ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާގެ ކުރީގެ އަނބިކަބަލުން އަދި ދަރިފުޅު (ލޫތު) ގެ މަންމަ އަސްރާ ނަސީމްްއަށް އެއްވެސް މީހަކު ކުޑައިމީސް ބަހެއް ނުބުނުމަށް އީސަ އެދިވަޑައިގެންފިއެވެ.
އީސަ ރޭ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވަނީ އޭނާގެ ދަރިފުޅު (ލޫތު) ގެ މަންމައަށް އެއްވެސް މީހަކު ކުޑައިމީސް ބައެއް ބުނުމަށް ނޭދޭކަމަށެވެ. އަދި އޭނާއަށް ކުރިމަތިވި އުދަނގޫ ވަގުތުގައި ހިއްވަރުދެއްވި އެންމެހައި ފަރާތްތަކަށް ޝުކުރު އަދާކުރާކަމަށެވެ.
އަޅުގަނޑު ވަރަށް ބޮޑަށް އެދެން އަޅުގަނޑުގެ ދަރިފުޅު (ލޫތު) ގެ މަންމައަށް އެއްވެސް މީހަކު ކުޑައިމީސް ބަހެއް ނުބުނުމަށް، އަދި އަޅުގަނޑަށް އިތުބާރުކޮށް ހިއްވަރުދެއްވި އެއްމެހައި ފަރާތްތަކަށް ޝުކުރު ދަންނަަވަން.
– އީސަ ފޭސްބުކް ގައި ލިޔުއްވާފައިވާ ވެއެވެ.

އަސްރާއަށް އެއްވެސް މީހަކު ކުޑައިމީސް ބަހެއް ނުބުނުމަށް ކުރީގެ ފިރިކަލުން އީސަ އެދިފައިވާއިރު، އަސްރާވަނީ ފުލުހަށް ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ނުގެންދިއުމަށް ފުލުހުންގެ ކިބައި އެދިފައެވެ. ނަމަވެސް ފުލުހުން ބުނެފައިވަނީ މިމައްސަލަ އަކީ ފުލުހުން ތަހުގީގް ކުރަމުންދާ މައްސަލައަކަށް ވުމުން މައްސަލަ ކުރިއަށް ގެންދާނެކަމަށް ބުނެފައެވެ.
މިމައްސަލާގައި އީސަ ހައްޔަރުކުރުމުގެ އަމުރަކަށްވެސް ފުލުހުންގެ އެދުމުގެ މަތީން ޕީޖީން ކޯޓުގައި އެދިފައިވެއެވެ. ނަމަވެސް ކޯޓު އަމުރުދީފައި ނުވެއެވެ. މިމައްސަލަ އަލުން އިސްތިއުނާފު ކުރުމާއި ގުޅޭގޮތުން ޕީޖީ އޮފީހުން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު އީސާގެ މައްޗަށް ތުހުމަތު ކުރެވި ތަޙުޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން، އަޙްމަދު އީސާ ހައްޔަރު ކުރުމުގެ އަމުރަކަށް އެދި މި އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، އެފަދަ އަމުރެއް ނެރެދެވޭނެ ތަނެއް ނެތްކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ނުކުރުމަށް ނިންމާފައިވާކަމަށެވެ.
އީސަގެ ގެވެށި އަނިޔާގެ މައްސަލަ މިދިޔަ އަންގާރަ ދުވަހުގެ ރޭ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ އޭނާ ދިިރިއުޅޭ އިމާރާތުގެ އެހެން ފްލޯއެއްގައި އުޅުނު ބައެކެވެ. މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރު ކަމުން މިހާރު ވަކިކޮށްފައިވާ އީސައާއި ދެކޮޅަށް ހުށަހަޅާފައިވާ ގެވެށި އަނިޔާގެ މައްސަލައަކީ އޭނާގެ އަންހެނުންނަށް އަނިޔާކުރި މައްސަލައެވެ.
މިމައްސަލާގައި އަސްރާވަނީ އޭނާއަށާއި، އޭނާގެ ދަރިފުޅަށް އީސަގެ ފަރާތުން ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަމަށް ވިދާޅުވެފައެވެ. މިމައްސަލަ ކުރިއަށް ނުގެންދިއުމަށް އަސްރާ އެދުމުން މިކަމުގައި އަމަލުކުރާނެ ގޮތެއް އަދި ފުލުުންވެސް އަދި ކަމާއި ގުޅުންހުރި އެހެން އިދާރާއަކުންވެސް ހާމަކޮށްފައި ނުވެއެވެ. އަސްރާއަކީ ނާއިބް ރައީސް ފައިސަލް ނަސީމްގެ ކޮއްކޮއެވެ.
ކޮމެންޓު ފޮނުވާ