ވެންޓިލޭޓަރު މައްސަލާގައި ދައުވާކުރަން ފޮނުވީ ސާބިތުވާވަރުގެ ހެކި ހުރެގެން: އޭސީސީ

ވެންޓިލޭޓަރު މައްސަލާގައި ދައުވާކުރަން ފޮނުވީ ސާބިތުވާވަރުގެ ހެކި ހުރެގެން: އޭސީސީ

Author
މުޙައްމަދު ޝަޒައިމް
20 އޮކްޓޯބަރ 2020 09:49
0

ވެންޓިލޭޓަރު މައްސަލާގައި ދައުވާކުރަން ފޮނުވާފައިވަނީ ތުހުމަތުކުރެވޭ ފަރާތްތަކުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފުވެ ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައިދީފައިވާކަން އެކަށީގެންވާ މިންވަރަށް ހެއްކާއި ޤަރީނާ ހުރިކަމަށް ތަޙުޤީޤަށް ސާބިތުވާތީ ކަމުގައި އޭސީސީން ބުނެފިއެވެ.

އެސީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 75 ވެންޓިލޭޓަރ ހޯދުމާގުޅޭ މައްސަލަ މި ކޮމިޝަނުން ތަޙުޤީޤުކުރުމަށްފަހު ދަޢުވާކޮށްދިނުމަށްއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ މައްސަލަ އެ އޮފީހުން ޑިކްލައިންކޮށް، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ދަށުން ވެންޓިލޭޓަރ ހޯދުމުގެ ޕްރޮސެސް ކުރިއަށްގެންދިޔުމަށް މިނިސްޓްރީ އޮފް ހެލްތަށް ޚާއްޞަ ހުއްދައެއް މިނިސްޓަރ އޮފް ފިނޭންސް ދެއްވާފައިވާކަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ފާހަގަކޮށްފައިވާތީ، މިކަމުގައި އޭސީސީން ދެކޭގޮތް ވަނީ މިބަޔާނުގައި ހާމަކޮށްފައެވެ.

މިނިސްޓްރީ އޮފް ހެލްތަށް ވެންޓިލޭޓަރތައް ހޯދި ދުވަސްވަރު ޢަމަލުކުރަމުންދިޔަ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.03 ގައި ދައުލަތުގެ އޮފީހަކުން، ދައުލަތުގެ އޮފީސްތަކަށާއި، މުޢައްސަސާތަކަށް ތަކެތި ގަތުމާއި، ޚިދުމަތް ހޯދުމާއި، މަސައްކަތްތައް ކުރުވުމުގައި، މި ގަވާއިދަށް ޢަމަލުކުރުން ލާޒިމުނުވާ ހާލަތްތައް ބަޔާންކޮށްފައިވެއެވެ. އެގޮތުން 10.03ގެ (ހ) ގައި ޤައުމީ ސަލާމަތާ ގުޅުންހުރި ކަންކަމަށާއި ދައުލަތުގެ މުހިއްމު މަސްލަޙަތެއް ހިފެހެއްޓުމަށާއި، ދައުލަތަށް ނުވަތަ ރައްޔިތުންނަށް ދުރުރާސްތާގައި ލިބިދާނެ ގެއްލުމެއް ކުޑަކުރުމަށްޓަކައި، ނުވަތަ ދުރުރާސްތާގައި ލިބިދާނެ ފައިދާއެއް އިތުރުކުރުމަށްޓަކައި، އެ ފަހަރަކު ބޭނުންވާ މިންވަރަށް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަންގާގޮތެއްގެ މަތިން، ދައުލަތުގެ ފައިސާ ޚަރަދުކުރެވިދާނެކަމަށް ބަޔާންކޮށްފައިވާނެކަމަށެވެ.

