ކޯވިޑް19 އަށް ޕޮޒިޓިވްވެ ފަރުވާ ދެމުން ދަނިކޮށް މަޝްހޫރު ގާނޫނީ ވަކީލު ނިޔާ ވެއްޖެއެވެ.
ޚަބަރު އޮންލައިނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޒަނީނު ނިޔާވެފައިވަނީ، މީގެ ހަފްތާއެއް ކުރިން ކޯވިޑަށް ޕޮޒިޓިވް، ފަރުވާ ދެމުން ދަނިކޮށް މިއަދުގެ މެންދުރުގެ ވަގުތެއްގައެވެ.
އުމުރުން 48 އަހަރުގެ ޒަނީނަކީ، މިސްރުން ތައުލީމު ހާސުލް ކުރައްވާއިގެން ރާއްޖެ ވަޑައިގަތް ފަހުން ފުޅާ ދާއިރާއެއްގައި ގާނޫނީ ވަކީލުކަން ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި އޭނާއަކީ މިހާރުވެސް، އިދިކޮޅު ޕީޕީއެމްގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއްވެސް މެއެވެ.
މީގެއިތުރުން އޭނާއަކީ މަދަނީ އަދި ޖިނާޢީ ގިނަ މައްސަލަތަކެއްގައިވެސް ގާނޫނީ ވަކީލުކަން ކުރަވަމުން ގެންދެވި ބޭފުޅެކެވެ.
މިއީ މިބަލީގައި ރާއްޖެއިން މިމަހު ނިޔާވި 48 ވަނަ މީހާއެވެ. އަދި ރާއްޖެއިން މިހާތަނަށް ނިޔާޥި 121 ވަނަ މީހާއެވެ.
ރާއްޖޭގައި ކޯވިޑް19ގެ ހާލަތު ގޯސްވެ، މިބަލީގައި މީހުން މަރުވަމުންދާ ނިސްބަތް ވަނީ ވަރަށް ބޮޑުތަނުން އިތުރު ވެފައެވެ. އެޗްޕީއޭއިން ބުނެފައިވަނީ މަރުވެފައިވާ %60 މީހުންނަކީ ވެކްސިން ޖަހާފައި ނުވާ މީހުން ކަމުގައެވެ.
ރާއްޖޭގައި މިބައްޔަށް ޕޮޒިޓިވްވާ މީހުންނާއި ބަލީގައި ނިޔާވާ މީހުންގެ ޢަދަދު އިތުރުވަމުން އަންނައިރު މިބަލިން ރައްކާތެރިވުމަށް ބޭނުންކުރަމުން އަންނަ ދިފާޢު ވެކްސިން ފުރިހަމަނުކޮށް ތިބި މީހުން ގިނަކަން ޑޮކްޓަރުން ފާހަގަކުރައްވައެވެ. ރާއްޖޭގައި ކޯވިޑްގެ ނުރައްކާ ބޮޑުވެ ބަލިޖެހޭ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. އަދި ނިޔާވާ މީހުންގެ އަދަދުވެެސް އިތުރުވެފައިވާއިރު، ހޮސްޕިޓަލުގައ އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ ޢަދަދުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން މިވަގުތުވެސް 286 މީހަކަށް އަންނަނީ އެޑްމިޓްކޮށްގެން ފަރުވާދެމުންނެވެ.
ކޮމެންޓު ފޮނުވާ