ކޯވިޑް ބަލީގައި ފަރުވާދެނުންދިޔަ ދިވެހި ފިރިހެނަކު ނިޔާވެއްޖެއެވެ.
އެޗްޕީއޭއިން ބުނެފައިވަނީ ނިޔާވެފައިވަނީ ހުޅުމާލޭ ކޯވިޑް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ އުމުރުން 83 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މިމީހާ ނިޔާވީ މިއަދު މެންދުރުފަހު 3:10 ގައި ކަމަށް އެޗްޕީއޭއިން ބުނެއެވެ. މިމަރާއިއެކު ކޯވިޑްގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 97 އަށް އަރާފައެވެ.
ކޯވިޑް ބަލީގައި މިއަދު ފުރަތަމަ ނިޔާވީ އުމުރުން 81 އަހަރުގެ ދިވެހި ފިރިހެނެކެވެ. ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ މި މިހާ ނިޔާވެފައިވަނީ ރޭ ދަންވަރު 02:38 އެހާކަންހާއިރުއެވެ. މި ބަލީގައި ދެން މިއަދު ނިޔާވީ އުމުރުން 30 އަހަރުގެ ޒުވާން އަންހެނެކެވެ. މީ މިބަލީގައި ރާއްޖެއިން ނިޔާވި އެންމެ ހަގު މީހާއެވެ. މި ޒުވާނާ ނިޔާވީ ފަތިހު 04:30 އެހާކަންހާއިރުއެވެ. މި ޒުވާނާވެސް ނިޔާވީ މި ބައްޔަށް ޕޮޒިޓިވްވެ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އަންނަނިކޮށެވެ.
މި އަދަދުތަކާއި އެކު މި މަހުގެ ތެރޭގައި މިބަލީގައި ނިޔާވި މީހުންގެ އަދަދު މިވަނީ 24 އަރާފައެވެ. މިއަހަރުގެ މިހާތަނަށް 46 މީހަކު މިވަނީ މިބަލީގައި ރާއްޖެއިން ނިޔާވެފައެވެ.
ރާއްޖޭގައި ކޯވިޑް ފެތުރޭ މިންވަރު އިތުރިވަމުން އައިސް ދުވާލެއްގެ މައްޗަށް މި ބަލިޖެހޭ މީހުންގެ އަދަދު 1000 މަތީގައި ހުންނަތާ މިވަނީ ހަފްތާއަކަށް ވުރެ ގިނަ ދުވަސްވެފައެވެ. އިއްޔެ އެކަނިވެސް ރާއްޖެއިން 1007 މީހުނަށް މި ބަލި ޖެހުނު ކަމަށްވަނީ ރެކޯޑްކޮށްފައެވެ. މީގެތެރޭގައި މާލޭ ސަރައްހަދުން ބަލި ޖެހުނު 793 މީހަކާއި އަތޮޅުގެ ރަށްތަކަކުން މި ބައްޔަށް ޕޮޒިޓިވްވި 183 މީހުން ހިމެނެއެވެ.
ކޮމެންޓު ފޮނުވާ