ނޫސްވެރިޔާ އަބޫ ހުސެއިން ޝަހީދު ކޮށްލާފައިވަނީ އިސްރާއީލުން އޭނާގެ ގެއަށް ދިން މިސައިލް ހަމަލާތަކުގައި

ޝަހީދު ކޮށްލެވުނު ނޫސްވެރިޔާގެ ޖަނާޒާ ގާޒާގައި ބާއްވާއިފި

ޝަހީދު ކޮށްލެވުނު ނޫސްވެރިޔާގެ ޖަނާޒާ ގާޒާގައި ބާއްވާއިފި

އިސްރައީލުން ގާޒާއަށް ދެމުންދާ އުދުވާނީ ހަމަލާތަކުގައި، ޝަހީދު ކޮށްލެވުނު، ވޮއިސް އޮފް އަލް-އަގްސާ ރޭޑިއޯ ސްޓޭޝަންގައި މަސައްކަތް ކުރަމުންދިޔަ ނޫސްވެރިޔާގެ ޖަނާޒާ ގާޒާގައި ބާއްވައިފިއެވެ.

ފަލަސްތީނުގެ މަޝްހޫރު ނޫސްވެރިއެއް ކަމުގައިވާ ޔޫސުފް އަބޫ ހުސެއިންގެ ގެއަށް މިސައިލް ހަމަލާދީ، ގަޒާގެ ރަޑުވާން ގަބުރުސްތާން ކައިރީގައި ހުންނަ އޭނާގެ ގެ ބިމާހަމަކޮށް، އިސްރާއީލުގެ އަސްކަރިއްޔާއިން އޭނާ ޝަހީދު ކޮށްލާފައިވަނީ، އިސްރާއީލުގެ ފައިޓަރ ޖެޓްތަކުން މި ހަފްތާގެ ބުދަދުވަހު ގާޒާއަށް އަމާޒުކޮށް ދިން މިސައިލް ހަމަލާތަކުގައެވެ.

މި ހަލާތަކުގައި ޔޫސުފް އަބޫ ހުސެއިން ޝަހީދުވި ޚަބަރު އާންމުވެގެން ދިއުމާއެކު، އެތައް ބަޔަކު ވަނީ ހިތާމަކޮށް، އިސްރާއީލު ޖަވާބުދާރީ ކުރުވުމަށް ގޮވާލާފައެވެ.

ހުސެއިންގެ މަރުގެ ޚަބަރު އާންމުވެގެން ދިއުމާއެކު، އެތައް ބަޔަކު ވަނީ ހިތާމަކޮށް، އިސްރާއީލު ޖަވާބުދާރީ ކުރުވުމަށް ގޮވާލާފައެވެ.

ހުސެއިން ޝަހީދު ވުމާއިގުޅިގެން ވޮއިސް އޮފް އަލް-އަގްސާ ރޭޑިއޯއިން އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ، “ދަރިއެއް ފަދަ މުވައްޒިފު” ޝަހީދުވެގެން ދިއުމުގެ ހިތާމަ ފާޅުކުރާ ކަމަށާއި، މިއަދުގެ ހަވީރު 5 ޖަހާއިރު އަލް-ޝިފާ ހޮސްޕިޓަލުގައި ހިމޭންކަމުގެ ސުކޫތެއް ގެންނާނެ ކަމުގައެވެ.

“މުޅި ދުނިޔޭގެ ކުރިމަތީގައި، ދުޝްމަން އިސްރާއީލުގެ މި ލާއިންސާނީ ޖަރީމާގެ ޝަކުވާ އަހަރެމެން ކުރަން ބޭނުން. އެމީހުން އެދަނީ، އާންމު އެތައް ރައްޔިތުންނެއް އެމީހުންގެ ގޭގައި ތިއްބާ ހަމަލާދީ މަރަމުން، އަދި ނޫސް މީޑިއާތަކަށާއި އެތަންތާގަ މަސައްކަތް ކުރާ މުވައްޒިފުންނަށްވެސް،” މި ބަޔާނުގައި ބުނެފައި ވެއެވެ.

“ވޮއިސް އޮފް އަލް-އަގުސާ އިން ހައްގު ބަސް ބުނުމުގައި ފަސް ނުޖެހި ކުރިޔަށް ދާނެ. އަދި އިސްރާއީލުގެ އަނިޔާއާއި، އަޅުވެތިކަމުގެ ވާހަކަތައް ހާމަކުރަމުން ދާނެ. ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށް، އަދި އެމީހުންގެ ހައްތުތައް ކަށަވަރުވެ، ފަލަސްތީނުގެ އެންމެހާ ރައްޔިތުނަށް މިނިވަންކާމާއެކު، ގަދަރުވެރި ދިރިއުޅުމެއް ލިބިދެވެންދެން، އެބައިމީހުންގެ އަޑުއުފުލާ ދިނުމުގައި އަހަރެން ފަސް ނުޖެހި ދެމިތިބޭނަން.”

