ނަޝީދަށް ލިބިފައިވާ އަނިޔާތަކުގެ ފޮޓޯތަކެއް ފުރަތަމަ ފަހަރަށް އާންމުކޮށްފި

ނަޝީދަށް ލިބިފައިވާ އަނިޔާތަކުގެ ފޮޓޯތަކެއް ފުރަތަމަ ފަހަރަށް އާންމުކޮށްފި

Author
މުޙައްމަދު ޝަޒައިމް
15 މެއި 2021 05:05
0

ނަޝީދަށް ލިބިފައިވާ އަނިޔާތަކުގެ ފޮޓޯތަކެއް ފުރަތަމަ ފަހަރަށް އާންމުކޮށްފިއެވެ.

މިފޮޓޯތައް އާންމު ކުރެއްވީ އެމަނިކުފާނުގެ ބޭބެ ޑރ. އިބްރާހިމް ނާޝިދެވެ. މިފޮޓޯތަކަށް ބަލައިލުމުން ނަޝީދުގެ ހަށިގަނޑުގެ ގިނަ ތަންތަނަށް ބޮޑެތި އަނިޔާވެފައިވާކަން ފާހަގަވެއެވެ. އަދި ބަނޑާއި ދިމާލުން ވަރަށް ބޮޑަށް ކެފުމަށްފަހު ފަހާފައިވާތަންވެސް ފެނެއެވެ.

މީގެ އިތުރުންވެސް ހަށިގަނޑުގެ އެކި ތަންތަނުގައި މަލަން އަޅައި ބެންޑޭޖްކޮށްފައިވާތަން ފެނެއެވެ.

ނަޝީދަށް މިހަމަލާފައި ސީރިއަސް ބޮޑެތި ޒަހަމްތަކެއް ވެފައިވާއިރު އިތުރު ފަރުވާއަށް މިވަގުތު ވަނީ ޖަރުމަނުގައި ފަރުވާ ދެމުންނެވެ. ބޮޑަށް ބެލެވޭ ގޮތުގައި މިފޮޓޯތަކަކީ ޖަރުމަނުގައި ނަގާފައިވާ ފޮޓޯތަކެކެވެ.

ރައީސް ނަޝީދުގެ ހާލަުކޮޅު މިހާރު ރަނގަޅުވަމުން އަންނައިރު، ހަމަލާއާއި ގުޅިގެން އެމަނިކުފާނު ހޮސްޕިޓަލަށް ގެންދެވުނިއިރު ހާލަުކޮޅު ވަރަށް ސީރިއަސްކަމަށާއި، އެމަނިކުފާނުގެ ފުރާނަ ސަލާމަތްވީ ކިރިޔާކަމަށް، ރައީސް ނަޝީދަސް ފަރުވާދެއްވި ޑޮކްޓަރުންގެ ޓީމުން ވިދާޅުވެފައިވެއެވެ.

މިމަހުގެ 6ވަނަ ދުވަހުގެރޭ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް އެއްޗެއް ގޮއްވާލާ ދިން ހަމަލާގައި އެމަނިކުފާނަށް ސީރިއަސް ޒަހަމްތަކެއް ލިބިވަޑައިގެން ގިނަ އޮޕަރޭޝަންތަކެއް ވަނީ ކޮށްފައެވެ. ރައީސް ނަޝީދަށް ހަމަލާދިނުމަށް ބޭނުންކުރި ބޮން ހަދާފައިވަނީ އެގާއި ގިނަ އަދަދެއްގެ ރޭޒާފުކާއި އެހެނިހެން ގެއްލުންދޭ ތަކެތި ހިމަނައިގެންކަމުން މި ބޮން ގޮއްވާލުމާއި އެކު މިތަކެތިވަނީ ރައީސް ނަޝީދުގެ ހަށިކޮޅުގެ ތެރެއަށް ވަދެފައެވެ. މިތަކެތި ނެގުމަށް ޑޮކްޓަރުންގެ ޓީމުންވަނީ 16 ގަޑިރުވަންދެން ސީރިއަސް އޮޕަރޭޝަންތަކެއް ކޮށްފައެވެ.

ޑޮކްޓަރުންގެ ޓީމުން ވިދާޅުވީ، ގޮއްވާލި ބޮމުން ބުރައިގެންދިޔަ ތޫނު ދަގަނޑު އެތިކޮޅުތަކުގެ ތެރެއިން އެތިކޮޅެއް، އެމަނިކުފާނުގެ ސީދާ ހިތަށް ނުވަދެ ހުރީ އެންމެ ސެންޓިމީޓަރެއްގެ ދުރުމިންކަމަށެވެ. މި އެތިކޮޅު ރައީސް ނަޝީދުގެ ހިތަށް ނުވަދެ ސަލާމަތްވީ އެމަނިކުފާނުގެ މޭކަށިގަނޑުގައި ޖެހި ކަށިގަނޑު ފުނޑުފުނޑުވުމުގެ ސަބަބުން އެ އެތިކޮޅު އެތެރެއަށް ދިޔުން މަތަވެގެންކަމަށްވެސް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.

އެމަނިކުފާނަށް އަމާޒުވި ބޮމުގެ ހަމާލާއަށްފަހު ފުރަތަމަ ފަހަރަށް ރައީސް ނަޝީދު ކުރެއްވި ޓްވީޓުގައިވަނީ ޞިއްހީ ޚިދުމަތްތެރިންނަށް ޝުކުރު އަދާކުރައްވައިފިއެވެ.

ރައީސް ނަޝީދަށްް ހަމަލާދިން މައްސަލާގައި މިހާތަނަށް 3 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.މި އެންމެންގެ ބަންދުގެ މުއްދަތަށް ކޯޓުން 15 ދުވަސް ވަނީ ޖަހާދީފައެވެ. ހައްޔަރުކުރި މީހުންގެ ތެރޭ ގައި ރައީސް ނަޝީދަށް ފަރާލާ މި ބޮން ގޮއްވާލުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވި މީހާއާއި ބޮން ހަރުކޮށްފައި ހުރި ސައިކަލްގެ ވެރިފަރާތްވެސް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.