ޤައުމުގެ ހާލަތާއިމެދު ރައީސްޔާމީންގެ ކަންބޮޑުވުން، އެތައްބަޔަކު އެދެނީ އެމަނިކުފާނުގެ ޚިދުމަތަށް: ޝިޔާމް

ޤައުމުގެ ހާލަތާއިމެދު ރައީސްޔާމީންގެ ކަންބޮޑުވުން، އެތައްބަޔަކު އެދެނީ އެމަނިކުފާނުގެ ޚިދުމަތަށް: ޝިޔާމް

Author
މުޙައްމަދު ޝަޒައިމް
24 މެއި 2021 04:26
0

ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ރާއްޖެ މިއަދު ދެކެމުންދާ ދުވަސްތަކާއިމެދު ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ނުހަނު ކަންބޮޑުވެ ވަޑައިގަންނަވާ ކަމުގައި އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

ރާއްޖޭގެ މިހާރުގެ ހާލަތާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ ކޯވިޑްގެ ހާލަތާއި ގުޅިގެން ރައީސް ޔާމީން ޖަލުން ގެއަށް ބަދަލު ކޮށްފައިވާއިރު، މިދިޔަ ހޮނިހިރު ދުވަހު ޕީޕީއެމްގެ ލީޑަރޝިޕާއި ބައްދަލުކުުރުމުގެ ފުރުސަތު ދީފައިވާކަމަށެވެ. ރައީސް ޔާމީނާއިއެކު ބޭއްވި މިބައްދަލުވުމުގައި އެމަނިކުފާނުގެ ކަންބޮޑުވުން އިންތިހާއަށް ފާޅުކުރެއްވި ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ކޯވިޑްގެ މިހާލަތުގައި ރައްޔިތުން އުޅެމުންދާ ހިތްދަތި ދަނޑިވަޅުގައި ރައްޔިތުންނަށް އެކަށީގެންވާ ފަރުވާއާއި، ވަސީލަތް ނެތުމުގެ ސަބަބުން ދިމާވާ ހިތްދަތި ހާލަތު ފެނި އެމަނިކުފާނުގެ ހަމްދަރުދީ ދިވެހި ރައްޔިތުންނާއިއެކުގައި ވާކަމަށް ވިދާޅުވެ ޝިޔާމްވަނީ ދެކެވުނު ބައެއް ވާހަކަތައް ހިއްސާ ކުރައްވާފައެވެ.

އެމަިކުފާނު ގެއަށް ބަދަލު ކުރިކަމުގައިވީނަމަވެސް މިހާރުވެސް ތަންފީޒު ކުރަމުންދަނީ ނުހައްގު ޖަލު ހުކުމެއްކަމަށް މިއަދުވެސް ޝިޔާމްވަނީ ތަކުރާރު ކުރައްވާފައެވެ. އަދި މިއަދު ޤައުމުގެ ރައްޔިތުން އުޅެމުންދާ ހަލަތުން ރައްޔިތުންނަށް އުންމީދީ ދުވަސްތަކެއް ހޯދުމަށް އެތައްބަޔަކު ރައީސް ޔާމީންގެ ޚިދުމަތަށް އެދެމުންދާކަމަށް ޝިޔާމް ވިދާޅުވިއެވެ. އިދިކޮޅު ކޯލިޝަނުން އޮތީ ކޯވިޑްގެ މިހާލަތުން ރައްޔިތުންނަށް ލުއިގޮތްތަކެއް ހޯދުމަށް ސަރުކާރަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުންދީ އެކީތެރިކަން ދިނުމަށް ތައްޔާރަށް ކަމަށެވެ.

ޕީޕީއެމްއަކީ އަބަދުވެސް ރައްޔިތުންގެ ހައްގުގައި ރައްޔިތުންނަށް ދިމާވާ ހިތްދަތި ވަގުތުތަކުގައި ރައްޔިތުންނާއިއެކުގައިވާ ޕާޓީއަކަށްވާއިރު މިފަދަ ހާލަތްތަކުގައި ރައްޔިތުންވެސް އެންމެބޮޑަށް އެދެނީ ރައީސް ޔާމީންއާއި ޕީޕީއެމްގެ ޚިދުމަތް އަލުން ލިބުންކަމަށެވެ. ޝިޔާމް ވިދާޅުވީ މިހާލަތުގައި ސަރުކާރުން ބޭރުގެ އެހީއަށް އެދެންޖެހޭކަމަށެވެ. މިއަށްވުރެ ޤައުމުގެ ހާލަތު ގޯސްވެ، ބޮޑު މަލިމަޑުކަމެއްގައި ގައުމު އޮތް ދުވަސްވަރެއް ނާންނައިރު، މިހާލަތުގައި ޤައުމުގެ އެތައް ބަޔަކު މަރުވެ އެތައް އާއިލާއެއް ހިތްދަތި ކަމުގައި ތިބިއިރު އެހީތެރިކަން ނުދެވޭނަމަ ސަރުކާރެއް އޮތުމުގެ އެއްވެސް މާނައެއް ނެތްކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.