އިސްރާއީލުގެ ހަމަލާތަކުގައި ހުސެއިން ޝަހީދު ވުމާއިގުޅިގެން، އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް އިންވެސް ވަނީ މި ޚަބަރު ރިޕޯޓު ކޮށްފައެވެ. އެ ފެޑެރޭޝަންގެ ޖެނެރަލް ސެކެޓްރީ އެންތަނީ ބެލަންގާރު އޭނާގެ ޓުވިޓަރގައި ބުނެފައިވަނީ، އިސްރާއީލުގެ ސަރުކާރު ޒިންމާދާރު ކުރުވަން ޖެހޭނެ ކަމަށެވެ.

ނޫސްވެރިޔާ، ހުސެއިންގެ ބައްޕަ މުހައްމަދު އަބޫ ހުސެއިން ބުނެފައިވާ ގޮތުގައި، ގާޒާގެ ޝެއިޚް ރަޑްވާން އަވަށުގައި ހުންނަ އެއާއިލާގެ ގެ ވަނީ އިސްރާއީލުގެ މިސައިލް ހަމަލާގެ އަމާޒަކަށް ވެފައެވެ. އަދި ފުރަތަމަ މިސައިލް ހަމަލާއަށްފަހު، އިތުރު ދެމިސައިލް އެގެއަށް އަމާޒުކޮށް ފޮނުވާލާފައިވާ ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.

“އަހަރެމެންނަށް ގެދޫކޮށް ދެވުނު. އެހެންނަމަވެސް އަހަރެން ދަރިފުޅު ޔޫސުފް ވަނީ މަރުވެފަ” ނޫސްވެރިޔާ ޔޫސުފް އަބޫ ހުސެއިންގެ ބައްޕަ މުހައްމަދު އަބޫ ހުސެއިން ބުނެފައި ވެއެވެ.

އިސްރާއީލުގެ މިސައިލް ހަމަލާގައި ނޫސްވެރިޔާ ހުސެއިން ޝަހީދު ކޮށްލާފައި ވާއިރު، އެގައުމުގެ އަސްކަރިއްޔާއިން ފާއިތުވެދިޔަ ހަފްތާފައިވަނީ، އަލްޖަޒީރާ އަދި އެސޯސިއޭޓް ޕްރެސްގެ އޮފީހުގެ އިތުރުން އާންމުން ދިރިއުޅޭ އެތަކެއް އެޕާޓްމަންޓެއް ހުންނަ ގާޒާ ބިލްޑިންގއަށްވެސް މިސަައިލް ހަމަލާދީ އެ އިމާރާތް ބިމާ ހަމަކޮށްލާފައެވެ.

އިސްރާއީލުން މި މޭމަހުގެ 15 ވަނަ ދުވަހު، އަލް-ޖަލާ ޓަވަރު ބިމާއި ހަމަކޮށްލި ކޮށްލުން ޕްރެސް ފްރީޑަމް އެޑްވޮކޭޓްގެ ފަރާތުންވަނީ، އިސްރާއީލުން މިހާރު ކުރިޔަށް ގެންދާ އުދުވާންގައި މީޑިއާގެ އަޑު ކަޑުވާލުމަށް ދެމުންދާ ހަމަލާތައް ކުއްވެރިކުރާ ކަމަށް ބުނެފައެވެ.

އިސްރާއީލުން ބުނެފައިވަނީ، މިއިމާރާތަށް ހަމަލާ ދީފައިވަނީ، މިއިމާރާތުގައި ހަމާސްގެ މުޖާހިދުންގެ ސިއްރު އޮފީސްތައް ހިންގަމުންދާތީ ކަމުގައެވެ. އެހެންނަމަވެސް، މީގެ އެއްވެސް ހެއްކެއް އިސްރާއީލުގެ އަސްކަރިއްޔާއިން ހާމަކޮށްފައެއް ނުވެއެވެ.

އިސްރާއީލާ ހަމާސް ޖަމާއަތާ ދެމެދު މޭމަހުގެ 10 ވަނަ ދުވަހުންފެށިގެން ހިގަމުންދާ ހަމަލާ ބަދަލު ކުރުންތަކުގައި މިހާތަނަށް ފަލަސްތީނުގެ 220 މީހަކު ވަނީ ޝަހީދު ވެފައެވެ. މީގެތެރޭގައި 63 ކުޑަކުދިންވެސް ހިމެނެއެވެ. އަދި މީގެ އިތުރުން 1،500 މީހުން ވަނީ ޒަޚަމް ވެފައެވެ.

އިސްރާއީލުގެ ރަސްމީ ފަރާތްތަކުން ހާމަ ކޮށްފައިވާ ގޮތުގައި، ގާޒާއިން އިސްރާއީލުގެ އަވަށްތަކަށް ދީފައިވާ ރޮކެޓް ހަމަލާތަކުގައި މިހާތަނަށް 12 މީހަކު ވަނީ މަރުވެފައެވެ. މީގެ ތެރޭގައި 2 ކުޑަކުދިން ހިމެނޭއިރު، މިހާތަނަށް މި ހަމަކާތަކުގައި 300 މީހުންނަށް އަނިޔާވެފައިވާ ކަމަށްވެސް އިސްރާއީލުން ހާމަ ކޮށްފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *