ކޯވިޑް19އަށް ޕޮޒިޓިވްވި އިތުރު މީހަކު ނިޔާ ވެއްޖެއެވެ.
އެޗްޕީއޭއިން ހާމަ ކޮށްފައިވާ ގޮތުގައި، އޭޑީކޭގެ އީއާރަށް ގެނައި، އުމުރުން 62 އަހަރުގެ ފިރިހެން މީހާ ނިޔާވެފައިވަނީ މިއަދު ހަވީރު ގަޑިން 6:52ގައެވެ.
މިއީ މިހާތަނަށް ކޯވިޑް19އަށް ޕޮޒިޓިވް ވެގެން ރާއްޖޭގައި ނިޔާވި 114ވަނަ މީހާއެވެ.
ރާއްޖޭގައި ކޯވިޑް19 ފެތުރެން ފެށިފަހުން މިބަލީގައި އެންމެ ގިނަ އަދަދަކަށް އެއްދުވަހެއްގައި މީހުން މަރުވެފައިވަނީ މިމމަހުގެ 19ވަނަ ދުވަހުއެވެ. އެދުވަހު ކޯވިޑަށް ޕޮޒިޓިވް ވެގެން 7 މީހަކު ވަނީ ނިޔާވެފައެވެ.
ފަހަކަށް އައިސް ރާއްޖޭގައި ކޯވިޑްގެ ހާލަތު ގޯސްވެ، މަރުވާ މީހުންގެ އަދަދު އިތުރުވަމުން ދާއިރު، ކޮންމެ ދުވަހަކު ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. މިގޮތުން، އިއްޔެއަކީ ރެކޯޑު އަދަދަކަށް މީހުން ޕޮޒިޓިވްވި ދުވަހެކެވެ. މިގޮތުން އިއްޔެ ރާއްޖެއިންވަނީ 1،187 މީހުން މިބައްޔަށް ޕޮޒިޓިވް ވެފައެވެ.
އިއްޔެވެސް ޕޮޒިޓިވް ކޭސްތައްމިހާ މައްޗަށް އަރާފައިވަނީ އޭގެ ކުރީ ދުވަސްތަކުގެ ނަތީޖާ ނުލިބޭ ސާމްޕަލްތަކުގެ ނަތީޖާ އިއްޔެގެ ނަތީޖާގައި ހިމެނުމުންކަމަށް އެޗްއީއޯސީން ބުންޏެވެ. އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރެއިން މާލޭ ސަރަޙައްދުން އެކަނިވެސް 965 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. އަދި އަތޮޅުތަކުގެ ރަށްރަށުން 214 މީހުން ޕޮޒިޓިވްވެފައިވާއިރު، ރިސޯޓުތަކުން 6 މީހަކާއި، ސަފާރީތަކުން ޕޮޒިޓިވްވި 2 މީހުންނެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 48،608 އަށް އަރާފައެވެ.
ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު 558 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 29،644މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. ޕޮޒިޓިވް ކޭސްތައް އިތުރުވާން ފެށުމާގުޅިގެން މިބައްޔަށް ފަރުވާ ހޯދަމުންދާ މީހުންނާއި ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދާ މީހުންގެ ޢަދަދުތައްވެސް ވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން މިވަގުތު ބައްޔަށް 18،843 މީހުން ފަރުވާ ހޯދަމުންދާއިރު 274 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.
ކޯވިޑްގެ ނުރައްކަތެރިކަން އިތުރުވަމުން ދާއިރު، މި ބައްޔާއި ދެކޮޅަށް ވެކްސިން ދިނުންވެސް އެޗްޕީއޭއިން ދަނީ ކުރިޔަށް ގެންދަމުންނެވެ. މިގޮތުން މިހާތަނަށް އައިއިރު، ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު 304،394 އަރާފައިވާއިރު، ދެވަނަ ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދު އުޅެނީ 149،435ގައެވެ.
ކޮމެންޓު ފޮނުވާ