ނޫރައްދީނަކީ ރައީސް އޮފީހުގެ ފޮރިން ރިލޭޝަންސް ސެކްރެޓަރީ ސަބްރާ އިބްރާހިމް ނޫރައްދީންގެ ކާފާފުޅެވެ. މުހައްމަދު ނޫރައްދީންގެ އަނބިކަނބަލުން ފާތިމަތު ނާސިރާ މިދިޔަ އޭޕްރީލް މަހު ވަނީ އުމުރުފުޅުން 87 އަހަރުގައި އަވަހާރަވެފަ އެވެ. ނާސިރާ އަކީ ކުރިން ވަޒީރުކަން ކުރެއްވި ސާހިބުއްސައާދަތު ކޮލިގޭ އުމަރު މަނިކުގެ ދޮށީ ދަރިކަނބަލުންނެވެ.
ކޮމެންޓު ފޮނުވާ