މާލެ ސަރަހައްދުގެ ސްކޫލުތައް އިތުރު ހަފްތާއަކަށް ބަންދު، ކިޔަވައިދޭނީ އޮންލައިންކޮށް

މާލެ ސަރަހައްދުގެ ސްކޫލުތައް އިތުރު ހަފްތާއަކަށް ބަންދު، ކިޔަވައިދޭނީ އޮންލައިންކޮށް

Author
މުޙައްމަދު ޝަޒައިމް
13 މެއި 2021 05:33
0

މާލެ ސަރަހައްދުގެ ސްކޫލުތައް އިތުރު އެއް ހަފުތާ އަށް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދޭން އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނިންމައިފިއެވެ.

ކޯވިޑް-19ގެ ކޭސްތައް އިތުރުވުމާގުޅިގެން މާލެ ސަރަޙައްދުގައި އަޅާފައިވާ ފިޔަވަޅުތައް އެޗްޕީއޭއިންވަނީ މިހާރު ވަރުގަދަކޮށްފައެވެ. އެގޮތުން ގިނަ ބަޔަކު އެއްވެގެން ކުރިއަށްގެންދާ ހަރަކާތްތައް ހުއްޓާލުމަށްވަނީ އަންގާފައެވެ. މި ފިޔަވަޅާއެކު މާލެ ސަރަޙައްދުގައި ސްކޫލަށް ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިދިނުން ކުރިއަށް ނުގެންދިއުމަށް އެޗްޕީއޭއިން އެޑިއުކޭޝަނަށްވަނީ އަންގާފައެވެ.

އެޗްޕީއޭގެ ނިންމާއި އެއްގޮތަށް މިދިޔަ ހަފްތާއިން ފެށިގެން މާލެ ސަރަހައްދުގައި ކިޔެވުން ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންކޮށެވެ. އަދި މިއަދު އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކޯވިޑު-19 ފެތުރުން ކޮންޓްރޯލްކުރަން އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ޕްރީ ސްކޫލުން ފެށިގެން ގްރޭޑު 12ގެ ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދަން ހަމަޖައްސާފައިވަނީ އޮންލައިންކޮށް ކަމަށެވެ. ނަމަވެސް އެ މުއްދަތުގައި އިމްތިހާނުތައް އޮންނާނެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ކޯވިޑް-19އާ ގުޅިގެން ސްކޫލްތަކަށް ހާޒިރުވެގެން ކިޔެވުން ފުރަތަމަ މެދުކަނޑާލީ، މިދިޔަ އަހަރުގެ މަރޗްމަހުގެ މިޑް ޗުއްޓީއަށް ފަހުއެވެ. އޭގެ ފަހުން ޙާލަތު ރަނގަޅުވަމުން އަންނަ މިންވަރަށް ބަލާ، މަތީ ގްރޭޑްތަކުގެ ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދެމުން ގެންދިޔައެވެ. ނަމަވެސް ގްރޭޑް 6އިން ދަށުގެ ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދީފައެއް ނުވެއެވެ.

ކޯވިޑް-19ގެ ކޭސްތަކުގެ އަދަދު މަދުވުމާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ހުރިހާ ގްރޭޑްތަކުގެ ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދޭން ފެށީ، މިއަހަރުގެ ޖެނުއަރީ 10ގައި ފެށި 2020ވަނަ އަހަރުގެ ދެވަނަ ޓަރމްގެ ކިޔެވުމާއެކުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.