ޚިޔާނާތުގެ ލިސްޓާއި ގުޅިގެން އަބްދުﷲ ރިޔާޒުގެ ފާޑުކިޔުން ކޮމިޝަނަށް

ޚިޔާނާތުގެ ލިސްޓާއި ގުޅިގެން އަބްދުﷲ ރިޔާޒުގެ ފާޑުކިޔުން ކޮމިޝަނަށް

Author
މުޙައްމަދު ޝަޒައިމް
13 މެއި 2021 03:12
0

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމް.އެމް.ޕީ.އާރްސީގެ ބޮޑު ޚިޔާނާތުގައި ބައިވެރިވި މީހުންކަމަށްބުނެ، އެސެޓް ރިކަވަރީ ކޮމިޝަނުން ފޮނުވި ލިސްޓާއި ގުޅިގެން ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ ފާޑިކިޔުން ކޮމިޝަނަށް އަމާޒުވެއްޖެއެވެ.

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމް.އެމް.ޕީ.އާރްސީގެ ބޮޑު ޚިޔާނާތުގައި ބައިވެރިވި ނުވަތަ މާލީ މަންފާ ލިބިފައިވާކަމަށް ތުހުމަތުކުރެވޭ ފަރާތްތަކުގެ ލިސްޓް ރައްޔިތުންގެ މަޖިލީހުން ޢާންމުކޮށްފައެވެ. މަޖިލީހުން އާންމުކޮށްފައިވާ ލިސްޓަކީ މިމައްސަލަ ބަލަން ޤާނޫނީ ބާރުވެރިކަން ދީގެން އުފައްދާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނުން ފާއިތުވެދިޔަ ދެ އަހަރު ތެރޭގައި އެކުލަވާލާފައިވާ ލިސްޓެެކެވެ. ލިސްޓު އެކުލަވާލި ނަމަވެސް ލިސްޓުގައި ތިއްބެވި ގިނަ ބޭފުޅުންނާއި މިހާތަނަށް ކޮމިޝަނުން އެއްވެސް ސުވާލެއްކޮށް، އެއްވެސް ތަހުގީގެއް ހިންގާފައި ނުވާކަން ދަނީ ހާމަކުރަމުންނެވެ.

ލިސްޓާއިމެދު ކަންބޮޑުވުން ފާޅު ކުރައްވައި، މިމަސައްކަތް މަޖިލީހުން ކުރި ކޮމިޓީގައިވެސް ހިމެނި ވަޑައިގަންނަވާ އަބްދުﷲ ރިޔާޒު ވިދާޅުވީ ލިސްޓެއް ތައްޔާރުކޮށްފައިވާއިރު، ލިސްޓުގައި ތިބި މީހުންނަށް ތުހުމަތު ކުރާކަންވެސް އެގުމެއްނެތި މިފަދަ އިލްޒާމެއް އެޅުވޭގޮތަށް ލިސްޓެއް މަޖިލީހާއި ހިއްސާ ކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއްކަމަށެވެ. ކޮމިޝަނަށް މިހާތަނަށް އައިއިރު މިލިސްޓުގައި ތިއްބެވި ބައެއް ބޭފުޅުންނާއި ކުޑަމިނުން ސުވާލެއްވެސް ކޮށް ނުލައި އާންމުންގެ ތެރެއަށް ލިސްޓު އާންމުކުރުމަށް ދިނުމަކީ މިކަމުން ގިނަބައެއްގެ ހައްގުތަކެއް ގެއްލިގެންދާ ކަމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ތުހުމަތު ކުރާކަން ނުވަތަ ޕާސަންސް އޮފް އިންޓަރެސްޓްކަން އެންގުމެއްނެތި އަދި ލިސްޓުގަ ތިބި ބައެއް ފަރާތްތަކާ އެއްވެސް ސުވާލެއްކުރުމެއްނެތި އެފަރާތްތަކުގެ ނަން ހިމަނައިގެން ލިސްޓެއް މަޖިލިހަށް ފޮނުވުމަކީ އެސެޓް ރިކަވަރީ ކޮމިޝަނުން ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކުރެއްވި ކަމެއް.

– ޢަބްދުﷲ ރިޔާޒު ވިދާޅުވިއެވެ.

ލިސްޓުގައި ނަން އޮތް ކޮންމެ މީހަކީ ކުށްވެރިއެއް ކަމަށް ބަލައިގެން ނުވާނެ ކަމަށް، މި ޚިޔާނާތް ތަހުގީގުކުރުމުގެ ވެރިޔަކަށް ހުންނަވާ، އެސެޓްސް ރިކަވަރީ ކޮމިޝަންގެ ރައީސް އަހްމަދު އައްސަދު ވިދާޅުވިޔަސް ރައްޔިތުންގެ މަޖިލީހުން އެ ލިސްޓު ސިފަކޮށްފައި އެ އޮތީ ތަހުގީގުކޮށް ނިންމައި، ކުރި ހުކުމެއް ފަދައިންނެވެ.

‎ތަހުގީގަށް ފަހު ޖިނާއީ ދައުވާ ނުކުރަން ނިންމާފައިވާ މީހުންނާއި މި ޚިޔާނާތުގެ ކުށަށް އިއުތިރާފު ވެފައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އޭނާގެ ބައިވެރިން ބުނީތީ ލިސްޓުގައި ހިމެނި އަދި އެކަމާ ބެހޭ ގޮތުން މައުލޫމާތު ހޯދަންޖެހޭ މީހުންނާއި ތަހުގީގު ކުރިއަށްދާ މީހުން ވެސް ލިސްޓުގައި ހިމެނެއެވެ.

އެމް.އެމް.ޕީ.އާރު.ސީ މެދުވެރިކޮށް ހިންގާފައިވާ ވައްކަމާއި ޚިޔާނާތުގެ މައްސަލައިގައި ބައިވެރިވިކަމަށް ނުވަތަ މަންފާ ލިބުނުކަމަށް ތުހުމަތުކުރެވޭ 281 ފަރާތެއްގެ ނަން މިލިސްޓުގައި ހިމެނޭއިރު، ދަޢުލަތުގެ އެކިއެކި މަޤާމުގައި ތިބި 119 މީހަކު ހިމެނެއެވެ. މީގެ ތެރޭގައި މިހާރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން 16 މެންބަރަކާއި، މީހާރުގެ ޔޫތު މިނިސްޓަރ އަޙްމަދު މަޙުލޫފް އާއި ޕްލެނިންގ އެންޑް ހައުސިން ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީންއާއި އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތުގެ އިތުރުން ބައެއް ފުލުުހުންނާއި ސިފައިންވެސް ހިމެނެއެވެ. މީގެތެރެއިންވެސް މިނިސްޓަރ މަޙުލޫފުގެ ތަޙުޤީގުގެ ބައިނިމި މިހާރުވަނީ ދަޢުވާކުރުމުގެ މަރުހަލާގައެވެ.

އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ތެރެއިން ދައުލަތުގެ އެކި މަޤާމުތަކުގައި ތިއްބެވި މީހުން މަޤާމުތަކުން ވަކިކުރުމަށް ޖުޑީޝަރީ ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން ވަނީ ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.