ޤައުމީ ދިފާއީ ބާރުގެ ވަޒީރެއްގެ މަޤާމުގައި ހުންނެވި މިނިސްޓަރ މާރިޔާ ދީދީއާއި، ބްރިގޭޑިއާޖެނަރަލް ޒަކަރިއްޔާ މަންސޫރަށް މަޤާމުގެ ޒިންމާތަކާއި މަސްއޫލިއްޔަތު އަދާނުކުރެވުނުކަމަށް ކުރީގެ ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝިފާޤު މުފީދު (ހިސްޓޯ) ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓުހަމަލާއާއި ގުޅިގެން މިހާރު ދެކެވެމުންދާ ވާހަތަކަށް އިޝާރާތް ކުރައްވައި ހިސްޓޯ ވިދާޅުވީ މިނިސްޓަރ މާރިޔާވަނީ ކަނޑައެޅިގެން މި ހަމަލާގެ މައުލޫމާތުލިބި މައުލޫމާތު ސިއްރު ކުރައްވާފައިކަމަށެވެ. އަދި ޒަކަރިއްޔާ މަންސޫރަކީ ޒިންމާ އުފުލުމުގެ ބަދަލުގައި ޒިންމާ ރައްޔިތުންގެ ބޮލަށް ޖެއްސެވި ބޭފުޅެއްކަމަށެވެ.
ނޭޝަނަލް ކައުންޓަރ ޓެރެރިޒަމް ޔުނިޓުގެ އިސްވެރިންގެގޮތުގައި މިދެމީހުން ބެހެއްޓުމަކީ ޤައުމީ ސަލާމަތަށްހުރި ނުރައްކަލެއް. އެކަކީ ޓެރަރިސްޓު ޙަމަލާއެއް ދޭންއުޅޭކަން އެނގިހުރެ ފިޔަވަޅުނާޅައި ސިއްރުކުރި މީހެއް. ދެންހުރީ މަޤާމުގެޒިންމާ ރައްޔިތުން ބޮލުގައަޅުވައި ޒިންމާއިން ބަރީއަވި މީހެއް.
– ހިސްޓޯ ވިދާޅުވިއެވެ.
ނޭޝަނަލް ކައުންޓަރ ޓެރެރިޒަމް ޔުނިޓުގެ އިސްވެރިންގެގޮތުގައި މިދެމީހުން ބެހެއްޓުމަކީ ޤައުމީ ސަލާމަތަށްހުރި ނުރައްކަލެއް.އެކަކީ ޓެރަރިސްޓު ޙަމަލާއެއް ދޭންއުޅޭކަން އެނގިހުރެ ފިޔަވަޅުނާޅައި ސިއްރުކުރި މީހެއް.ދެންހުރީ މަޤާމުގެޒިންމާ ރައްޔިތުން ބޮލުގައަޅުވައި ޒިންމާއިން ބަރީއަވި މީހެއް pic.twitter.com/oIaM6S0gkK
— Histo (@ShifaqMufyd) May 14, 2021
ހިސްޓޯ ވިދާޅުވީ ޓެރެރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ޓެރެރިޒަމް ޢަމަލުތައް ހުއްޓުވުމުގެ އެންމެ އިސްފަރާތްކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ފަރާތުން ގަސްތުގައި އެނގިހުރެ އިހުމާލުވުމުގެ ސަބަބުން ޓެރެރިސްޓް ޙަމާލައެއް ދީފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ އެފަރާތާމެދު ފިޔަވަޅުނާޅުއްވައި ހުންނަވާނަމަ، އެވެސް ބައިވެރިއެއްކަމަށް ވާނެކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ޓެރަރިސްޓް ހަމަލާ ދީފައިވަނީ، އެމަނިކުފާނަށް ހަމަލާއެއް ދޭން އުޅޭކަމުގެ މަޢުލޫމާތު މިނިސްޓަރ މާރިޔާއަށް ދެއްވިކަމަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވަނީ ވިދާޅުވެފައެވެ.
މެއި 06، 2021 ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ބަޔަކު ދިން ހަމަލާއާ ގުޅޭ މަޢުލޫމާތު އިލްޔާސްއަށް ކޮންމެވެސް މިންވަރަކަށް ލިބިފައިވާކަމަށް ދެކެވޭ ވާހަކައާ ގުޅޭ ގޮތުންނާއި، އަދި ޑިފެންސް މިނިސްޓަރ މީޑިޔާގައި ދައްކަވާފައިވާ ވާހަތަކާއި ގުޅިގެން އިލްޔާސް ވަނީ ބަޔާނެއް ނެރުއްވާފައެވެ.
އިލްޔާސް ވިދާޅުވެފައިވަނީ ރައީސް ނަޝީދު އަވަހާރަކޮށްލަން ބަޔަކު ރާވަކުމުގެ މަޢުލޫމާތު އާންމުންގެ މީހެއްގެ ފަރާތުން ލިބުމާގުޅިގެން، އެ މަޢުލޫމާތު ވަގުތުން ރައީސް ނަޝީދަށް ހިއްސާކުރިކަމަށެވެ.
މީގެ އިތުރުން ރައީސް ނަޝީދަށް ހަމަލާދިން މައްސައްލައިގެ ތަޙްޤީޤަށް ދޭންޖެހޭ މަޢުލޫމާތާއި މިހާރުވެސް ދެމުންދާކަމަށް އޭނާ ވިދާޅުވިއެވެ. މިމައްސަލަ ތަޙްޤީޤުކުރަމުން ދަނިކޮން، މިމައްސަލައާ ގުޅޭ ގޮތުން ދައުލަތުގެ އިދާރާތަކަށް ލިބިފައިވާ މަޢުލޫމާތު، ޒިންމާދާރު މަޤާމުތަކުގައި ތިބޭ މީހުން އާންމުކޮށް، އެމަޢުލޫމާތު މީޑިއާގައި ބަހުސްކުރުމަށް ހުޅުވާލުމަކީ ޒިންމާދާރުކަމެއްކަމުގައި ޤަބޫލުނުކުރެވޭކަމަށްވެސް އިލްޔާސް ވިދާޅުވެފައިވެއެވެ.
ކޮމެންޓު ފޮނުވާ