މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާގެ މައުލޫމާތު، އެހަމަލާ ދިނުމުގެ ކުރިން އާންމު ފަރާތަކުން ދިނުމާއި ގުޅިގެން ޑިފެންސް މިނިސްޓަރ މާރިޔާއާއި ހިއްސާ ކުރުމުން، އެމައުލުމާތު ފުލުހުންނަށާއި، ސީޕީއަށް ދެއްވުމަށް ވިދާޅުފައި ނުވާކަމަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.
މެއި 06، 2021 ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ބަޔަކު ދިން ހަމަލާއާ ގުޅޭ މަޢުލޫމާތު އިލްޔާސްއަށް ކޮންމެވެސް މިންވަރަކަށް ލިބިފައިވާކަމަށް ދެކެވޭ ވާހަކައާ ގުޅޭ ގޮތުންނާއި، އަދި ޑިފެންސް މިނިސްޓަރ މީޑިޔާގައި ދައްކަވާފައިވާ ވާހަތަކާއި ގުޅިގެން އިލްޔާސް ވަނީ ބަޔާނެއް ނެރުއްވާފައެވެ.
އިލްޔާސް ވިދާޅުވެފައިވަނީ ރައީސް ނަޝީދު އަވަހާރަކޮށްލަން ބަޔަކު ރާވަކުމުގެ މަޢުލޫމާތު އާންމުންގެ މީހެއްގެ ފަރާތުން ލިބުމާގުޅިގެން، އެ މަޢުލޫމާތު ވަގުތުން ރައީސް ނަޝީދަށް ހިއްސާކުރިކަމަށެވެ.
އަދި، މިނިސްޓަރ އޮފް ޑިފެންސްއާ ގުޅާ، ރައީސް ނަޝީދުގެ އިރުޝާދާއެކު، އެމަޢުލޫމާތު ޑިފެންސް މިނިސްޓަރަށް އަރުވަނީކަމަށް ދަންވައި، އަޅުގަނޑަށް ލިބިފައިހުރި މަޢުލޫމާތުގެ ތަފްޞީލް މިނިސްޓަރަށް އެރުވިން. ރައީސް ނަޝީދުގެ ސަލާމަތާ ރައްކާތެރިކަން ބެލެހެއްޓުމުގެ ޤާނޫނީ ޒިންމާ އަދާކުރަންޖެހޭ ފަރާތަކީ ޑިފެންސް މިނިސްޓްރީކަމަށްވާތީ އަޅުގަނޑު އެމަޢުލޫމާތު އެމުއައްސަސާއާ ހިއްސާކުރުމުން، އެމަޢުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ނުވަތަ ކޮމިޝަނަރ އޮފް ޕޮލިސްއަށް ހިއްސާކުރުމަށް އަޅުގަނޑަށް އެފަރާތުން އެއްވެސް ހާލަތެއްގައި އަންގާފައިނުވޭ.
– އިލްޔާސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ނަޝީދަށް ހަމަލާދިން މައްސައްލައިގެ ތަޙްޤީޤަށް ދޭންޖެހޭ މަޢުލޫމާތާއި މިހާރުވެސް ދެމުންދާކަމަށް އޭނާ ވިދާޅުވިއެވެ. މިމައްސަލަ ތަޙްޤީޤުކުރަމުން ދަނިކޮން، މިމައްސަލައާ ގުޅޭ ގޮތުން ދައުލަތުގެ އިދާރާތަކަށް ލިބިފައިވާ މަޢުލޫމާތު، ޒިންމާދާރު މަޤާމުތަކުގައި ތިބޭ މީހުން އާންމުކޮށް، އެމަޢުލޫމާތު މީޑިއާގައި ބަހުސްކުރުމަށް ހުޅުވާލުމަކީ ޒިންމާދާރުކަމެއްކަމުގައި ޤަބޫލުނުކުރެވޭކަމަށްވެސް އިލްޔާސް ވިދާޅުވެފައިވެއެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި މެންބަރު އިލްޔާސް ވަނީ ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީއާއި ފޯނުން ގުޅުއްވާ 3 މިލިއަން ޑޮލަރަށް ރައީސް ނަޝީދަށް ބަޔަކު ހަމަލާ ދިނުމަށް ރާވަމުންދާކަމަށް ވިދާޅުވެފައެވެ. އެވާހަކަފުޅާއި ގުޅިގެން މާރިޔާ ވަނީ ރައީސް ނަޝީދުގެ ސެކިއުރިޓީ ކަންކަން އެމްއެންޑީއެފް އިން ބަލަމުންދާނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެކަމުގައި ހިމެނޭ ޖިނާއީ ކަންކަން ފުލުހުންނަށް އެންގުމަށް މިނިސްޓަރ ވަނީ އިލްޔާސްއަށް ދަންނަވާފައެވެ. މިއާއެކު މެންބަރުވެސް ވަނީ މިނިސްޓަރ އެކަން ފުލުހުންނަށް އަންގައިދިނުމަށް އެދިވަޑައިގެންފައެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް ދީފައިވާއިރު، އެހަމަލާގެ ކުރިން ހަމަލާއެއް ރާވަމުންދާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް އަށް އެނގިފައިވާކަން މިވަނީ ހާމަވެފައެވެ. ނަމަވެސް ސަލާމަތީ ޚިދުމަތަކުގެ އިންޓަލިޖަންސްއަށް އެ ހަމަލާ ދޭން އުޅޭކަމުގެ މަޢުލޫމާތު އެނގިފައިނުވާތީ ވަނީ ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައެވެ.
އެމްއެންޑީއެފް އިންވެސް ވަނީ ރައީސް ނަޝީދަކީ ހައި ރިސްކު ބޭފުޅެއްކަމުން އަބަދުވެސް ސެކިއުރިޓީ ފޯރުކޮށްދެމުން އައިސްފައިވަނީ އެކަމަށް ބަލައިގެންކަމަށެވެ.
ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރުވެސް ވަނީ ރައީސް ނަޝީދަށް ހަމަލާއެއް ދީފައިވާއިރު، ޢާންމުނަށްވެސް އެކަމުގެ އެެއްވެސް ހިލަމެއް ނުވަނީތޯ ޕްރެސްކޮންފަރެންސެއްގައި ވިދާޅުވެފައެވެ. މިއާއެކު ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައިވެއެވެ.
މިމަހުގެ 6ވަނަ ދުވަހުގެރޭ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް އެއްޗެއް ގޮއްވާލާ ދިން ހަމަލާގައި އެމަނިކުފާނަށް ސީރިއަސް ޒަހަމްތަކެއް ލިބިވަޑައިގެން ގިނަ އޮޕަރޭޝަންތަކެއް ވަނީ ކޮށްފައެވެ. ރައީސް ނަޝީދަށް ހަމަލާދިނުމަށް ބޭނުންކުރި ބޮން ހަދާފައިވަނީ އޭގައި ގިނަ އަދަދެއްގެ ރޭޒާފުކާއި އެހެނިހެން ގެއްލުންދޭ ތަކެތި ހިމަނައިގެންކަމުން މި ބޮން ގޮއްވާލުމާއި އެކު މިތަކެތިވަނީ ރައީސް ނަޝީދުގެ ހަށިކޮޅުގެ ތެރެއަށް ވަދެފައެވެ. މިތަކެތި ނެގުމަށް ޑޮކްޓަރުންގެ ޓީމުންވަނީ 16 ގަޑިރުވަންދެން ސީރިއަސް އޮޕަރޭޝަންތަކެއް ކޮށްފައެވެ.
ކޮމެންޓު ފޮނުވާ