ކޯވިޑް-19ގެ ބޮޑު އަދަވަޅަކަށް ޤައުމު ވެއްޓިފައިވާ މިހާލަތުގައި ދިވެހި ސަރުކާރުން ބޭރުގެ އެކި ޤައުމުތަކުގެ އެހީތެރިކަމަށް އެދެންޖެހޭކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ކޯވިޑްގައި ރާއްޖެއިން އެއްދުވަހުން އަނެއްދުވަށް ރެކޯޑް އަދަދަށް މީހުން މަރުވެ، ގިނަބަޔަކަށް މިހާރުވެސް ފަރުވާ ދެމުންދާ ދަނޑިވަޅެއްގައި ވަކި ޤައުމެއްގެ އިޝާރާތަކަށް މުޅި ޤައުމު ހުއްޓިފައި ނުބާއްވައި ނުދިނޭގެ އެކި ޤައުމުތަކުގެ އެހީއަށް ރާއްޖެއިން އެދެންޖެހޭކަމަށް ސައީދު ވިދާޅުވިއެވެ. ރާއްޖެއަކީ ދުނިޔޭގެ އެކި ޤައުމު ތަކާއި ގުޅުން ރަނގަޅު ޤައުމަކަށްވާއިރު، ކިތަންމެ ދަތި ހާލެއްގައިވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭންތިބި ޤައުމުތައް މަދު ނުވާނެކަމަށް ސައީދު ވިދާޅުވިއެވެ. މިހާލަތުގައި ބޭނުންވަނީ ސަރުކާރުގެ ހިންގުން އަވަސްކޮށް، އެހީއަށް އެދުން ކަމަށް އޭނާ ވިދާޅުވިއެވެ.
މުޅި ޤައުމު ބަލިވެއްޖެ! ވަކި ޤައުމެއްގެ ރުހުމަށް މަޑުކޮށް ވަގުތު ފާއިތުނުވަނީސް ބައިނަލް އަޤުވާމީ އެހީއަށް އެދެންޖެހޭ. ދިވެހި ރައްޔިތުންގެ އެކުވެރި ޤައުމުތައް ދިނިޔޭގައި މަދެއް ނުވާނެ، އަދި ކިތަންމެ ބާރު ބޮޑަށް އެޤައުމުތަކުން ދިވެހިންނަށް އެހީވާނެ. ސަރުކާރުގެ ދުވެލި އަވަސްކުރޭ.
– ސައީދު ވިދާޅުވިއެވެ.
ބޭރުގެ އެހީއަށް އެދުމަށް ގިނަ ބަޔަކު ގޮވާލަމުންދާ މިދަނޑިވަޅުގައި ސަރުކާރުގެ ތަރުޖަމާން ދާދި ފަހުން ވިދާޅުވެފައިވަނީ ކޯވިޑް-19ގެ ރާއްޖޭގައި މިހާރު އޮތް ހާލަތުގެ ކޮންޓްރޯލް ގެއްލިގެން ބޭރުގެ އެހީއަށް ސަރުކާރުން އެދިފައިނުވާނެ ކަމަށެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ދެއްކެވި ވާހަތަކާއި ގުޅިގެން ބައެއް މީޑިއާތަކުން ކަބަރު ކަވަރު ކޮށްފައުވާ ގޮތާއިމެދު ހިތްހަމަނުޖެހި މަބްރޫކު ވިދާޅުވެފައިވަނީ ކޯވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ދިވެހި ސަރުކާރުން މެދު ކެނޑުމެއްނެތި ބޭރުގެ އެކި ޤައުމުތަކާއި، އެކި ފަރާތްތަކުގެ އެހީތެރިކަން ހޯދަމުންދާކަމަށެވެ. ނަމަވެސް ހާލަތު މާ ގޯސްވެގެން “ކޮންޓްރޯލުން ނެއްޓި” ބޭރުގެ އެހީއަކަށް އަދި ދިފައިނުވާކަމަށް މަބްރޫކް ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ ކޯވިޑްގެ ހާލަތު ކޮންޓްރޯލް ގެއްލިފައި ނުވާކަމަށް މަބްރޫކް ވިދާޅުވެފައިވާއިރު، ފަރުވާދޭ ފެސިލިޓީތައް ފުރި، ޑޮކްޓަރުންނާއި ނަރުހުން އިންތިހާއަށް ބޭނުންވެފައިވާކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ކޮންމެ ދުވަހަކުވެސް ބަލިޖެހޭ މީހުންގެ އަދަދު އިންތިހާއަށް މަތިވަމުންދާއިރު، ބަލީގައި ނިޔާވާ މީހުންވެސް ދަނީ އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންނެވެ. މިގޮތުން އިއްޔެ އެކަނިވެސް ރާއްޖެއިން ކޯވިޑްގައި 11 މީހަކު ވަނީ މަރުވެފައެވެ. މިއީ މިހާތަނަށް އެއްދުވަހެއްގައި ކޯވިޑްގައި ރާއްޖެއިން މަރުވި އެންމެ ގިނަ އަދަދެވެ.
ކޮމެންޓު ފޮނުވާ