ސެކިއުރިޓީ ވަރުގަދަކޮށް، ހަތިޔާރާއިއެކު ސިފައިން ހަރަކާތްތެރިވަނީ

ސެކިއުރިޓީ ވަރުގަދަކޮށް، ހަތިޔާރާއިއެކު ސިފައިން ހަރަކާތްތެރިވަނީ

Author
މުޙައްމަދު ޝަޒައިމް
13 މެއި 2021 06:38
0

މިމަހުގެ ހަވަނަ ދުވަހުގެރޭ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށްފަހު، ރާއްޖޭގެ ސެކިއުރިޓީ ވަރުގަދަކޮށް، މާލެ އާއި އަތޮޅު ތެރޭގައި ހަތިޔާރާއިއެކު ސިފައިން ހަރަކާތްތެރިވަމުންދާކަމަށް އެމްއެންޑީއެފައިން ބުނެފިއެވެ.

މިމަހުގެ ހަވަނަ ދުވަހުގެރޭ ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ސިފައިން ވަނީ މާލެއާއި ހުޅުމާލޭގެ ބައެއް ގެތަކާއި ތަންތަން ބަލާ ފާސްކޮށްފައެވެ. އަދި ސެކިއުރިޓީ އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން މިހާދިސާއާއި ގުޅިގެން އެމްއެންޑީއެފްގެ އެލާޓް ސްޓޭޓަސްވެސް މަތިކޮށްފައިވާކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

ސިފައިން މިއަދު ކުރި ޓްވީޓުގައި ބުނެފައިވަނީ ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން މާލެ ސަރަހައްދުގައާއި، އަތޮޅުތެރޭގައިވެސް ސިފައިން ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކޮށް، ހަތިޔާރާއިއެކު ހަރަކާތްތެރިވާނެކަމަށެވެ.

6 މެއި 2021 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ނުރައްކާތެރި ހަމަލާއާއި ގުޅިގެން، ގްރޭޓާ މާލެ އޭރިއާގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސެކިއުރިޓީ ކަންކަން ވަރުގަދަކޮށް، ހަތިޔާރާއިއެކު ސިފައިން އަންނަނީ ހަރަކާތްތެރިވަމުން.

– އެމްއެންޑީއެފްއިން ކުރި ޓްވީޓުގައި ބުނެފައިވެއެވެ.

މިމަހުގެ 6ވަނަ ދުވަހުގެރޭ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް އެއްޗެއް ގޮއްވާލާ ދިން ހަމަލާގައި އެމަނިކުފާނަށް ސީރިއަސް ޒަހަމްތަކެއް ލިބިވަޑައިގެން ގިނަ އޮޕަރޭޝަންތަކެއް ވަނީ ކޮށްފައެވެ. ރައީސް ނަޝީދަށް ހަމަލާދިނުމަށް ބޭނުންކުރި ބޮން ހަދާފައިވަނީ އެގާއި ގިނަ އަދަދެއްގެ ރޭޒާފުކާއި އެހެނިހެން ގެއްލުންދޭ ތަކެތި ހިމަނައިގެންކަމުން މި ބޮން ގޮއްވާލުމާއި އެކު މިތަކެތިވަނީ ރައީސް ނަޝީދުގެ ހަށިކޮޅުގެ ތެރެއަށް ވަދެފައެވެ. މިތަކެތި ނެގުމަށް ޑޮކްޓަރުންގެ ޓީމުންވަނީ 16 ގަޑިރުވަންދެން ސީރިއަސް އޮޕަރޭޝަންތަކެއް ކޮށްފައެވެ.

ޑޮކްޓަރުންގެ ޓީމުން ވިދާޅުވީ، ގޮއްވާލި ބޮމުން ބުރައިގެންދިޔަ ތޫނު ދަގަނޑު އެތިކޮޅުތަކުގެ ތެރެއިން އެތިކޮޅެއް، އެމަނިކުފާނުގެ ސީދާ ހިތަށް ނުވަދެ ހުރީ އެންމެ ސެންޓިމީޓަރެއްގެ ދުރުމިންކަމަށެވެ. މި އެތިކޮޅު ރައީސް ނަޝީދުގެ ހިތަށް ނުވަދެ ސަލާމަތްވީ އެމަނިކުފާނުގެ މޭކަށިގަނޑުގައި ޖެހި ކަށިގަނޑު ފުނޑުފުނޑުވުމުގެ ސަބަބުން އެ އެތިކޮޅު އެތެރެއަށް ދިޔުން މަތަވެގެންކަމަށްވެސް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.

އެމަނިކުފާނަށް އަމާޒުވި ބޮމުގެ ހަމާލާއަށްފަހު ފުރަތަމަ ފަހަރަށް ރައީސް ނަޝީދު ކުރެއްވި ޓްވީޓުގައިވަނީ ޞިއްހީ ޚިދުމަތްތެރިންނަށް ޝުކުރު އަދާކުރައްވައިފިއެވެ.

ރައީސް ނަޝީދަށްް ހަމަލާދިން މައްސަލާގައި މިހާތަނަށް 3 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.މި އެންމެންގެ ބަންދުގެ މުއްދަތަށް ކޯޓުން 15 ދުވަސް ވަނީ ޖަހާދީފައެވެ. ހައްޔަރުކުރި މީހުންގެ ތެރޭ ގައި ރައީސް ނަޝީދަށް ފަރާލާ މި ބޮން ގޮއްވާލުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވި މީހާއާއި ބޮން ހަރުކޮށްފައި ހުރި ސައިކަލްގެ ވެރިފަރާތްވެސް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.