ނަޝީދަށް ދެވުނު ހަމަލާގެ އިންކުއަރީއެއް މަޖިލީހުން ހަދަނީ

ނަޝީދަށް ދެވުނު ހަމަލާގެ އިންކުއަރީއެއް މަޖިލީހުން ހަދަނީ

Author
މުޙައްމަދު ޝަޒައިމް
17 މެއި 2021 03:15
0

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީ ބަލަހައްޓަމުން ދަނިކޮށް އެމަނިކުފާނަށް ހަމަލާ ދިން ގޮތުން އިންކުއަރީއެއް ރައްޔިތުންގެ މަޖިލީހުން ހެދުމަށް މަޖިލީހުން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިމަހުގެ 6 ވަނަ ދުވަހުގެރޭ ދެވުނު ޓެރަރިސްޓު ހަމަލާއާއި ގުޅިގެން ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީން އެކުލަވާލި ރިޕޯޓް މަޖިލީހުން ވަނީ ފާސްކޮށްފައެވެ. މި ރިޕޯޓް މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 42 މެމްބަރުންގެ ވޯޓުންނެވެ.

ކޮމިޓީން އެކުލަވާލި ރިޕޯޓުގައި ވަނީ މައިގަނޑު ކަމަކަށް ލަފާދީފައެވެ. އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކޮމިޓީން ހުށަހަޅާފައިވަނީ ދައުލަތުގެ ތިން ބާރުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ސަލާމަތީ ޚިދުމަތްތަކުން ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދެމުން ދަނިކޮށް 06 މޭ 2021 ވަނަ ދުވަހުގެ ރޭ އެ ރައްކާތެރިކަން ބްރީތްވިގޮތުގެ އިންކުއަރީއެއް ހިންގުމަށެވެ.

މި އިންކުއައިރީ ކުރިއަށް ގެންދާނެގޮތާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރުމަށްފަހު، ޤާނޫނާއި ގަވާއިދު ތަންދޭ އެންމެ ފުޅާދާއިރާއެއްގައި އެ އިންކުއަރީ ކުރިއަށް ގެންދިއުމަށް ކޮމިޓީން ވަނީ ނިންމާފައެވެ. އަދި ހަމައެއާއެކު މި މަސައްކަތުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކުގެ އެކްސްޕާރޓް އެހީތެރިކަން ހޯދުމަށްވެސް ކޮމިޓީއި ވަނީ ނިންމާފައެވެ.

ކޮމިޓީންވަނީ މިމައްސަލަ ފުލުހުން މިހާރު ތަހުގީގް ކުރަމުންދާއިރުވެސް، އެއިދާރާއިން އަމަލުކުރުމަށް ކޮމިޓީއަށް ފެންނަ ކަންތައްތަކެއް ހުށަހަޅާފައެވެ. އޭގެ ތެރޭގައި ޓެރަރިޒަމްގެ މިފަދަ މައްސަލަތައް ތަޙްޤީޤުކުރުމުގައި މިހާތަނަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ރިޢާޔަތްކޮށް، މައްސަލަ، ސީރިއަސް އަދި އަވަސް މައްސަލައެއްގެ ގޮތުގައި ތަޙްޤީޤުކޮށްދިނުމަށާއި، އެ މައްސަލައިގެ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ ހެކި ނައްތާލުމުގެ ކުރިން މައްސަލައަށް ބޭނުންވާ ހެކި ހޯދުމަށް ވަނީ ލަފާދެއްވާފައެވެ

އަދި މި މައްސަލައިގެ ތަޙްޤީޤުކުރިއަށްދާއިރު، ކަމާގުޅުންހުރި ބޭރުގެ ފަންނީ އަދި ޤާބިލް ބޭފުޅުންގެ އެހީތެރިކަން ހޯއްދަވައިގެން ތަޙްޤީޤު ކުރިއަށް ގެންދެވުމަށާއި، ތަޙްޤީޤު ކުރިއަށްދާ މިންވަރަކުން ތަޙްޤީޤާގުޅޭ އެންމެހައި ކަންކަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއާ ޙިއްޞާކޮށްދެއްވުމަށް ވަނީ ލަފާދީފައެވެ. އަދި މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަޙްޤީޤު ކުރަމުންދާއިރު ކޮމިޓީން އެކަން ޤާތުން ބަލަމުން ގެންދިއުމަށްވެސް ވަނީ ފާސްކޮށްފައެވެ،

ރައީސް ނަޝީދަށް ދެވުނު ހަމަލާގެ އިންކުއަރީއެއް މަޖިލީހުން ހަދުމަށް ނިންމާފައިވާއިރު، ރައީސް ޞާލިހު އަންގަވައިގެން މިމައްސަލައިގެ ކަން ހިނގާ ދިޔަ ގޮތުގެ އިންކުއަރީއެއް މިހާރުވެސް ދަނީ ހަދަނުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.