ކޯވިޑް ފިޔަވަޅުތައް ތަންފީޒުކުރުމަށް ފުލުހުންނާއިއެކު ސިފައިން މަގުތަކަށް

ކޯވިޑް ފިޔަވަޅުތައް ތަންފީޒުކުރުމަށް ފުލުހުންނާއިއެކު ސިފައިން މަގުތަކަށް

Author
މުޙައްމަދު ޝަޒައިމް
13 މެއި 2021 06:13
0

ރާއްޖޭގައި ކޯވިޑްގެ ނުރައްކާތެރިކަން ބޮޑުވެ، ބަލި ފެތުރޭ މިންވަރު އިތުރުމާއި ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ފުލުހުންނާއިއެކު ސިފައިން ބައިވެރިވެ މާލޭގެ މަގުތަކުގައި ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފްއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މާލެ ސަރަހައްދުގައި އަޅާގައިވާ ކޯވިޑްގެ ފިޔަވަޅުތައް ތަންފީޒު ކުރުމުގައި ފުލުހުންނާއިއެކު ސިފައިންވެސް ހަރަކާތްތެރި ވަމުންދާނެކަމަށެވެ. އަދި މިހާރުވެސް މާލޭގެ އެކި ސަރަހައްދުތަކުގައި ސިފައިން ދަނީ ހަރަކާތްތެރި ވަމުންނެވެ.

ކޯވިޑް-19 ގެ ބަލިމަޑުކަން ފެތުރުން އިތުރުވުމާއި ގުޅިގެން މާލެ ސިޓީގައި އިއުލާން ކޮށްފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ތަންފީޒު ކުރުމުގައި އެމްއެމްޑީއެފް އިން ފުލުހުންނާއިއެކު މާލެ ސިޓީގައި ދަނީ ހަރަކާތްތެރިވަމުން.

– އެމްއެންޑީއެފްއިން ކުރި ޓްވީޓުގައި ބުނެފައިވެއެވެ.

ފިޔަވަޅުތައް ތަންފީޒު ކުރަން ސިފައިން ހަރަކާތްތެރިވާން ފަށާފައިވާއިރު، އިއްޔެ ރައީސް ޞާލިހުވަނީ ކޯވިޑުން ރައްކާތެރިވުމަށް އެޗްޕީއޭއިން އަޅާފައިވާ އައު ފިޔަވަޅުތައް ތަންފީޒުކުރަން ސަލާމަތީ ބާރުތައް ގުޅިގެން މަސައްކަތް ކުރެއްވުމަށް އަންގަވާފައެވެ.

މާލޭ ސަރަހައްދުން ކޯވިޑް ފެންނަ އަދަދު އިތުރުވުމުން މި ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށް އެ ފިޔަވަޅުތައް އެއް ހަފްތާގެ މުއްދަތަށް ތަންފީޒުކުރުމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ. އެގޮތުން މިއަދުން ފެށިގެން މިމަހުގެ 18ގެ ނިޔަލަށް މާލޭ ސަރަހައްދުގައި ހަވީރު 04:00 ފަތިހު 04:00 ބޭރަށް ނުކުމެ އުޅުމަކީ މަނާކަމެކެވެ. އަދި މި މުއްދަތައް މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުންވެސް މިވަނީ މެދުކަނޑާލާފައެވެ. މީގެއިތުރުން މާލޭ ސަރަހައްދުގެ ހޮޓާ ރެސްޓޯރަންޓްތަކުގައި މީހުން ވައްދައިގެން ކެއިން ބުއިމުގެ ހިދުމަތް ދިނުންވެސް ވަނީ މަނާކޮށްފައެވެ. އަދި ޑެލިވަރީގެ ހިދުމަތްވެސް ދެވޭނީ ދަންވަރު 12 އާއި ހަމައަށެވެ.

މި ފިޔަވަޅުތަކުގެ އިތުރުން ދެކުނު އޭޝިޔާގެ ޤައުމުތަކުން ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންނަށް ޓުއަރިސްޓް ވިސާ ދިނުން ވަގުތީ ގޮތުން މެދުކަނޑާލަންވެސް ވަނީ ނިންމާފައެވެ. މި ނިންމުމަށް އަމަލުކުރަން ފަށާނީ މިމަހުގެ 13ވަނަދުވަހުން ފެށިގެންނެވެ.

އެޗްޕީއޭއިން އަޅާފައިވާ އައު ފިޔަވަޅުތައް ތަންފީޒުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ސަރުކާރުން ވަނީ މަސައްކަތް ފައްޓާވާފައެވެ. މިގޮތުން މިފިޔަވަޅުތަކަށް އަމަލުކުރާކަން ކަށަވަރުކުރުމަށް ސަލާމަތީ ބާރުތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ އަންގަވާފައެވެ. މިގޮތުން މި ފިޔަވަޅުތައް ތަންފީޒުކުރުމަށް ފުލުހުންނާއި ސިފައިން ގުޅިގެން މަސައްކަތް ކުރެއްވުމަށާއި އެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރެއްވުމަށްވެސް ރައީސް ވަނީ އަންގަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.