މާރުކޭޓް ގޮޅިތަކާއި، މާލޭގެ ބިންތަކުގެ ކުލި ކުޑަކޮށްފި

މާރުކޭޓް ގޮޅިތަކާއި، މާލޭގެ ބިންތަކުގެ ކުލި ކުޑަކޮށްފި

Author
މުޙައްމަދު ޝަޒައިމް
25 މެއި 2021 09:55
0

މާލޭ ސިޓީ ކައުންސިލުން އަމިއްލަ ވިޔަފާރިތަކަށް ދޫކޮށްފައިވާ ބިންތަކާއި ފައްތިޔާތަކާއި މާރުކޭޓް ގޮޅިތަކުން ނަގަމުން އަންނަ ކުލީގެ 30 ޕަސެންޓް ކުޑަކޮށްދޭން ނިންމައިފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ ބިންތަކެއް އަމިއްލަ ފަރާތްތަކަށް އެކި ކަންކަމުގައި ކުއްޔަށް ދީފައިވާނެ ކަމަށެވެ. މީގެއިތުރުން މާލޭގައި ހުރި ދެ މާރުކޭޓް ގޮޅިތަކަކީ ވެސް މާލެ ސިޓީ ކައުންސިލުން ކުއްޔަށް ދީފައިވާ ގޮޅިތަކެއް ކަމަށާއި އަދި މާލޭގެ ފަޅުތެރޭގައި ގިނަ ފައްތިޔާ ތަކެއް ވެސް ކުއްޔަށް ދީފައިވާނެ ކަމަށެވެ.

އެ ތަންތަނުގެ ކުލިން 30 ޕަސެންޓް ކުޑަކޮށްދޭން ނިންމި ނިންމުމާ އެކު ބޮޑު ލުޔެއް ލިބޭނެ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ. ކާނިވާ ސަރަހައްދާއި އަދިވެސް މާލޭގެ އިތުރު ބައެއް ސަރަހައްދުތަކުގައި ވިޔަފާރިކުރަން އަމިއްލަ ބައެއް ފަރާތްތަކަށް ބިން ދޫކޮށްފައިވެ އެވެ. އަދި މާލޭގެ އެކި ސަރަހައްދުތަކުގައި މާރުކޭޓް ހިންގުމަށް ވެސް ސިޓީ ކައުންސިލުން ވަނީ ބިން ކުއްޔަށް ދޫކޮށްފައެވެ.

މޭޔަރު ވިދާޅުވީ މާލޭގެ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކުގެ ސައިޒު ތަފާތު އިރު ގޮޅިތަކަށް ނަގަނީ ކުލީގެ ގޮތުގައި އެއް އަދަދެއް ކަމަށެވެ. އެއީ ހައްލުވާން ޖެހޭ މައްސަލައެއް ކަމަށާއި އެކަމަކު ކުއްޔަށް މިރޭ ދިން ލުއީގެ ދަށުން ގޮޅިތަކަށް ކުލީގެ ގޮތުގައި ދައްކަންޖެހޭނީ އެއް އަދަދެއް ކަމަށްވެސް ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވި ގޮތުގައި ލޮކްޑައުންގެ ތެރޭގައި ފައްތިޔާތަކުގައި އަޅާފައި ހުންނަ އުޅަނދުތަކުން ވައްކަން ކުރާ ކަމުގެ ޝަކުވާ ވެސް ލިބޭ ކަމަށެވެ. މޭޔަރު ވިދާޅުވީ ކުލި ކުޑަކުރަން ނިންމީ، ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާތީ ލުޔެއް ދިނުމުގެ ގޮތުން ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.