މަޖިލީހުން ހާމަކޮށްފައިވާ އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު މީހުންގެ ލިސްޓާއިއެކު ހާމަވެގެންދިޔައީ ފެއިލްވެފައިވާ ދައުލަތެއްގެ ސިފަ ކަމުގައި މިލިސްޓުގައި ނަން އޮތް އައްޑޫ ސިޓީގެ އިންތިޚާބީ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
މިމައްސަލަ މަޖިލީހުން ބެއްލެވި ކޮމިޓީގައި ހިމެނި ވަޑައިގަންނަވާ އީވާއާއި، އިންތިޔާޒު ފަހުމީ ޓެގް ކުރައްވައި އަލީ ނިޒާރު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އޭނާގެ ނަން ހިމަނައިގެން ލިސްޓު ނެރެ، ބޮޑު ވަގަކަށް ހަދާފައިވާކަމީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއްކަމަށެވެ. އަދި މިއީ މަޖިލީހުން މީހުގެ އަބުރު ކަތިލުމަށް ކޮށްފައިވާ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއްކަމަށް އަލީ ނިޒާރު ވިދާޅުވިއެވެ.
އަޅުގަނޑުގެ ނަން ހިމަނައިގެން މަޖިލިސް އިން ނެރެފައިވާ ލިސްޓަކީ އަބުރު ކަތިލަން ހިންގާފައިވާ ޖަރީމާއެއް. "އިންފޮމޭޝަން ކަލެކްޝަން" ޖަހައި ވަގެއް ކަމަށް ނިންމައި މީހުން ބަދުނާމު ކުރުވައިގެން ނުވާނެ. ފެއިލްވެފައިވާ ދައުލަތެއްގެ ސިފަ ސާފުވަމުން މިދަނީ.
– އަލީ ނިޒާރު ވިދާޅުވިއެވެ.
އައްޑޫ ސިޓީގެ އިންތިޚާބީ މޭޔަރު އަލީ ނިޒާރުގެ ނަން ލިސްޓުގައި އޮތްއިރު، އެއީ ޚިޔާނާތް ހިންގިއިރު ރައްޔިތުންގެ މަޖިލީހުގެ މެންބަރެކެވެ. އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގައި އައްޑޫ ހިތަދޫ މެދު ދާއިރާ ތަމްސީލް ކުރެއްވި އަލީ ނިޒާރުގެ ނަން ލިސްޓުގައި އޮތީ ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގެ މަރުހަލާގައި ތިބި މީހުންގެ ނަންތަކުގެ ތެރޭގައެވެ.
އެމްއެމްޕީއާރުސީ ހިޔާނާތުގެ ތުހުމަތުވާ ފަރާތްތަކުގެ ތެރެއިން ދައުލަތުގެ މަގާމުތަކުގައި މިހާރު ތިބި ފަރާތްތަކާއި ކުރިން މަގާމުތައް އަދާކުރި ފަރާތްތަކުގެ ލިސްޓެއް ފޮނުވަން މަޖިލީހުން އެދުނީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެެއާޕާސަން ހަސަން ލަތީފު ފޮނުއްވި ސިޓީއަކާ ގުޅިގެންނެވެ. މަޖިލީހުން އެކަމަށް އެދުމުން އެސެޓް ރިކަވަރީ ކޮމިޝަނާއި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުން ވެސް މަޖިލީހަށް މައުލޫމާތު ފޮނުވި އެވެ. ހިޔާނާތުގެ ފަައިސާ ލިބުނުކަމަށް ބެލެވޭ 281 ފަރާތެއްގެ ނަން ފޮނުވީ އެސެޓް ރިކަވަރީ ކޮމިޝަނުންނެވެ.
އެ ލިސްޓް ދިރާސާކުރީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އާއި ޖުޑިޝަރީ ކޮޮމިޓީ ގުޅިގެން އުފެއްދި ޖޮއިންޓް ކޮމިޓީއަކުންނެވެ. ޖޮއިންޓް ކޮމިޓީގެ ރިޕޯޓް ފައިނަލް ކުރަން ނެގި ސަބްކޮމިޓީއަކުން ރޭ ނިންމީ ރިޕޯޓާއި އެކު ލިސްޓް އާއްމުކުރުމަށެވެ. އެގޮތަށް ރޭ ނިންމި އިރު، ކޮމިޝަނުން ފޮނުވި ލިސްޓްކަމަށް ބުނެ ސޯޝަލް މީޑިއާގައި ރޭ ލިސްޓެއް ވެސް ދައުރުކުރި އެވެ. ފޮޓޯ ޖަހާފައިވާ އެލިސްޓްގައިވާ ބައެއް ބޭފުޅުންގެ ނަންތައް މިއަދު އާއްމުކުރި ލިސްޓްގައި ހުރި ނަމަވެސް ދެ ލިސްޓް ވަރަށް ތަފާތެވެ.
ޖޮއިންޓް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މެމްބަރުން ވިދާޅުވީ އެގޮތަށް ލިސްޓެއް އާއްމުކޮށްގެން މަސައްކަތް ކޮށްފައި އެވަނީ އެސެޓް ރިކަވަރީ ކޮމިޝަނުގެ އިތުބާރު ގެއްލުވައިލުމަށް ކަަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ކޮމެންޓު ފޮނުވާ