އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން މިއަދު އާންމު ކުރި ލިސްޓަކީ ބުހުތާނު ދޮގުގެ މައްޗަށް އެކުލެވޭ ލިސްޓެއް ކަމަށާއި، މިހެން ބިރުދައްކަން އުޅުނަސް ރައީސް ޔާމިން މިނިވަން ކުރުމަށް ކުރާ މަސައްކަތް ނުހުއްޓޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރުސީގެ ފައިސާ ނިލުބުނުކަމަށް މި ޚިޔާނާތުގައި އިސްކޮށް ހަރަކާކާތްތެރިވާ މީހުން ދިން ނަންތަކަށް ތައްޔާރުކޮށްފައިވާ ލިސްޓާއި ގުޅިގެން ޣައްސާން ވިދާޅުވީ މިއީ އެއްވެސް އަސްލެއްގެ މައްޗަށް ބިނާކޮށްފައިވާ ލިސްޓެއް ނޫންކަމަށެވެ. އެއްވެސް ތަހުގީގެއް ކުރުމެއްނެތި ލިސްޓެއް ނެރުމަކީ މިއަދު ކުރެވިދާނެ ކަމެއްކަމަށާއި، ނަމަވެސް މިކަންކަން ބެލޭނެކަމަށެވެ.
ޣައްސާން ވިދާޅުވީ މީހަކު ބުނި ބުނުމެއްގެ މައްޗަށް ލިސްޓު ހަދައިގެން ނެރޭނަމަ މިފަދަ ލިސްޓުތަކެއް އެހެން ބަޔަކަށްވެސް ނެރެވިދާނެކަމަށެވެ. އަދި މިމަސައްކަތަކީ ސީދާ ރައީސް ޔާމީން މިނިވަން ކުރުމަށް ކުރާ މަސައްކަތަށް ބިރު ދެއްކުމުގެ ގޮތުން ކުރާ ކަމެއްކަމަށާއި، އެކަން ނުހުއްޓުވޭނެކަމަށް ޣައްސާން ވިދާޅުވިއެވެ.
ބުހުތާނު ދޮގު. ތަހުގީގެއް ނުކޮށް ހެއްކަށް ބެލުމެއްނެތި ލިސްޓެއް ހަދާ އަބުރު ކަތިލެވިދާނެ މިއަދު. ހަމަ ބުނާ ބުނުމަކަށް ނަންޖަހާ ބޮޑެތި ބަދުނާމު އެޅުވުމަކީ އިންސާފުތޯ؟ އެވެސް ތިމާ ހިތްރުހޭ މީހާގެ ނަން އުނިކޮށްފަ. މިހާރުން މިހާރަށް ރައީސް ޔާމީން މިނިވަން ކުރަން ގޮވާލަން! އެމަނިކުފާނުގެ ފަހަތްޕުޅުގައި މިކުރާ މަސްކަތް ތިހެން ބިރުދައްކައިގެން އިންޝާﷲ ނުހުއްޓުވޭނެ.
– ޣައްސާން ވިދާޅުވިއެވެ.
ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓް އާންމުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ އެއްކޮށްލައިގެން އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަ ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓާއެކުގައެވެ. މި ރިޕޯޓްގައި މިހާރުގެ ވަޒީރުންނާއި ކުރީގެ ވަޒީރުން އަދި މަޖިލީހުގެ މިހާރުގެ މެންބަރުންނާއި ކުރީން މެންބަރުކަން ކުރެއްވި ބޭފުޅުން އަދި ބައެއް ކުންފުނިތައްވެސް ހިމެނެއެވެ. އަދި ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅުންނާއި އެހެން ބައެއް ކޯޓްތަކުގައި ފަނޑިޔާރުން ކުރެއްވި ބޭފުޅުންވެސް ހިމެނެއެވެ.
ލިސްޓުގައި މިހާރު ކެބިނެޓް މިނިސްޓަރުންގެ ތެރެއިން ހިމެނިވަޑައިގަންނަވަނީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ ނަމެވެ. ރައީސް ޔާމީންގެ ދެކަނބަލުންނާއި އެމަނިކުފާނުގެ ކެބިނެޓްގެ ވަރަށް ގިނަ ބޭފުޅުންގެ ނަން ލިސްޓްގައިވެއެވެ. ރައީސް ޔާމީންގެ ދެ ނާއިބު ރައީސުން ކަމަށްވާ އަބްދުﷲ ޖިހާދާއި އަހުމަދު އަދީބުގެ ނަން ހިމެނިފައިވާއިރު މިހާރުގެ އޮޑިޓަރު ޖެނެރަލް ހަސަން ޒިޔަތުގެ ނަންވެސް ލިސްޓްގައި އެބައޮތެވެ.
ކޮމެންޓު ފޮނުވާ