ރާއްޖެއިން އިތުރު 1،007 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
މިއަދުވެސް ޕޮޒިޓިވް ކޭސްތައްމިހާ މައްޗަށް އަރާފައިވަނީ ކުރީ ދުވަސްތަކުގެ ނަތީޖާ ނުލިބޭ ސާމްޕަލްތަކުގެ ނަތީޖާ މިއަދުގެ ނަތީޖާގައި ހިމެނުމުންކަމަށް އެޗްއީއޯސީން ބުންޏެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން މާލޭ ސަރަޙައްދުން އެކަނިވެސް 793 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. އަދި އަތޮޅުތަކުގެ ރަށްރަށުން 183 މީހުން ޕޮޒިޓިވްވެފައިވާއިރު، ރިސޯޓުތަކުން 26 މީހެކާއި، ލިވަބޯޑުން 5 މީހެކެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 43،782 އަށް އަރާފައެވެ.
ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު 341 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 28،013 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. ޕޮޒިޓިވް ކޭސްތައް އިތުރުވާން ފެށުމާގުޅިގެން މިބައްޔަށް ފަރުވާ ހޯދަމުންދާ މީހުންނާއި ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދާ މީހުންގެ ޢަދަދުތައްވެސް ވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން މިވަގުތު ބައްޔަށް 15،666 މީހުން ފަރުވާ ހޯދަމުންދާއިރު 260 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 3،159 ސާމްޕަލެއް ވަނީ ނަގާފައެވެ. ރާއްޖެއިން މިބަލީގައި ވަނީ 94 މީހުން ނިޔާވެފައެވެ.
ކޮމެންޓު ފޮނުވާ