ކޯވިޑް-19 އާއި ގުޅިގެން ހޯދަންޖެހޭ މެޝިނަރީޒްއާ އިކުއިޕްމެންޓްތަކުގެ އަގު 2.5 މިލިއަން ރުފިޔާއަށްވުރެ ބޮޑުވާތީ، އެ ތަކެތި ހޯދޭނީ ނެޝަނަލް ޓެންޑަރ ބޯޑަށް ހުށަހަޅައިގެން ކަމަށްވާތީ 2.5 މިލިއަން ރުފިޔާއަށްވުރެ އަގު ބޮޑުވާ މަސައްކަތްތަކާއި ހޯދަންޖެހޭ ޑޮކިއުމެންޓްތައް ޓެންޑަރ ބޯޑަށް ހުށަހަޅަން ނުޖެހޭގޮތަށް މިނިސްޓްރީ އޮފް ހެލްތުގެ ބިޑު ކޮމިޓީން ނިންމައިގެން ކުރިއަށް ގެންދިއުމުގެ ޚާއްޞަ ހުއްދައަކަށް 13 ފެބްރުވަރީ 2020 ގައި މިނިސްޓްރީ އޮފް ހެލްތުން މިނިސްޓްރީ އޮފް ފިނޭންސްގައި އެދުމުން، މިނިސްޓްރީ އޮފް ހެލްތުގެ ބިޑު ކޮމިޓީ މެދުވެރިކޮށް އެ މަސައްކަތާއި ތަކެތި ހޯދުމުގެ ކަންކަން ކުރިއަށްގެންދިއުން އެންމެ ރަނގަޅުކަމުގައި ދަންނަވައި އެ ޚާއްޞަ ހުއްދައިގެ މުއްދަކީ 1 (އެކެއް) މަސް ދުވަސް ކަމަށް ބަޔާންކޮށް 17 ފެބްރުވަރީ 2020 ގައި ހުއްދަދީފައިވާކަމަށެވެ. އަދި އެ މުއްދަތު އިތުރުކުރުމަށްއެދި ހުށަހެޅުމުން، 17 މާރިޗް 2020 އިން ފެށިގެން 1 (އެކެއް) މަސްދުވަހަށް ހުއްދައިގެ މުއްދަތު އިތުރުކޮށްދީފައިވާކަމަށެވެ.

75 ވެންޓިލޭޓަރ ހޯދުމާގުޅޭ މަސައްކަތް ސިންގަލް ސޯސް ޕްރޮކިއުމެންޓް އުސޫލުން ޙަވާލުކުރުމުގެ ހުއްދައަކަށް މިނިސްޓްރީ އޮފް ހެލްތުން  30 މާރިޗް 2020 ގައި މިނިސްޓްރީ އޮފް ފިނޭންސްގައި އެދުމުން ސިންގަލް ސޯސް ޕްރޮކިއުމެންޓް އުސޫލުން ވެންޓިލޭޓަރތައް ހޯއްދެވުމުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާގޮތުގެ މަތިން މިނިސްޓްރީ އޮފް ހެލްތުގެ ބިޑު ކޮމިޓީއަށް ހުށަހަޅައިގެން އެއާމެދު ގޮތެއް ނިންމަވައިގެން ކުރިއަށްގެންދިއުމަށް 01 އޭޕްރިލް 2020 ގައި މިނިސްޓަރ އޮފް ފިނޭންސް ހުއްދަ ދެއްވާފައިވާކަމަށެވެ. މި ހުއްދައަކީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10 ވަނަ ބާބުގެ ޖަދުވަލު  1 ގެ 4 ގެ ދަށުން 2.5 މިލިއަން ރުފިޔާއަށްވުރެ އަގުބޮޑު ޕްރޮކިއުމެންޓްގެ ކަންކަން ނެޝަނަލް ޓެންޑަރ ބޯޑަށް ހުށަހަޅައިގެން ކުރިއަށްގެންދިއުމަށް އޮންނަ އުސޫލަށް ޢަމަލުކުރުމުގެ ބަދަލުގައި 75 ވެންޓިލޭޓަރ ހޯދުމާގުޅޭ މަސައްކަތް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް މިނިސްޓްރީ އޮފް ހެލްތުގެ ބިޑު ކޮމިޓީއަށް ހުށަހަޅައިގެން ގޮތެއް ނިންމުމަށް ދީފައިވާ ހުއްދައެއްކަން ފާހަގަކުރެވިފައިވާކަމަށެވެ.

