ކެނދިކުޅުދޫ ރާއިރާގެ މެމްބަރު އަހުމަދު އީސާއާއި ދެކޮޅަށް އޭނާގެ ކުރީގެ އަނބިކަބަލުން އަސްރާ ނަސީމް ފުލުހަށް ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ނުގެންދިއުމަށް އޭނާ ފުލުހުންގެ ކިބައި އެދިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަސްރާވަނީ މިމައްސަލަ އިތުރަށް ކުރިއަށްނުގެންދަން ބޭނުންނުވާތީ ފުލުސް އޮފީހުގައި އެކަމަށް އެދިފައެވެ. ނަމަވެސް މިމައްސަލާގައި ފުލުުހުން އެއްވެސް މައުލޫމާތެއް އަދި ހާމަކޮށްފައިނުވެއެެވެ. މިމައްސަލަ ރައްޔުތުންގެ މަޖިލީހުގެ ކޮމިޓީތަކުންނާއި، ކަމާއި ގުޅުންހުރި އިދާރާތަކުން މިހާރު ބަލަމުންދާއިރު މިމައްސަލަ ނުބަލަން އަސްރާ އެދުނު ސަބަބެއް އަދި އެނގިފައި ނުވެއެވެ.
މިމައްސަލާގައި އީސަ ހައްޔަރުކުރުމުގެ އަމުރަކަށްވެސް ފުލުހުންގެ އެދުމުގެ މަތީން ޕީޖީން ކޯޓުގައި އެދިފައިވެއެވެ. ނަމަވެސް ކޯޓު އަމުރުދީފައި ނުވެއެވެ. މިމައްސަލަ އަލުން އިސްތިއުނާފު ކުރުމާއި ގުޅޭގޮތުން ޕީޖީ އޮފީހުން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު އީސާގެ މައްޗަށް ތުހުމަތު ކުރެވި ތަޙުޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން، އަޙްމަދު އީސާ ހައްޔަރު ކުރުމުގެ އަމުރަކަށް އެދި މި އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، އެފަދަ އަމުރެއް ނެރެދެވޭނެ ތަނެއް ނެތްކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ނުކުރުމަށް ނިންމާފައިވާކަމަށެވެ.
އީސަގެ ގެވެށި އަނިޔާގެ މައްސަލަ މިދިޔަ އަންގާރަ ދުވަހުގެ ރޭ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ އޭނާ ދިިރިއުޅޭ އިމާރާތުގެ އެހެން ފްލޯއެއްގައި އުޅުނު ބައެކެވެ. މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރު ކަމުން މިހާރު ވަކިކޮށްފައިވާ އީސައާއި ދެކޮޅަށް ހުށަހަޅާފައިވާ ގެވެށި އަނިޔާގެ މައްސަލައަކީ އޭނާގެ އަންހެނުންނަށް އަނިޔާކުރި މައްސަލައެވެ.
މިމައްސަލާގައި އަސްރާވަނީ އޭނާއަށާއި، އޭނާގެ ދަރިފުޅަށް އީސަގެ ފަރާތުން ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަމަށް ވިދާޅުވެފައެވެ. މިމައްސަލަ ކުރިއަށް ނުގެންދިއުމަށް އަސްރާ އެދުމުން މިކަމުގައި އަމަލުކުރާނެ ގޮތެއް އަދި ފުލުުންވެސް އަދި ކަމާއި ގުޅުންހުރި އެހެން އިދާރާއަކުންވެސް ހާމަކޮށްފައި ނުވެއެވެ. އަސްރާއަކީ ނާއިބް ރައީސް ފައިސަލް ނަސީމްގެ ކޮއްކޮއެވެ.
ކޮމެންޓު ފޮނުވާ