ރައީސް ނަޝީދަށް ދެވުނު ޓެރަރިސްޓް ހަމަލާއާއި ގުޅިގެން އެމަނިކުފާނުގެ ހާލުކޮޅުގެ މައުލޫމާތު ހާމަކުރެއްވުމުގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އިތުރުފުޅު ހައްދަވާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެމްބަރު ހުސެއިން ޝަހީމް ވިދާޅުވެއްޖެއެވެ.
ޝަހީމް މިފަދަ ޓްވީޓެއް ކުރައްވާފައިވަނީ މިމަހުގެ 6 ވަނަ ދުވަހު ދިން ހަމަލާގައި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ޒަޚަމްތައް ފެންނަ ފޮޓޯތަކެއް ފުރަތަމަ ފަހަރަށް އެމަނިކުފާނުގެ ޢާއިލާއިން ޢާއްމުކުރުމާއި ގުޅިގެން ގިނަބަޔަކު ފާޅު ކުރަމުންދާ ޝުޢޫރުތަކާއި ގުޅިގެންނެވެ. ރައީސް ނަޝީދު އެދިވަޑައިގެންނެވުމުގެ މަތިން އެމަނިކުފާނަށް ލިބިވަޑައިގަންނަވާފައިވާ ޒަހަމްތަކުގެ ފޮޓޯތައް ޢާއްމުކުރައްވާފައިވަނީ އެމަނިކުފާނުގެ ބޭބޭފުޅު ޑރ.އިބްރާހިމް ނާޝިދު (ނާޝް)އެވެ. މިފޮޓޯތަކުން ރައީސް ނަޝީދަށް ލިބިވަޑައިގެން ޒަހަމްތަކުގެ ސީރިއަސްކަން ވަރަށް ބޮޑަށް ފެނިގެންދެއެވެ.
ފޮޓޯތަކާއި ގުޅިގެން އަދި މިހާތަނަށް ދައުލަތުގެ އެކިވެރިން ރައީސް ނަޝީދުގެ ހާލަތާއި ގުޅިގެން ދައްކަވާފައިވާ ވާތަކަކީ ހަގީގަތެއްނެތް ވާހަކަތަކެއްކަމަށް އެމްޑީޕީގެ ގިނަ މެމްބަރުންނާއި އާންމު ރައްޔިތުންވެސް ދަނީ ވިދާޅުވަމުންނެވެ. ޝަހީމް ވިދާޅުވީ ރައީސް ނަޝީދުގެ ހާލަތާއި ގުޅިގެން މިނިސްޓަރ އިމްރާން ދެއްކެވި ވާހަކަތަކީ ކަނޑައެޅިގެން އިތުރުފުޅުތަކަށްވާތީ ނުހަނު ކަންބޮޑުވާކަމަށެވެ.
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ މީޑިޔާ މެދުވެރިކޮށް ރައީސް މުހައްމަދު ނަޝީދުގެ ހާލުކޮޅާއި ގުޅޭގޮތުން އިތުރުފުޅު ހައްދަވާފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަން.
– ޝަހީމް ވިދާޅުވިއެވެ.
ނަމަވެސް ޝަހީމް މިނިސްޓަރ އިމްރާން ރައީސް ނަޝީދާއި ގުޅޭގޮތުން ދައްކަވާފައިވަނީ ކޮން ވާހަތަކެއްކަމެއް ވިދާޅުވެފައި ނުވެއެވެ. މިޙަމަލާގައި އެމަނިކުފާނުގެ ހަށިކޮޅަށް ވަން ދަގަނޑު 3 އެތިކޮޅެއް ބަނޑުގެ ތިން ގުނަވަނެއް ފޫއަޅުވާލާފައިވާކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ. އެގޮތުން ފަލަގޮހޮރުގައި ދެތަނަކުން އަދި މައިދާގެ އިތުރުން ފުރަމޭވެސް ފޫއަޅުވާލައި އެތިކޮޅުތައް ނިކުމެފައިހުރިކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން މިޙަމަލާ ދިނުމުގައި ޙަރަކާތްތެރިވި 3 މީހަކު ފުލުހުންވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން އެންމެ އިސްކަމެއްދީގެން ތަޙުގީގުކުރާ މައްސަލައަށް ޓެރަރިޒަމާ ގުޅުންހުރި މިމައްސަލަވާއިރު ޙާމަލާގެ ފަހުން މާލެއާއި އަތޮޅުތެރޭގެ ރަށްރަށުގެ ސަލާމަތީކަންކަން ވަނީ ވަރުގަދަކޮށްފައެވެ.
ކޮމެންޓު ފޮނުވާ