ރާއްޖެ މިހާރު އޮތް ނުރައްކާތެރި ހާލަތުން އަރައިގަނެ، ރާއްޖެ ސަލާމަތް ކުރުމަށް މިޤައުމު ރައީސް ނަޝީދަށް އިންތިހާއަށް ބެނުންވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދަށް މިހުގެ ހަވަނަ ދުވަހުގެރޭ ދީފައިވާ ނުރައްކާތެރި ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ރައީސް ނަޝީދަށް ލިބިފައިވާ ސީރިއަސް އަނިޔާތައް ދައްކުވައިދޭ ފޮޓޯއަކާއިއެކު އިންތި ކުރެއްވި ޓްވީޓުގައިވަނީ ރައީސް ނަޝީދަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައެވެ. އަދި ރައީސް ނަޝީދަކީ ސިޔާސީ ލީޑަރުންނަށް ދައްކަން ނުކެރޭ އެތައްވާހައެއް ރައްޔިތުންގެ ހައްގުގައި ދައްކަވައި، ރައްޔިތުންނަށްޓަކައި ބޮޑެތި ޤުރުބާނީ ވެވަޑައިގަންނަވާ ބޭފުޅެއްކަމަށެވެ. މިއަދު ރާއްޖެ އޮތް ހާލަތުން އަރައި ގަތުމަށް ރައީސް ނަޝީދަށް މިޤައުމު އިންތިހާއަށް ބޭނުންވާކަމަށް އިންތި ވިދާޅުވިއެވެ.
ލީޑަރުންނަށް ދައްކަން ނުކެރިފައި ހުންނަ ވާހަކަތައް ދައްކަން ކެރޭ ހަމަ އެކަނި ބޭފުޅަކީއެއީ. މި ޤައުމު ސަލާމަތް ކުރުމަށް އެމަނިކުފާނުގެ ބޭނުންތެރިކަން އިންތިހާއަށް.
– އިންތި ވިދާޅުވިއެވެ.
ރައީސް ނަޝީދަކީ ފާޅުގައި ހަރުކަށި ފިކުރާއި ދެކޮޅަށް މަޖިލިސް ޖަލްސާތަކުގައާއި އާންމު ފޯރަމްތަކުގައިވެސް ވާހަކަ ދައްކަވަމުން ދިޔަ ބޭފުޅެކެވެ. ރައީސް ނަޝީދަށް ހަމަލާ ދީފައިވަނީވެސް މިކަމުގެ އިންޒާރުތަކެއް ދުރާލައި ލިބެމުން ދަނިކޮށްކަމަށް އާއިލާއިންވެސް ވަނީ ބުނެފައެވެ. އަދި މިހަމަލާދިން އިރު ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބުވަނީ މިފަދަ ހަމަލާއެއް ރައީސް ނަޝީދަށް ދޭންއުޅޭ ކަމުގެ މައުލޫމާތު ލިބިވަޑައިގެން އެމައުލޫމާތު ޑިފެންސް މިނިސްޓަރ މާރިޔާ ދީދީއާއިވެސް ހިއްސާ ކުރައްވަފައެވެ.
ރައީސް ނަޝީދަށް ދެވުނު ޓެރަރިޒަމްގެ ހަމަލާއާއި ގުޅިގެން އެމްއެންޑީއެފްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ ރައީސް ނަޝީދުގެ ސެކިއުރިޓީ ކަންކަން ބެލެހެއްޓުމުގައި އަބަދުވެސް ޙާއްސަ އިސްކަމެއް ދެއްވާކަމަށެވެ. ރައީސް ނަޝީދާއި ގުޅިގެން އަބަދުވެސް އެކި ވާހަތައް ލިބެމުންދާ ކަމަށާއި، އެކަންކަމަށް ބަލައި ފިޔަވަޅުތައްވެސް ވަރުގަދަކޮށްފައިވާކަމަށެވެ. އަދި ރައީސް ނަޝީދަކީ ރާއްޖޭގައި ހުންނެވި އެންމެ ހައިރިސްކު ބޭފުޅާކަމަށެވެ.
ކޮމެންޓު ފޮނުވާ