މިއީ އާއިލީ ގުޅުންތައް އިތުރަށް ބަދަހިކޮށް، އެކަކު އަނެއްގެ ހާލު އަހުވާލު ބަލައި އެއް އާއިލާއެއްގެ ގޮތުގައި ތިބުމަށް އަމާޒު ކަނޑައަޅަންވީ ވަގުތުކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ބުނެފިއެވެ.
މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ ޢާއިލާތަކުގެ ދުވަހުގެ ހެޔޮއެދުމާއި، ތަހުނިޔާ ދިވެހި ލޮބުވެތި ރައްޔިތުންނަށާއި، ޢާއިލާތަކަށް އަރިސްކޮށް ޖެންޑާމިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިއަހަރުގެ ޢާއިލާތަކުގެ ދުވަސް ބައްދަލުކޮށްފައި ވަނީ ކޯވިޑް 19 ގެ ހާލަތު ރާއްޖޭގައި ވަރަށް ބޮޑަށް ގޯސްވެފައި އޮތް ވަޤުތެއްގައިކަމަށްވާއިރު، މިއީ ވަރަށް ގިނަ ޢާއިލާތަކަށް ނުތަނަވަސްކަމާއި، ކަންބޮޑުވުން ކުރިމަތިވެފައިވާ ވަޤުތެއްކަމަށެވެ. ކޯވިޑްގެ ސަބަބުން ޞިއްޙީގޮތުން ކުރިމަތިވާ އުނދަގޫތަކުގެ އިތުރުން އިޖުތިމާއީ ގޮތުންނާއި، ނަފްސާނީ ގޮތުން އަދި މާލީގޮތުން ގިނަ ގޮންޖެހުންތަކަކާ ޢާއިލާތަކަކުން އަންނަނީ ކުރިމަތިލަމުން ދާކަމަށްވެސް ޖެންޑާއިން ބުނެފައިވެއެވެ.
ޖެންޑާއިން ބުނީ މިފަދަ އުނދަގޫ ދަނޑިވަޅެއްގައި އެންމެ ބޭނުންވާ އެއް ކަމަކީ ޢާއިލީ ގުޅުން ބަދަހިކޮށް އޮތުންކަމަށާއި، ޢާއިލާގެ އެކަކު އަނެކެއްގެ ޙާލު އޮޅުންފިލުވައި އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ. މީގެ އިތުރުން، މި ބަލިން ޢާއިލާގެ މެންބަރުން ރައްކާތެރިކުރުމަށްޓަކައި ޢާއިލާގެ ކޮންމެ މެންބަރަކުވެސް ފަރުދީގޮތުން އަދާކުރައްވަންޖެހޭ ޒިންމާ ފުރިހަމައަށް އަދާކުރެއްވައި، ވަކިން ޚާއްޞަކޮށް ޢާއިލާގައި ތިބި އުމުރުން ދުވަސްވީ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި ކޯވިޑް ނުފެތުރޭނެ ގޮތަކަށް ޢަމައްލުކުރެއްވުމަކީ ޢާއިލާގެ އެހެން މެންބަރުން ބޮޑު އިސްކަމެއް ދެއްވަން ޖެހިވަޑައިގަންނަވާނެ ކަމެއް ކަމުގައެވެ. އަދި ބަލީގެ ބާވަތުން ބައްޔަށް ފަރުވާ ކުރުމަށްޓަކައި މެޑިކަލް ފެސިލިޓީ ތަކަށް ގެންދެވޭ ފަރާތްތަކަކީ ޢާއިލާއާ ވަކިން ތިބެންޖެހޭ ފަރާތްތަކެއް ކަމަށްވުމާއެކު އެ ފަރާތްތަކުގެ ޙާލު ވީހާވެސް ގާތުން ބައްލަވަމުން ގެންދެވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަކީ ކޮންމެހެން މުހިއްމު ކަމެއް ކަމަށެވެ.
ޢާއިލާތަކުގެ ދުވަހެއް ފާހަގަކުރެވޭއިރު ޢާއިލާގެ ފަރާތުން ރައްކާތެރިކަމާއި، އަޅާލުމާއި، ލޯބި ނުލިބުމުގެ ސަބަބުން ޢާއިލީ ވެށްޓެއްގައި ދިރިއުޅުމުގެ ނަސީބުން މަހުރޫމްވެފައިވާ ގިނަ އަދަދެއްގެ ކުދިންނާއި، މީހުން މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ މަރުކަޒުތަކުގައި ތިބިކަން ކަންބޮޑުވުމާއެކު ފާހަގަކުރަން. ޢާއިލީ ވެށްޓެއްގައި އުފާވެރިކަމާއެކު ދިރިއުޅުމަކީ ކޮންމެ ކުޑަކުއްޖަކަށްވެސް ލިބިގެންވާ ޙައްޤަކަށް ވެފައި، އެ ޙައްޤުން މަހްރޫމްވުމަކީ ކުއްޖާގެ ކުރިމަގަށް ނޭދެވޭ އެތައް އަސަރެއް ކުރާނެ ކަމެއް.
– ޖެންޑާ އިން ބުނެފައިވެއެވެ.
މިދިޔަ އަހަރުގެ ކުރީކޮޅު ކޯވިޑްގެ ބަލިމަޑުކަން ރާއްޖޭގައި ފެތުރެން ފެށީއްސުރެ ޢާއިލާތަކަށް ކުރިމަތިވަމުން އައި ދަތިތަކަށް ލުޔެއް ހޯދައިދިނުމުގައި ސަރުކާރުގެ ފަރާތުން އައީ ގިނަ މަސައްކަތްތަކެއް ކުރަމުން ދާކަމަށާއި، ކޯވިޑާއި ގުޅިގެން މިދިޔަ އަހަރު މާލެ ސަރަޙައްދުގައި ގެންނަން ޖެހުނު ފުރަބަންދުގެ ހާލަތާ ގުޅިގެން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭން ޖެހުނު ޢާއިލާތަކަށާއި، ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދޭންޖެހުނު ފަރާތްތަކަށް އެކަންކަން ފުރިހަމަކޮށްދިނުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން އެމިނިސްޓްރީން ފާހަގަކުރެއެވެ. މީގެ އިތުރުން ކޯވިޑާ ގުޅިގެން ނާޒުކު ހާލަތުގައި ތިބި ޢާއިލާތަކުގެ ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށްޓަކައި އެފަދަ ޢާއިލާތަކުގެ އަސާސީ ބޭނުންތައް ފުއްދުމަށް ބޭނުންވާ ބައެއް ކަންކަން ހަމަޖައްސައިދިނުމުގެ މަސައްކަތް މާލޭގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށުގައި ވެސް ކުރެވުނުކަމަށް ޖެންޑާއިން ބުނެއެވެ.
ކޮމެންޓު ފޮނުވާ