އައްޑޫ އޮޕަރޭޝަންގައި ހައްޔަރުކުރި ހަރުކަށި ފިކުރުގެ މީހުންގެ ބަންދަށް މުއްދަތު ޖަހައިފިއެވެ.
ފުލުހުން ބުނީ އައްޑޫ ސިޓީގައި ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި ހަތް މީހުންގެ ތެރެއިން ތިން މީހެއްގެ ބަންދަށް 15 ދުވަސް އަދި ހަތަރު މީހެއްގެ ބަންދަށް ހަތް ދުވަސް ކޯޓުން ދީފައިވާ ކަމަށެވެ.
ޓެރަރިޒަމާ ދެކޮޅަށް ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އައްޑޫ އިން ހަތް މީހަކު ހައްޔަރު ކޮށްފައިވެއެވެ. ނަމަވެސް އެ މީހުން ހައްޔަރުކުރި ވަކި ސަބަބެއް ފުލުހުން ބުނެފައެއް ބުނެފައެއް ނުވެއެވެ.
އައްޑޫގައި ސަލާމަތީ ބާރުތަކުން ޚައްޞަ އޮޕަރޭޝަނެއް ހިންގާ 7 މީހަކު ހައްޔަރުކޮށްފައި މިވަނީ، މިމަހުގެ ހަވަނަ ދުވަހުގެރޭ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށްފަހު، ރާއްޖޭގެ ސެކިއުރިޓީ ވަރުގަދަކޮށް، މާލެ އާއި އަތޮޅު ތެރޭގައި ހަތިޔާރާއިއެކު ސިފައިން ހަރަކާތްތެރިވަމުންދާކަމަށް އެމްއެންޑީއެފައިން ބުނެފައިވަނިކޮށެވެ.
މިމަހުގެ ހަވަނަ ދުވަހުގެރޭ ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ސިފައިން ވަނީ މާލެއާއި ހުޅުމާލޭގެ ބައެއް ގެތަކާއި ތަންތަން ބަލާ ފާސްކޮށްފައެވެ. އަދި ސެކިއުރިޓީ އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން މިހާދިސާއާއި ގުޅިގެން އެމްއެންޑީއެފްގެ އެލާޓް ސްޓޭޓަސްވެސް މަތިކޮށްފައިވާކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ. މީގެ އިތުރުން ރައީސް މުހައްމަދު ނަޝީދަށް ދީފައިވާ ޓެރަރިސްޓް ހަމަލާއަށްފަހު ލިބުނު މައުލޫމާތަކައި ގުޅިގެން ވެލާނާ އިންޓަރނޭޝަލް އެއާޕޯޓްގެ ސެކިއުރިޓީވެސް ވަރުގަދަކޮށްފައެވެ.
ކޮމެންޓު ފޮނުވާ