އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ޝާމިލުވާ މީހުންގެ ލިސްޓު ދޭން ބުނުމުން އެކަން ތަހުގީގު ކުރި ކޮމިޝަނުން، ތަނުގެ މުޅި ހާޒިރީ ކަމާއިބެހޭ ފަރާތްތަކަށް ދިނުމުން ނިކުނާނެ ގޯސްނަތީޖާ މިއަދު މިވަނީ ނިކުމެފައިކަމަށް ނެޝަނަލް ޓެންޑާ ބޯޑުގެ ޗެއާމަން އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.
އެމް.އެމް.ޕީ.އާރު.ސީ މެދުވެރިކޮށް ހިންގާފައިވާ ވައްކަމާއި ޚިޔާނާތުގެ މައްސަލައިގައި ބައިވެރިވިކަމަށް ނުވަތަ މަންފާ ލިބުނުކަމަށް ތުހުމަތުކުރެވޭ 281 ފަރާތެއްގެ ނަން މިލިސްޓުގައި ހިމެނޭއިރު، ދަޢުލަތުގެ އެކިއެކި މަޤާމުގައި ތިބި 119 މީހަކު ހިމެނެއެވެ. މީގެ ތެރޭގައި މިހާރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން 16 މެންބަރަކާއި، މީހާރުގެ ޔޫތު މިނިސްޓަރ އަޙްމަދު މަޙުލޫފް އާއި ޕްލެނިންގ އެންޑް ހައުސިން ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީންއާއި އޮޑިޓަ ޖެނެރަލްގެ މަޤާމުން އިސްތިއުފާ ދެއްވި ހަސަން ޒިޔަތުގެ އިތުރުން ބައެއް ފުލުުހުންނާއި ސިފައިންވެސް ހިމެނެއެވެ.
ލިސްޓު މަޖިލީހުން އާންމުކުރުމާއިއެކު ގިނަ ބައެއްގެ ނުރުހުމާއި، ކަންބޮޑުވުން ވަނީ މިކަމަށް އަމާޒުވެފައެވެ. ޚާއްސަކޮށް މިވަރުގެ ލިސްޓެއް އާންމުކުރިއިރު ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން ބައެއް މީހުންނާއި ސުވާލެއްވެސް ނުކޮށްލައި އެމީހުންނަކީ ޚިޔާނާތްތެރިން ކަމަށް ކަނޑައަޅައި ލިސްޓެއް ދޫކޮށްލުމަކީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކޮށްފައިވާކަމެއްކަމަސް ގިނަބަޔަކު ދަނީ ބުނަމުންނެވެ.
މިލިސްޓައި ގުޅިގެން ޒަރިޔަންދު ވިދާޅުވީ އެމްއެމްޕީއާރުސީގެ ލިސްޓޭ ބުނުމުން ރައްޔިތުން ގަބޫލުކޮށްގެން ތިބީ ލިސްޓުގައި އޮންނަ ކޮންމެ ނަމަކީ ޚިޔާނާތުގެ ބައިވެރިކަން ޔަގީންކޮށް އާންމުކުރާ ލިސްޓަކަށް ވާނެކަމަށެވެ. އަދި އެމީހުންނަކީ ވަގުންކަމަށްދެކި ރައްޔިތުން މާކުރިންވެސް ނިންމައިގެން ތިބިކަމަށެވެ. ނަމަވެސް މިހާރު މިކަން ވެފައިވަނީ ރައްޔިތުންވެސް އުންމީދު ކުރި ގޮތަކަށް ނޫންކަމަށާއި، ނަމަކަށް ކަމެއް ކުރުމުން ނިކުނާނެ ނަތީޖާ މިއަދު ފެންނަމުންދާކަމަށް ޒަރިޔަންދު ވިދާޅުވިއެވެ.
މިދެން ބޮޑުވަރު، ކޮރަޕްޝަންގެ ވަބާގެ ބަލާއިން ރައްޔިތުން ތިބީ ތިފަދަ ކޮންމެ ލިޔުމަކަށްބިނާކޮށް އެ ލިޔުމުގައި އޮތް އެންމެނަށް "ވަގަށް" ގޮވަން، ކޮރަޕްޝަންގެ ތުހުމަތުގެ މައުލޫމާތުދޭށޭ ބުނީމާ "ތަނުގެ ޙާޒިރީ" އާއި އެކު ދިނީމާ ކަމާނުބެހިތިބި މީހުންގެވެސް އަބުރު ގެއްލުމުގެ ފުރުސަތު އޮވޭ.
– ޒަރިޔަންދު ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ތެރެއިން ދައުލަތުގެ އެކި މަޤާމުތަކުގައި ތިއްބެވި މީހުން މަޤާމުތަކުން ވަކިކުރުމަށް ޖުޑީޝަރީ ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން ވަނީ ނިންމާފައެވެ.
ކޮމިޓީން ވަނީ މައިގަނޑު 8 ކަމެއް ކުރުމަށް ނިންމާފައެވެ. އެގޮތުން ތުހުމަތުކުރެވޭ މީހުންގެ ތެރެއިން އިންތިޚާބީ މަގާމުތަކުގައި ތިބި މީހުން ވަކިކުރެވޭނީ ޝަރުއީ ހުކުމަކުން ނުވަތަ އެ ފަރާތްތައް އަމިއްލައަށް އިސްތިއުފާ ދިނުމުން ކަމަށްވުމުން އެފަދަ ފަރާތްތަކުގެ ތަޙުޤީގު އަވަސްކުރަން އެސެޓް ރިކަވަރީ ކޮމިޝަނަށް އެންގުމަށް ވަނީ ނިންމާފައެވެ.
ކޮމެންޓު ފޮނުވާ