މާލެ ސިޓީ ކައުންސިލަށް އިންތިޚާބު ވެފައިވާ މޭޔަރާއި، ކައުންސިލަރުން ހުވާ ކުރުމުގެ ރަސްމިއްޔާތު މާދަމާ ސަލްޓަންޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނެފައިވަނީ 10 އޭޕްރިލް 2021 ގައި ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރަށް ހޮވިވަޑައިގެންފައިވާ އިންތިޚާބީ މޭޔަރ އާއި އިންތިޚާބީ ކައުންސިލަރުން މަޤާމުގެ ހުވާކުރުމުގެ ރަސްމިއްޔާތާއި، މާލޭ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ 4 ވަނަ ދައުރަށް ހޮވިވަޑައިގެންނެވި މެމްބަރުން އިޤްރާރުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތު މާދަމާ ހެނދުނު 09:00 ގައި ސަލްޓަން ޕާކުގައި ބޭއްވުމަށް ހަމަޖެހިފައި ވާކަމަށެވެ.
މި ދުވަސްވަރަކީ ވަރަށް ހަލުވިކަމާއި އެކު ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި އާއި ޚާއްސަކޮށް މާލޭ ސިޓީގައި ކޯވިޑް- 19 ފެތުރަމުންދާ ދުވަސްވަރަކަށް ވާތީ، މި ރަސްމިއްޔާތު ބާއްވަން ހަމަޖެހިފައިވާ ސަލްޓަން ޕާކު އާންމުންނަށް ވަދެވޭ ގޮތަށް ހުޅުވާލެވާލައިގެން ނޫންކަމަށްވެސް ސިޓީ ކައުންސިލުން ބުނެފައިވެއެވެ. ނަމަވެސް މި ރަސްމިއްޔާތު ޓީ.ވީ.އެމް އާއި މާލެ ސިޓީ ކައުންސިލުގެ ފޭސްބުކް ޕޭޖް އިން ވަގުތުން ލައިވް ކުރާ ގޮތަށް ހަމަޖެހިފައި ވާކަމަށެވެ.
މާލެ ސިޓީ ކައުންސިލްގެ މޭޔަރަކަށް އިންތިޚާބު ވެފައިވަނީ ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު އެވެ. އަދި މާލެ ސިޓީގެ ގިނަ ގޮޑި ނަގާފައިވަނީ އިދިކޮޅު ކޯލިޝަނުންނެވެ.
ކޮމެންޓު ފޮނުވާ