މަޖިލީހުގެ ރައީސް ނަޝީދުގެ ފުރާނައަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން އެމަނިކުފާނުގެ ހާލު ރަނގަޅުވަމުން އައިނަމަވެސް، މިކަމުގެ ބިރުވެރިކަން އޮތް މިންވަރު ފިލައިގެން ނުދާކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފިއެވެ.
ރައީސް ނަޝީދަށް ލިބިފައިވާ ފޮޓޯތައް އާންމުކުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި މަޖިލީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް 06 މޭ 2021 ބުރާސްފަތި ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލާގައި ލިބުނު، އެމަނިކުފާނުގެ ފުރާނަފުޅަށް ނުރައްކާވި ޒަހަމްތަކަށް އޭޑީކޭގެ ޚާއްސަ ޑޮކްޓަރުންގެ ޓީމަކުން ފަރުވާދެއްވުމަށްފަހު، މިހާރު ގެންދަވަނީ ޖަރުމަނުވިލާތުގައި އިތުރު ފަރުވާ ހޯއްދަވަމުން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް ލިބިވަޑައިގެންފައިވާ ޒަޚަމްތައް. މި ފޮޓޯތައް އާންމުކޮށްފައި މި ވަނީ އެމަނިކުފާނުގެ އިޒުނަފުޅާއެކު ގައެވެ. pic.twitter.com/OEwe60FQKi
— People's Majlis (@mvpeoplesmajlis) May 15, 2021
ރައީސް މުޙައްމަދު ނަޝީދުގެ ފުރާނަފުޅަށް އަމާޒުކޮށްގެން ދީފައިވާ މި ހަމަލާއިން އެމަނިކުފާނުގެ ޞިއްޙީ ހާލުކޮޅު ރަނގަޅުވަމުންއައި ކަމުގައި ވީނަމަވެސް، އެމަނިކުފާނުގެ ފުރާނަފުޅަށާއި ދިވެހި ރައްޔިތުންނަށް އޮތް ނުރައްކާ ފިލާނުދާކަމަށް މަޖިލީހުން ވަނީ ބުނެފައެވެ. އަދި މި ފުރުސަތުގައި ހަރުކަށި ފިކުރަށް ނިސްބަތްވާ ބަޔަކު ހިންގަމުންދާ މިފަދަ ޢަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، މި ފަދަ އަމަލުތަކުން ރާއްޖޭގެ ރައްޔިތުން ނުރައްކަލަށް ހުށަހެޅިފައިވާކަމީ ނުހަނު ކަންބޮޑުވާކަމެއްކަމުގައި މިބަޔާނުގައި ބުނެފައިވެއެވެ.
ރައީސް ނަޝީދުގެ ހަމަލައާއި ގުޅިގެން އެތެރޭގެ ބޮޑު ތަހުގީގެއް ފެށިގެން ކުރިއަށްދާއިރު، ތަހުގީގުގެ މަރުހަލާގައިވެސް އެކި ގޮތަށް ދަނީ ވާހަކަތައް ދެކެވެމުންނެވެ. ޚާއްސަކޮށް މިނިސްޓަރ މާރިޔާއަށް މިހާދިސާގެމައުލޫމާތު ކުރިން ލިބި އެއްވެސް ފިޔަވަޅެއް ނާޅާކަށްބުނެ ގިނަ ބަޔަކު ދަނީ މާރިޔާގެ އިސްތިއުފާއަށް ގޮވާލަމުންނެވެ.
ކޮމެންޓު ފޮނުވާ