ރައީސް ނަޝީދުގެ ސެކިއުރިޓީ އެމްއެންޑީއެފްއިން ބަލަހައްޓަމުން ދިޔަކަމަށް ބުނިނަމަވެސް، ސެކއިރިޓީ ބެލެހެއްޓިފައި ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން މަޖިލީހުގެ ރިޔާސަތުން ހުށަހެޅި މައްސަލާގައި ވާހަކަ ދައްކަވަމުން ބޮންޑޭ ވިދާޅުވީ ރާއްޖޭގެ ސަލާމަތީ ކަންކަން މިހިސާބަށް ދާންޖެހުނީ، އެކަންކަން ކަށަވަރު ކުރައްވަންތިއްބެވި ބޭފުޅުންނަށް އެކަން ނުބެލެހެއްޓެވެމުންކަމަށެވެ. ރައީސް ނަޝީދުގެ ސެކިއުރިޓީ ބެލެހެއްޓަމުން ދިޔަކަމަށް އެމްއެންޑީއެފްއިް ބުނަމުން ދިޔަ ނަމަވެސް އެކަން ޤަބޫލު ނުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް ނަޝީދަކީ ދައުލަތުގެ ތިންބާރުގެ ތެރެއިން އެއްބާރުގެ ވެރިޔަކަށް ވެފައި، ކުރީގެ ރައީސަކަށްވާއިރު އެމަނިކުފާނުގެ ސެކިއުރިޓީ ތިން ބޮޑީގާޑުން ބައިތިއްބައިގެން ބެލެހެއްޓެމުން ނުފުދޭކަަމަށް ބޮންޑޭ ވިދާޅުވިއެވެ. ޓެކްނޮލޮޖީއާއިއެކު ދުނިޔެއަށް އަންނަ ބަދަލުތަކާއިއެކު ގާތުގައި ބައިތިއްބާ ހަށިފާރަވެރިންނަށް އެކަނި މިއަދު ރާވާ ނުރައްކާތެރި ހަމަލާތައް ނުހުއްޓުވޭނެކަމަށާއި، އެކަންކަމަށް ޒަމާނީ ވަސީލަތްތަކާއިއެކު ސަލާމާތީ ބާރުތަކުން ފާރަވެރިވާންޖެހޭކަމަށެވެ.
ބޮންޑޭ ވިދާޅުވީ ސަލާމަތީ ފަރާތްތަކުން ވަރަށް ބޮޑަށް ކަންކަމުގައި ފަރުވާ ކުޑަވެފަިއވާކަމަށެވެ. ކޮންމެ ހާދިސާއެއްވެސް ހިނގުމުން އެކަމެއް ނުހިނގާނެކަމަށް އަބަދު ވާހަކަ ދައްކަނުންދާކަމަށެވެ. ނަމަވެސް އެއް ހާދިސާއަކަށްފަހު އަނެއް ހާދިސާ، އެއް ހަމަލާއަށްފަހު އަނެއް ހަމަލާ ތަކުރާރުވެގެންދާކަމީ ސާލާމަތް ބަލަހައްޓަވަން ތިއްބަވާ ބޭފުޅުންގެ ނާގާބިލްކަން ކަމުގައި ބޮންޑޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިއަދު އާދައިގެ ކުޅޭ ކުޅޭ ރިމޯޓް ކޮންޓްރޯލް ކުރާ ސާމާނުންނާއި، ބައްތި ފޯނުންވެސް ހަމަލާތައް ދީފައިވާކަން ފެންނަން ހުރިކަމަށެވެ. މިލެވެލްއަށް ހަމަލާދޭ މީހުންގެ ކަންކަން ކުރިއަރާފައިވާއިރު، މިކަންކަން ހުއްޓުވުމަށް ސަލާމަތީ ބާރުތަކުން އަޅަންޖެހޭ ފިޔަވަޅު އަޅަންޖެހޭކަމަށެވެ.
ބޮންޑޭ ވިދާޅުވީ ރައީސް ނަޝީދަށް ދެވިފައިވާ ހަމަލާއާއި ގުޅިގެން މިހާރު އުފެދޭ ސުވާލަކީ މިކަމުގެ އަޑީގައި ތިބި މީހުން ހޯދިދާނެކަމާއި މެދުގައި ކަމަށެވެ. ރާއްޖޭގައި ހިނގައިދިޔަ މިފަދަ ހާދިސާތަކުގައި މިހާތަނަށް ކަންކަން ވެފައިވާ ގޮތަށް ބަލާއިރު މިކަންވެސް އެހެން ގޮސްދާނެކަމަށް ބެލެވުމުގެ ޖާގަ އެބައޮތަކަމަށެވެ. އޭނާ ވަނީ މިކަމުގައި ޝާމިލުވާ މީހުން ވަގުތުން ވަގުތަށް ހައްޔަރުކޮށް ދޭންޖެހޭ އެންމެ ހަރުކަށި އަދަބު ދިނިމަށް ގޮވާލާފައެވެ.
ކޮމެންޓު ފޮނުވާ