ކޯވިޑް-19 އާއި ގުޅިގެން ހެލްތް މިނިސްޓްރީން ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރި ވެންޓިލޭޓަރުތަކާއި ގުޅިގެން ހިނގައިދިޔަ ކަންތައްތަކުގެ ޒިންމާ ހަމައެކަނި ހެލްތް މިނިސްޓަރު ނަންގަވަން ނުޖެހޭކަމަށާއި، މިކަމުގައި މާލީވަޒީރު އިބްރާހިމް އަމީރުވެސް އިސްތިއުފާ ދޭންޖެހޭކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި ޓެކްސް ނެގުމުގެ އިދާރީ ޤާނޫނަށް ހުށަހެޅިފައިވާ އިސްލާހުތަކަށް ކުރެވުނު ބަހުސްގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ މި އިސްލާހަކީ މާލީ ކަންކަން އަނެއްކާވެސް އޮޅުން ބޮޅުން އަރުވައި ރައްޔިތުންގެ އަތުން އިތުރަށް ފައިސާ ނެގުމަށް ހުށަހެޅިފައިވާ އިސްލާހެއްލަމަށެވެ. އަދި މިއަދު ދައުލަތުގައި ހިނގާ ހުރިހާ ވައްކަމަކީ މާލީ ވަޒީރު އަޑީގައި ހުންނަވައިގެން ހިނގާ ކަންތައްތަކެއްކަމަށެވެ.
ޝިޔާމް ވިދާޅުވީ ވެންޓިލޭޓަރުގެ މައްސަލާގައި ހެލްތް މިނިސްޓަރ އަބްދުއްﷲ އަމީން އިސްތިއުފާ ދިނުމުން މިކަން ނުނިމޭކަމަށެވެ. މިކަމުގައި ދައުލަތުގެ އެކި ވުޒާރާތަކާއި، ފިނޭންސް މިނިސްޓަރުގެ ބައިވެރިވުން އޮތްކަން ހާމަވާންއިރު މިނިސްޓަރ އަމީރު މަޤާމުން އިސްތިއުފާ ދެއްވުމަށް ޝިޔާމް ވަނީ ގޮވާލާފައެވެ.
ވެންޓިލޭޓަރު މައްސަލާގައި ހެލްތް މިނިސްޓަރު އެކަނިތޯއޭ އަޅުގަނޑު ހިތައް އަރާ އިސްތިއުފާ ދޭންވީ. ހެލްތް މިނިސްޓަރުގެ އެންގޭޖްމަންޓް އެކަނިތޯއޭ އޮތީއޭގަ. ކޮބައިތޯއޭ ރައީސް އޮފީސް. ކޮބައިތޯއޭ އެހެން މުއައްސަސަތައް. ކޮބައިތޯއޭ، މާލީ ވަޒީރު މިކަމުގައި އޮތް ޒިންމާއަކީ. ތަޚްޤީގު ރިޕޯޓް ފޮނުވީމާ އެކަހަލަ މައްސަލަތަކެއް މިސަރުކާރަށް ނިސްބަތްވާ މައްސަލަތަކެއް ދައުވާކުރާކަށް ނުފޮނުވޭ.
– އަހުމަދު ޝިޔާމް
ޝިޔާމް ވިދާޅުވީ ސަރުކާރުން އަމާޒު ހިފާފައިވަނީ ވާދަވެރި ފަރާތްތަކުގެ މައްސަލަތައް ފަޓާސް ބަރިއެއްހެން ބެލުމަށްކަމަށެވެ. ޚާއްސަކޮށް ރައީސް ޔާމީންނަށް ނާއިންސާފުން ކޮށްފައިވާ ހުކުމަކީ މިކަމުގެ މިސާލެއްކަމަށެވެ. މިސަރުކާރުން ޚާއްސަކޮށް މަޖިލިސް ރައީސް އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ދިގު ލިސްޓެއް އޮތްކަމަށް ވިދާޅުވާއިރު، މިކަމުގެ ރައީސް ޔާމީނަށް އެކަނި އަދަބު ލިބުމަކީ އިންސާފެއް ނޫންކަމަށެވެ.
ކޮމެންޓު ފޮނުވާ