މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒްކޮށްދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އިންޓެލިޖެންސް އޮޑިޓް ރިޕޯޓެއް ތައްޔާރުކުރުކޮށް ނިމެންދެން ސަލާމަތީ ކަންކަމުގައި އިހުމާލުވި މީހުންނާއިމެދު ފިޔަވަޅު ނާޅާއި ލަސްކުރުމަކީވެސް އިހުމާލަކަށް ވުމުގެ ޖާގަ އޮންނާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދަށް އަމާޒްކޮށްދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އިންޓެލިޖެންސް އޮޑިޓް ރިޕޯޓެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފައިވާކަން ހާމަކުރެއްވީ ރޭ ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީވެ. އޭނާ ވިދާޅުވީ މިމަސައްކަތް ކުރިއަށް ގެންދަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ބަންޑާރަ ނައިބުގެ އޮފީސް ހިމެނޭގޮތަށް އެކުލަވާލާފައިވާ ކޮމިޓީއަކުން ކަމަށެވެ. އަދި މިކޮމިޓީގެ ހޯދުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރައްވަމުން ގެންދަވާނެ ކަމަށެވެ.
މިއޮޑިޓާއި ގުޅިގެން ވަހީދު ވިދާޅުވީ އާދައިގެ އޮފީހެއްގައި ހިނގާކަމަކަށް އޮޑިޓެއްހަދައި ނިމެންދެން ފިޔަވަޅެއް ނާޅައި ފަރުޖައްސާލި ނަމަވެސް، ޤައުމީ ސަލާމަތަށް ނުރައްވާވަރުގެކަންކަން ހިނގައި އެކަންކަމުގައި އަޅަންޖެހޭ ފިޔަވަޅު އެންމެ ރަނގަޅުވަގުތުގައި ނޭޅިއްޖެނަމަ އެއީވެސް އިހުމާލަކަށް ވުމުގެ ޖާގަ އޮންނާނެކަމަށެވެ. އަދި ފިޔަވަޅު ނާޅައި ލަސްކޮށް، ފަސްކުރުމަކީވެސް އެކަމުން ނޭދެވޭ ކަންކަން ހިނގުމުގެ ޖާގަ އޮންނާނެ ކަމެއްކަމަށެވެ.
އާދައިގެ އިދާރާއެއްގެ އިހުމާލެއްގެ އޮޑިޓް ނިމެންދެން ފިޔަވަޅެއް ނާޅާތިބުން ފަރުޖައްސާލެވުނަސް، އެންމެމަތީ ސަލާމަތާބެހޭ ކަމެއްގައި ވާ އިހުމާލުގެ އޮޑިޓް ހަދާ ނިމެންދެން ފިޔަވަޅެއް ނާޅާ މަޑުކުރުމަކީވެސް، އިތުރު އާއިހުމާލަކަށްވެ، އިތުރު އާގޯހެއް ހިނގާން އޮންނަ ޖާގައަކަށް ވެދާނެކަމެއް.
– ވަހީދު ވިދާޅުވިއެވެ.
އިންޓެލިޖެންސް މައުލޫމާތު ނުލިބުނު މައްސަލަ ބަލަމުން ދާއިރު، ނަޝީދު އަވަހަރާކޮށްލަން ދިން ހަމަލާގެ ކުރިން، އެފަދަ އަމަލެއް ހިންގަން ބަޔަކު ރާވާ ކަމުގެ މައުލޫމާތު ލިބިގެން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު އެމްއެންޑީއެފްއަށް އަންގަވާފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ މައުލޫމާތު ލިބުނީ އާންމު މީހެއްގެ ފަރާތުންނެވެ. އަދި އެކަން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއަށް އަންގާފައިވާ ކަމަށް އިލްޔާސް ވިދާޅުވި އެވެ.
އެ މައުލޫމާތު ލިބުމާއެކު ނަޝީދުގެ ސަލާމަތީ ފިޔަވަޅުތައް އެންމެ މައްޗަށް ޖައްސާފައިވާ ކަމަށް މާރިޔާ ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ސަލާމަތީ ކަންކަން ހުރި ގޮތުންނާއި ނަޝީދުގެ ސަލާމަތަށް އެކަށީގެން ފިޔަވަޅެއް އެޅިފައި ނުވާތީ ޑިފެންސް މިނިސްޓަރު މާރިޔާ އާއި ސިފައިންނަށް ވަނީ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެފަ އެވެ.
ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ތިން މީހަކު ހައްޔަރުކޮށް، އެކަމާ ގުޅޭ ގިނަ މައުލޫމާތުތަކެއް ފުލުހުން ވަނީ އާންމުކޮށްފަ އެވެ. އަދި ތަހުގީގަށް މި ތިން މީހުން ބަންދުގައި ބައިތިއްބަން ވަނީ ކޯޓުން 15 ދުވަހުގެ މުއްދަތެއް ދީފައެވެ.
ކޮމެންޓު ފޮނުވާ