ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާއިން ލިބިވަޑައިގަތް ޒަޚަމްތަކަށް އިތުރު ފަރުވާ ހޯއްދެވުމަށް ޖަރުމަނުވިލާތަށް ފުރައިވަޑައިގަތުމަށް ޖެޓަށް އަރަނިކޮށް ނަގާފައިވާ ވީޑިއޯއެއް ސޯޝަލް މީޑިޔާގައި ދައުރުވާން ފަށައިފިއެވެ.
މި ވީޑިއޯގައި ނަޝީދު އެއަރ އެމްބިއުލާންސް އަރާވަޑައިގަންނަވާއިރު، ކޮރެއް ޖަހައި ދެފަހަރަކު މަޑުކުރުމަށް އަރާތަން ފެނެއެވެ. އަދި ގައިގެ އެކި ތަންތަނުގައި ބެންޑޭޖްކޮށް މަލަން އަޅާފައިވާތަން ފެނެއެވެ. ނަޝީދު އެއަރ އެމްބިއުލާންސް އެރާފައިވަނީ ހިންގަވާފައި ސިފައިންގެ އެހީތެރިކަމާއިއެކުގައެވެ.
ރައީސް ނަޝީދު އޭޑީކޭ ހޮސްޕިޓަލުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ވަޑައިގަތީ ވަރަށް މަތީ ފަންތީގެ ސެކިއުރިޓީއަކާއެކުއެވެ. އެގޮތުން އެމަނިކުފާނު ފުރާވަޑައިގަތުމުގެ މާކުރިން އޭޑީކޭ ހޮސްޕިޓަލުން ފެށިގެން މާލޭގެ ބައެއް މަގުތަކާއި ބްރިޖާއި، އެއަރޕޯޓް ސަރަހައްދުގައި ސަލާމަތީ ޚިދުމަތްތަކުން ގެންދިޔައީ ފޯރިމަރަމުންނެވެ. އެގޮތުން ސެކިއުރިޓީ އުޅަނދުތަކާއި، ހަތިޔާރާއެކު ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުން ހަރަކާތްތެރިވިއެވެ.
ފަހަކަށް އައިސް މަތީ ފަންތީގެ ބޭފުޅަކަށް މިހާ ވަރުގަދަ ސެކިއުރިޓީއެއް ފޯރުކޮށްދޭ މަންޒަރު ފެނިފައެއްނުވެއެވެ. ރައީސް ނަޝީދުގެ އާއިލާއިން ވަނީ އެމަނިކުފާނަށް އޭޑީކޭ ހޮސްޕިޓަލުން ދެއްވި ފަރުވާއާމެދު ހިތްހަމަޖެހޭކަމަށް ވިދާޅުވެފައެވެ. އަދި އޭޑީކޭ ޑޮކްޓަރުންގެ ޓީމަށް އާއިލާއިން ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މިމަހުގެ 6ވަނަ ދުވަހުގެރޭ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް އެއްޗެއް ގޮއްވާލާ ދިން ހަމަލާގައި އެމަނިކުފާނަށް ސީރިއަސް ޒަހަމްތަކެއް ލިބިވަޑައިގެން ގިނަ އޮޕަރޭޝަންތަކެއް ވަނީ ކޮށްފައެވެ. ރައީސް ނަޝީދަށް ހަމަލާދިނުމަށް ބޭނުންކުރި ބޮން ހަދާފައިވަނީ އެގާއި ގިނަ އަދަދެއްގެ ރޭޒާފުކާއި އެހެނިހެން ގެއްލުންދޭ ތަކެތި ހިމަނައިގެންކަމުން މި ބޮން ގޮއްވާލުމާއި އެކު މިތަކެތިވަނީ ރައީސް ނަޝީދުގެ ހަށިކޮޅުގެ ތެރެއަށް ވަދެފައެވެ. މިތަކެތި ނެގުމަށް ޑޮކްޓަރުންގެ ޓީމުންވަނީ 16 ގަޑިރުވަންދެން ސީރިއަސް އޮޕަރޭޝަންތަކެއް ކޮށްފައެވެ.
ޑޮކްޓަރުންގެ ޓީމުން ވިދާޅުވީ، ގޮއްވާލި ބޮމުން ބުރައިގެންދިޔަ ތޫނު ދަގަނޑު އެތިކޮޅުތަކުގެ ތެރެއިން އެތިކޮޅެއް، އެމަނިކުފާނުގެ ސީދާ ހިތަށް ނުވަދެ ހުރީ އެންމެ ސެންޓިމީޓަރެއްގެ ދުރުމިންކަމަށެވެ. މި އެތިކޮޅު ރައީސް ނަޝީދުގެ ހިތަށް ނުވަދެ ސަލާމަތްވީ އެމަނިކުފާނުގެ މޭކަށިގަނޑުގައި ޖެހި ކަށިގަނޑު ފުނޑުފުނޑުވުމުގެ ސަބަބުން އެ އެތިކޮޅު އެތެރެއަށް ދިޔުން މަތަވެގެންކަމަށްވެސް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