އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތުހުމަތުގައި ފާހަގަވެފައިވާކަމަށް ބުނާ މީހުންގެ ލިސްޓު މަޖިލީހުން އާންމުކޮށްފައިވާއިރު، ކުޑަމިނުން ތުހުމަތު ކުރެވޭ މީހުންނާއި ސުވާލުވެސް ނުކުރެވޭކަމީ މިމަސައްކަތް ކުރި ކޮމިޝަން ފެއިލްވެފައިވާކަމުގެ ހެއްކެެތް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލާފައިވާ ލިސްޓް އެ ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހާއި ހިއްސާކޮށްފަ އެވެ. އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހަށް ފޮނުވި ލިސްޓްގައި 281 ނަމެއް އޮތް އިރު ކުރިން އެ ކޮމިޝަނުން ހާމަކުރި ގޮތުގައި އެ ލިސްޓްގައި އޭރު އޮތީ 267 ނަމެވެ.
ލިސްޓު އާންމު ކުރުމާއި ގުޅިގެން ލިސްޓުގައި ނަން އޮތް ގިނަ ބޭފުޅުން ދަނީ ޓުވިޓާގައި އެކި ޝުއޫރު ފާޅު ކުރަމުންނެވެ. ބައެއް ބޭފުޅުން ވަނީ މިފަދަ ލިސްޓެއް ނެރެފައިވާއިރު މިހާތަަނަށް އެއްވެސް އުވާލެއްވެސް ކޮށްފައި ނުވާކަމަށް ބުނެފައެވެ. މިކަމާއި ގުޅިގެން މެމްބަރު އުޝާމް ވިދާޅުވީ މިމައްސަލަ ބަލަން ވަކި ކޮމިޝަނެއް ހަދައި ޤާނޫނީ ބާރުވެރިކަން ދިނުމުންވެސް ވީހަމަ އެއްވެސް ކަމެއް ނެތްކަމަށެވެ. ފެނިގެން ދިޔައީ ކޮމިޝަންގެ ޒިންމާދާރުކަމެއްނެތި މަސައްކަތް ކުރެއްވިތަންކަމަށެވެ.
މިފަދަ ލިސްޓެއް ހަދައި އާންމުކުރަންވާނީ އެންމެ ކުޑަމިނުން ތުހުމަތު ކުރެވޭ ފަރާތްތަކާ ސުވާލުކުރުމަށްފަހު. ބޮޑެތި ބާރުތަކަކާއެކު އެސެޓް ކޮމިޝަން އުފެއްދިތާ 2 އަހަރަށްވުރެ ގިނަ ދުވަސް ވެގެންދާއިރު އެވަރުވެސް ކުރެވިފަ ނެތުމަކީ ކޮމިޝަން ފެއިލްވުން.
– އުޝާމް ވިދާޅުވިއެވެ.
ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓް އާންމުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ އެއްކޮށްލައިގެން އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަ ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓާއެކުގައެވެ. މި ރިޕޯޓްގައި މިހާރުގެ ވަޒީރުންނާއި ކުރީގެ ވަޒީރުން އަދި މަޖިލީހުގެ މިހާރުގެ މެންބަރުންނާއި ކުރީން މެންބަރުކަން ކުރެއްވި ބޭފުޅުން އަދި ބައެއް ކުންފުނިތައްވެސް ހިމެނެއެވެ. އަދި ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅުންނާއި އެހެން ބައެއް ކޯޓްތަކުގައި ފަނޑިޔާރުން ކުރެއްވި ބޭފުޅުންވެސް ހިމެނެއެވެ.
ލިސްޓުގައި މިހާރު ކެބިނެޓް މިނިސްޓަރުންގެ ތެރެއިން ހިމެނިވަޑައިގަންނަވަނީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ ނަމެވެ. ރައީސް ޔާމީންގެ ދެކަނބަލުންނާއި އެމަނިކުފާނުގެ ކެބިނެޓްގެ ވަރަށް ގިނަ ބޭފުޅުންގެ ނަން ލިސްޓްގައިވެއެވެ. ރައީސް ޔާމީންގެ ދެ ނާއިބު ރައީސުން ކަމަށްވާ އަބްދުﷲ ޖިހާދާއި އަހުމަދު އަދީބުގެ ނަން ހިމެނިފައިވާއިރު މިހާރުގެ އޮޑިޓަރު ޖެނެރަލް ހަސަން ޒިޔަތުގެ ނަންވެސް ލިސްޓްގައި އެބައޮތެވެ.
ކޮމެންޓު ފޮނުވާ