އިސްރާއީލުން ފަލަސްތީނުގެ ގާޒާއަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް ވަރުގަދަ ކޮށްފައިވާއިރު، ފަލަސްތީނުގެ މުޖާހިދުންވެސް އިސްރާއީލަށް ދެމުންދާ ރައްދު ހަމަލާތައް އިތުރަށް ވަރުގަދަ ކޮށްފިއެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން މައުލޫމާތު ދީފައިވާ ގޮތުގައި، ގާޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާރު އެގައުމުގެ ވައިގެ ސިފައިންގެ އިތުރުން އެއްގަމު ސިފައިންވެސް ދަނީ ބައިވެރި ވަމުންނެވެ. އެހެންނަމަވެސް، އެއްގަމު މަހުން ސިފައިން އަދި ގާޒާއަށް އަރާފައި ނުވާކަމަށްވެސް އަސްކަރިއްޔާއިން ބުނެފައި ވެއެވެ.
ފާްއިތުވެދިޔަ 5 ރޭވެސް ކޮންމެ ރެއަކުވެސް އެތައް އިރެއްވަންދެން ގާޒާގެ ޖައްވުވަނީ، އިސްރާއީލުގެ މިސައިލްތަކާއި، އެގަމު މަހުން ދެ ހަމަލާތަކުން ދިއްލާލާފައެވެ.
ފާއިތުވެދިޔަ ހަފްތާގެ ހޯމަ ދުވަހު އިސްރާއީލާއި ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދު ކުރަމުންދާ މުޖާހިދުންނާ ދެމެދު ކުރިޔަށްދާ ހަމަލާ ބަދަލުކުރުންތަކުގައި މިހާތަނަށް އައިއިރު، ފަލަސްތީނުގެ 119 މީހުން ޝަހީދުވެފައި ވާއިރު، އިސްރާއީލުގެ 8 މީހަކު ވަނީ މަރުވެފައެވެ.
އޭގެ އިތުރުން، އިސްރާއީލުގެ އެކި ސިޓީތަކުގައި، އެގައުމުގައި ދިރިއުޅެމުންދާ އަރަބީންނާއި އިސްރާއީލުގެ ރައްޔިތުންނާއި ދެމެދު ދަނީ އެކި ހިސާބުތަކުގައި ކުރިމަތިލުންތައް ހިގަމުންނެވެ. މި ކުރިމަތިލުން ތަކުގެ ސަބަބުން، އިސްރާއީލުގައި އަހުލީ ހަގުރާމައެއް އުފަންވެގެން ދިއުމުގެ ބިރު އެބައޮތް ކަމަށް އެގައުމުގެ ރައީސްވަނީ ވިދާޅުވެފައެވެ.
އިސްރާއީލުގެ ޑެފެންސް މިނިސްޓަރ ބެނީ ގާންޒްޓ ވަނީ، އެގައުމުގެ މަގުތަކަށް ސަލާމާތީ ބަރުތަކުގެ ފުލުހުންނާއި ސިފައިންނެރެ، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ. އަދި އިސްރާއީލުގެ އެކި ސިޓީތަކުގައި ހިގަމުންދާ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ހިންގުނު އޮޕަރޭޝަންތަކުގައި މިހާތަނަށް 400 މީހަކު ސަލާމަތީ ބާރުތަކުން ވަނީ ހައްޔަރު ކޮށްފައެވެ.
އިސްރާއީލުގެ ފުލުހުންގެ ފަރާތުން ބުނެފައިވަނީ، އެގައުމުގެ ތަފާތު ސިޓީތަކުގައި މިހާރު ހިގަމުންދާ ހަމަނުޖެހުންތައް ހިގަމުންދަނީ، އެގައުމުގެ ސިޓީތަކުގައި ދިރިއުޅެމުންދާ އަރަބި ދަރިކޮޅުގެ މީހުންގެ އިސްރާއީލުގެ ދަރިކޮޅު މީހުންނަށް އިސްވެ ހަމަލާ ދިނުމުގެ ސަބަބުންނެވެ. އަދި ފުލުހުންވަނީ، އިސްރާއީލުގެ ދަރިކޮޅުގެ ގޭންނގުތަކުގެ ޒުވާނުން އަރަބި ދަރިކޮޅުގެ މީހުންނަށް ހަމަލާ ދެމުންދާއިރު، ފުލުހުން ގޭންގުތަކަށް ތާއީދު ކުރަމުންދާކަމަށް ކުރެވޭ ތުހުމަތުތައް އިސްރާއީލުގެ ފުލުހުންވަނީ ދޮގު ކޮށްފައެވެ.
ގާޒާއާއި އިސްރާއީލާ ދެމެދު އެއް ހަފްތާވަންދެން މެދުނުކެޑި ކުރިޔަށް މި ހަމަނުޖެހުންތަކަކީ، 2014 ވަނަ އަހަރަށްފަހު ކުރިޔަށްދަ އެންމެ ބޮޑު ހަމަނުޖެހުމެވެ.
ހަމާސް ޖަމާއަތާއި އިސްރާއީލާ ދެމެދު މިހާރު ކުރިޔަށް ދާ ހަގުރާމައިގެ ސަބަބުން، ވައިގެ ސަރަހައްދުން ދަތުރުކުރުމަކީ ރައްކާތެރި ކަމަކަށް ނުވާތީ، މި ސަރަހައްދު ދަތުރުކުރުން އެއަރލައިންތަކުން މިހާރުވަނީ ހުއްޓާލާފައެވެ.
އިސްރާއީލާ ފަލަސްތީނާ ދެމެދު މިހާރު ހިގަމުންދާ ހަމަނުޖެހުންތައް ފެށިފައިވަނީ، 1967ގެ ހަގުރާމާގައި އިސްރާއީލުން ހިފާފައިވާ އިރުމަތީ ޖެރޫސެލަމްގެ ޝެއިޚް ޖައްރާއިން ފަލަސްތީނު ރައްޔިތުން ބޭރުކުރުމުގެ މަސައްކަތް އިސްރާއީލުން ފެށުމާއި ގުޅިގެންނެވެ. މިގޮތުން ހިގަމުންދާ ސަރަހައްދުތަކުގެ ތެރޭގައި، ޝެއިޚް ޖައްރާއާއި، އަރަބި-އިސްރައީލު މީހުން ދިރިއުޅެމުންދާ އަވަށެއް ކަމުގައިވާ ހައިފާވެސް ހިމެނެއެވެ.
ހަމާސްއިން އިސްރާއީލަށް އަމާޒުކޮށް ރޮކެޓް ހަމަލާތައް ދީފައި މިވަނީ، ފާއިތުވެދިޔަ ހަފްތާތަކުގައި އަލް-އަގްސާ މިސްކިތުގައި ހިގަމުންދިޔަ ހަމަނުޖެހުންތަކަށްފަހު، އިސްރާއީލުގެ ސެކިއުރިޓީ ފޯސްތަކުން އަލް-އަގުސާ މިސްކިތް ދޫކޮށް ދިއުމަށް، ގާޒާގައި ވެރިކަން ކުރަމުންދާ ހަމާސްގެ އިސްވެރިން އިސްރާއިލަށް ދިން މުހުލަތު ފާއިތުވެގެން ދިއުމަށް ފަހުއެވެ.
ކޮމެންޓު ފޮނުވާ