ލަންކާއަށްދާ މީހުން 14 ދުވަހު ކަރަންޓީން ވާންޖެހޭގޮތަށް ހަދައިފި

ލަންކާއަށްދާ މީހުން 14 ދުވަހު ކަރަންޓީން ވާންޖެހޭގޮތަށް ހަދައިފި

Author
މުޙައްމަދު ޝަޒައިމް
14 މެއި 2021 09:17
0

އަވަށްޓެރި ސްރީލަންކާއިގައިވެސް ކޯވިޑްގެ ހާލަތު ގޯސްވުމާއި ގުޅިގެން ސްރީލަންކާއަށް ދަތުރު ކުރާ އެންމެން 14 ދުވަހަށް ކަރަންޓީނު ވާން ޖެހޭ ގޮތަށް އުސޫލު ބަދަލުކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ބުނެފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައްޔާއި ސްރީލަންކާގައި އަނެއްކާވެސް ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، މިކަމާ ގުޅިގެން ސްރީލަންކާގެ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، އެ ޤައުމަށް ދަތުރުކުރާ ފަރާތްތައް ކަރަންޓީނުކުރުމުގެ އުޞޫލަށް ސްރީލަންކާގެ ސަރުކާރުން ބަދަލުތަކެއް ގެނެސްފައިވާކަމަށެވެ.

އެގޮތުން، މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން މިމަހުގެ 31 ގެ ނިޔަލަށް، އެ މުއްދަތުގެ ތެރޭގައި އެ ޤައުމަށް ދަތުރުކުރާ އެންމެހާ ފަރާތްތައް (ކޯވިޑް-19 ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތައް ހިމެނޭހެން)، އެ ޤައުމުގެ ސަރުކާރުން ކަނޑައަޅާ ކަރަންޓީނު ހޮޓަލެއް، ނުވަތަ ކަރަންޓީނު ސެންޓަރެއް، ނުވަތަ ރައްކާތެރިކަމަށް ކަނޑައަޅާފައިވާ ލެވެލް 1 ގެ ހޮޓަލެއްގައި 14 (ސާދަ) ދުވަހުގެ މުއްދަތައް ކަރަންޓީނުވާންޖެހޭނެކަމަށް ވަނީ އަންގަވާފައިކަމަށެވެ.

އަދި އެ ޤައުމަށް ދަތުރުކުރާ 12 (ބާރަ) އަހަރުން ފެށިގެން މަތީގެ ފަރާތްތައް 14 (ސާދަ) ދުވަހުގެ ކަރަންޓީނު ފުރިހަމަކުރުމަށްފަހު ދޫކުރެވޭނީ، އެ ޤައުމަށް ދަތުރުކުރާ ފުރަތަމަ ދުވަހު ހަދާ "އޮން އެރައިވަލް" PCR ޓެސްޓާއި، ކަރަންޓީނުގެ 11 ވަނަ ދުވަހާއި 14 ވަނަ ދުވަހާ ދެމެދު ހަދާ "އެގްޒިޓް" PCR ޓެސްޓުގެ ނަތީޖާ ނެގެޓިވް ވުމުން ކަމުގައިވެސް ވަނީ އަންގަވާފައެވެ. މިގޮތުން، އެރައިވަލް އަދި ކަރަންޓީނުން ވީއްލާއިރު ހަދާ PCR ޓެސްޓު ހެދުން އިސްތިސްނާވާނީ ދެ އަހަރުން ދަށުގެ ކުދީން އެކަންޏެވެ.

ކަރަންޓީނު ކުރުމުގެ އުޞޫލަށް މިގޮތަށް ބަދަލު ގެނެސްފައިވީނަމަވެސް، ކްރިޓިކަލް ފަރުވާއަށް ގޮސް ހޮސްޕިޓަލުގައި ކަރަންޓީނުވާން އެދޭ ފަރާތްތަކުން، ހޮސްޕިޓަލާއި ސްރީލަންކާގެ ހެލްތް މިނިސްޓްރީގެ ޚާއްޞަ ހުއްދައިގެ ދަށުން، ބޭސްފަރުވާއަށް ދަތުރުކުރުމުގެ ފުރުޞަތު ކުރިއެކޭ އެއްގޮތަށް މި މުއްދަތުގައިވެސް ފަހިވެފައި އޮންނާނެ ކަމަށް އެ ޤައުމުން އަންގަވާފައިވެއެވެ.

ސްރީލަންކާއަށް ދަތުރުކުރައްވަން ޤަޞްދުކުރައްވާ ދިވެހިން މިކަމަށް ސަމާލުކަންދެއްވުމަށް ފޮރިން މިނިސްޓްރީން ވަނީ ދަންނަވާފައެވެ. އަދި މި ފިޔަވަޅުތަކަށް ބަދަލު އައުން އެކަށީގެންވުމާއެކު، ދަތުރުކުރުމުގެ ކުރިން މަޢުލޫމާތު ސާފުކުރެއްވުމަށް ވަނީ ދަންނަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.