މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ދީފައިވާ ޓެރަރިސްޓް ހަމަލާއަށްފަހު ލިބުނު މައުލޫމާތަކައި ގުޅިގެން ވެލާނާ އިންޓަރނޭޝަލް އެއާޕޯޓްގެ ސެކިއުރިޓީ ވަރުގަދަ ކޮށްފިއެވެ.
ފުލުހުންނާއި ސިފައިން ރާއްޖޭގެ އެންމެ ބޮޑު ވައިގެ ބަނދަރަށް ހާއްސަ އިސްކަމެއް ދީގެން ބަލަހައްޓަން ފެށީ ރެއިން ފެށިގެންނެވެ. އެއާޕޯޓު ބޭރުގައި އެސްއޯ ފުލުހުން ރެއިން ފެށިގެން ހަރަކާތްތެރިވި އިރު، ސިފައިން ހަރަކާތްތެރިވަނީ ހަތިޔާރާއެކު ހަރަކާތްތެރިވަނީ އެއާޕޯޓު ތެރޭގައެވެ.
އެމްއެންޑީއެފްގެ އިސް ތަރުޖަމާން މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ އެއާޕޯޓްގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައިވާ ކަމަށެވެ. ސެކިއުރިޓީ ވަރުގަދަ ކޮށްފައިވަނީ ލިބުނު މައުލޫމާތަކާއި ގުޅިގެން ކަމަށް ވިދާޅުވި ނަމަވެސް އެއީ ކޮން މައުލޫމާތެއް ކަމެއް އަދި އެކަމާ ގުޅޭ އެއްވެސް ތަފްސީލެއް އާޒިމް ނުދެއްވައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން މުޅި ރާއްޖޭގެ ސެކިއުރިޓީ ވަރުގަދަކޮށް ހަތިޔާރާއި އެކު ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން ސިފައިންގެ އެލާޓް ލެވަލް ވެސް ވަނީ އެންމެ މަތީ ލެވަލް، އެމްބާ އަށް ބަދަލުކޮށްފަ އެވެ.
ކޮމެންޓު ފޮނުވާ