ޗެލްސީ ބަލިކޮށް ފުރަތަމަ ފަހަރަށް އިނގިރޭސި އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތް ލެސްޓާ ސިޓީން ކާމިޔާބުކޮށްފިއެވެ.
ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗު ލެސްޓާ ސިޓީން ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ.
ލެސްޓާ އެންމެ ފަހުން އެފްއޭ ކަޕް ފައިނަލުގައި ކުުޅުނީ 1969 ވަނަ އަހަރުއެވެ. ފައިނަލުގައި ލެސްޓާ އަތުން ޗެލްސީ ބަލިވުމާއެކު މިއީ، ޖެހިޖެހިގެން އެފްއޭއޭ ކަޕުގެ ފައިނަލުގައި އެޓީމު ބަލިވި ދެވަނަ ފަހަރެއެވެ. އެގޮތުން މިދިޔަ އަހަރުގެ ފައިނަލުގައި ލަމްޕާޑްގެ ކޯޗުކަމުގައި ޗެލްސީ ބަލިވީ އާސެނަލް އަތުން 2-1 އިންނެވެ.
މިރޭގެ މެޗަށް ވެމްބްލީ ސްޓޭޑިއަމަށް ކޮންމެ ޓީމަކުން 6000 ސަޕޯޓަރުން ވެއްދުމަށް ވަނީ ހުއްދަ ދީފައެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށްވެސް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ ނަމަވެސް، މި ހާފުގައި ލަނޑެއް ފެނިފައެއް ނުވެއެވެ.
މެޗުގެ ދެވަނަ ހާފް ފަށައިގެން ލެސްޓާއިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް، ލަނޑެއް ޖަހަން ވަރަށް މަސައްކަތްކޮށްފައެވެ. އެގޮތުން މި މެޗުގައި ލެސްޓާއިން ޖެހި ހަމައެކަނި ލަނޑު 63 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، ޔޫރީ ޓިއެލެމަންސްއެވެ. މި ލަނޑަށްފަހު ޗެލްސީން ވަނީ ލެސްޓާގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ނަމަވެސް ލެސްޓާގެ ކީޕަރ ޝްމައިކަލް ވަނީ ހުށިޔާރުކަމާއެކު އެ ހުރިހާ ހަމަލާތަކެއް ދިފާޢުކޮށްފައެވެ.
މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ލެސްޓާގެ ވެސް މޯގަން އަތުން ބައިކޮޅަށް ލަނޑެއް ވަން ނަމަވެސް، އޭގެ ކުރިން ޗެލްސީގެ ޗިލްވެލް އޮފްސައިޑުގައި ހުރުމުން ވީޑިއޯ އިސްޓަންޓް ރެފުރީ (ވީއޭއާރް) އިން އެ ލަނޑު ބަލައިގެންފައެއް ނުވެއެވެ.
މެޗު ނިމުމާ އެކު ލެސްޓާގެ ކުޅުންތެރިންނާއި އޮފިޝަލުން ވަރަށް ބޮޑަށް އުފާފާޅުކޮށްފައެވެ. އަދި އުފާފާޅުކުރުމުގެ ތެރޭގައި ލެސްޓާގެ ކުޅުންތެރިން ވަނީ ފަލަސްތީނާއެކު ތިބިކަން ހާމަކުރުމުގެ ގޮތުން އެ ޤައުމުގެ ދިދަ ބޭނުންކޮށްފައެވެ.
ކޮމެންޓު ފޮނުވާ