75 ވެންޓިލޭޓަރ ސަޕްލައިކުރުމުގެ މަސައްކަތް ޙަވާލުކުރުމަށް 01 އޭޕްރިލް 2020 ގައި މިނިސްޓްރީ އޮފް ހެލްތުގެ ބިޑު ކޮމިޓީން ނިންމުމުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.34 ވަނަ މާއްދާގެ (ށ) ގެ ދަށުން ބަލަންޖެހޭކަމަށް އެ މާއްދާގައި ބަޔާންކުރާ، ބީލަން ހުށަހަޅާ ފަރާތްތަކުގައި ހުންނަންޖެހޭނެ ހުނަރާއި ޤާބިލުކަމާއި ފެންވަރާއި ވަސީލަތްތައް ހުރިތޯ ވަޒަންކުރުމުގެ ގޮތުން ބަލަންޖެހޭ ކަންކަން ބަލާފައިނުވާކަން ފާހަގަކުރެވިފައިވަކަމަށެވެ.

75 ވެންޓިލޭޓަރ ސަޕްލައިކުރުމާގުޅޭ އެއްބަސްވުމުގެ ޑްރާފްޓް 20 އެޕްރީލް 2020 ގައި މިނިސްޓްރީ އޮފް ހެލްތުން އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން، ހަމަ އެދުވަހު އެ އޮފީހުން ލަފާދީފައެވެ. އެ އޮފީހުން ދީފައިވާ ލަފާގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާގޮތަށް އެޑްވާންސް ޕޭމަންޓް ގެރެންޓީއާއި ޕަރފޯމެންސް ގެރެންޓީ ނުނަގައި އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން ކުރިއަށްގެންދެވޭނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.03 ވަނަ މާއްދާގެ ދަށުން މިނިސްޓަރ އޮފް ފިނޭންސް އަންގާ ގޮތެއްގެ މަތިން ކަމަށް ބަޔާންކޮށްފައިވެއެވެ.

ނަމަވެސް، 16 އޭޕްރިލް 2020 ގައި މިނިސްޓްރީ އޮފް ހެލްތުން ބެކް ޑޭޓްކޮށް އެއްބަސްވުމުގައި ސޮއިކުރިއިރު އަދި އޭގެ ފަހުންވެސް އެކަމާ ގުޅޭގޮތުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.03 ގެ ދަށުން މިނިސްޓަރ އޮފް ފިނޭންސްގެ ހުއްދައެއް ހޯދާފައިނުވާކަން ތަޙުޤީޤަށް ހޯދާފައިވާ ހޯދުންތަކުން އެނގެއެވެ. އެހެންކަމުން، މިނިސްޓްރީ އޮފް ހެލްތަށް ވެންޓިލޭޓަރތައް ހޯދުމާ ގުޅޭގޮތުން މިނިސްޓަރ އޮފް ފިނޭންސް ދީފައިވާ ހުއްދަތަކަކީ ވަކިވަކި ކަންކަމާ ގުޅިގެން ދީފައިވާ ހުއްދަތަކެކެވެ. އަދި އެއިން އެއްވެސް ހުއްދައަކީ މުޅި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް ޢަމަލުކުރުން ލާޒިމްނުވާގޮތަށް ދީފައިވާ ހުއްދަތަކެއް ނޫނެވެ. މި މައްސަލާގައި ދައުވާކޮށްދިނުމަށްއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާނީ، މި މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަކުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފުވެ ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައިދީފައިވާކަން އެކަށީގެންވާ މިންވަރަށް ހެއްކާއި ޤަރީނާ ހުރިކަމަށް ތަޙުޤީޤަށް ސާބިތުވާތީއެވެ. އަދި މި މައްސަލާގައި ދަޢުވާ ނުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމާފައިވާ ނިންމުމުގައި ފާހަގަކޮށްފައިވާ ކަންކަން މުރާޖަޢާ ކުރަމުންދާކަމަށް އޭސީސީގެ ބަޔާނުގައި ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.