އެމްއެމްޕީއާރުސީ ޚިޔާނާތުގެ ލިސްޓު އާންމުކޮށް، ގިނަ ފިޔަވަޅުތަކެއް އެޅުމަށް އެދިއްޖެ

އެމްއެމްޕީއާރުސީ ޚިޔާނާތުގެ ލިސްޓު އާންމުކޮށް، ގިނަ ފިޔަވަޅުތަކެއް އެޅުމަށް އެދިއްޖެ

Author
މުޙައްމަދު ޝަޒައިމް
12 މެއި 2021 04:07
0

އެމްއެމްޕީއާރުސީ ޚިޔާނާތުގެ ލިސްޓު އާންމުކޮށް، ގިނަ ފިޔަވަޅުތަކެއް އެޅުމަށް އެދިއްޖެ އެވެ.

މަޖިލީހުން މިމައްސަލަ ދިރާސާކުރި ކޮމިޓީން ލިސްޓު އާންމު ކުރައްވާފައިވަނީ މީގެ ކުޑަ އިރުކޮޅެއް ކުރިންނެވެ. ކޮމިޓީން ވަނީ ދެ ލިސްޓެއް އާންމުކޮށްފައެވެ. އެއީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގައި ޖެހިފައިވާ ކަމަށް ތުހުމަތު ކުރެވޭ، އަދި މަންފާ ލިބުނު މީހުންގެ ތެރެއިން ދައުލަތުގެ މަގާމުތަކުގައި ކުރިން ތިބި އަދި މިހާރު ވެސް މަގާމުތަކުގައި ތިބި 119 މީހެއްގެ ލިސްޓަކާއި، މުޅި ހިޔާނާތުގެ ތެރޭގައި ހިމެނޭ 281 މީހުންގެ ލިސްޓް ހިމެނެއެވެ.

ދައުލަތުގެ އެކި ވަޒީފާތަކުގައި ތިބި މީހުންގެ ތެރެއިން، އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ 119 މީހެއްގެ ނަމާ އެކު ރައްޔިތުންގެ މަޖިލީހުންް އާންމު ކުރި ލިސްޓުގައި ވެއެވެ.

މި މައްސަލައާ ގުޅިގެން ގިނަ ފިޔަވަޅުތަކެއް އެޅުމަށް ކޮމިޓީން ލަފާ ދީފައެވެ. އެގޮތުން ކޮމިޓީން ވަނީ 8 ހުށަހެޅުމެއް ހުށަހަޅާފައެވެ.

ކޮމިޓީގެ ހުށަހެޅުންތައް:
1. އެމް.އެމް.ޕީ.އާރް.ސީގެ ވައްކަމާއި ޚިޔާނާތުގެ މައްސަލައިގެ ތަޙްޤީޤު ލަސްވެފައިވާކަމާއި، މި ރިޕޯޓުގެ "ޖަދުވަލު- 2 "ގައި ހިމަނާފައިވާ ދައުލަތުގެ މުވައްޒަފުންގެ ގޮތުގައި މަސައްކަތްކޮށްފައިވާ ނުވަތަ މިހާރު މަސައްކަތްކުރަމުންދާ ފަރާތްތަކަކީ ދައުލަތުގެ އޮނިގަނޑުގެ ތެރެއިން މައުލޫމާތު ލިބޭނެ އަދި ނުފޫޒު ފޯރުވުމުގެ ފުރުޞަތު އޮންނާނޭ ފަރާތްތަކެއްކަމަށްވާތީ، މި މައްސަލައިގެ ތަޙްޤީޤު އަވަސްކުރުމަށް ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީގައި ދެންނެވުން.

2. ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުން ހުއްޓުވުމާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައިދިނުން ހުއްޓުވުމާއި، މިފަދަ ކޮރަޕްޝަންގެ މައްސަލަތައް ތަޙްޤީޤުކުރުމުގެ އެންމެ އިސް ދައުރު އަދާކުރުމުގެ މަސްއޫލިއްޔަތު އަދާކަންކުރަންޖެހޭ އެއް ފަރާތަކީ އެންޓި-ކޮރަޕްޝަން ކޮމިޝަންކަމަށްވާއިރު، މިފަދަ ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ތަޙްޤީޤަށް އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މުވައްޒަފުންނާއި ފަންނީ ވަސީލަތްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރުމުގެ އިންތިޒާމްތައް ހަމަޖައްސައި ދިނުމަށް އެންޓި -ކޮރަޕްޝަން ކޮ މިޝަނުގައި ދެންނެވުން.

3. އެމް.އެމް.ޕީ.އާރް.ސީގެ ވައްކަމާއި ޚިޔާނާތުގެ މައްސަލައިގައި ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރެއިން، މިހާތަނަށް ތަޙްޤީޤު ނިމިފައިވާ ފަރާތްތަކުގެ އަތުން އެފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ދައުލަތުގެ ކަމާގުޅުންހުރި އިދާރާގައި ދެންނެވުމަށް ފެންނަކަމަށާއި، އެ މަސައްކަތް ކުރިއަށް ގެންދާގޮތް ރައްޔިތުންގެ މަޖިލީހުން ބަލަމުން ގެންދިއުން.

4. އެމް.އެމް.ޕީ.އާރް.ސީގެ ވައްކަމާއި ޚިޔާނާތުގެ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްސަލަތައް ތަޙްޤީޤުކުރާއިރު، އެފަރާތްތަކާމެދު އެވަގުތަކު އެޅެންހުރި މުހިއްމު ފިޔަވަޅުތައް އެޅުމަށް ފެންނަކަމަށާއި، އެގޮތުން ތުހުމަތުކުރެވޭ ފަރާތްތަކުގެ ތެރެއިން ދައުލަތުގެ މަޤާމުތަކުގެ ތެރެއިން ވަކިކުރެވޭނެ ފަރާތްތައް އެވަގުތަކު ހުރި މަޤާމަކުން ވަކިކުރުން.

5. އިންތިޚާބީ މަޤާމުތަކުގައި ތިބި ފަރާތްތައް މަޤާމުން ވަކި ކުރެވޭނީ އެ ފަރާތެއް އަމިއްލައަށް އެ މަޤާމުން އިސްތިއުފާދިނުމުން ނުވަތަ ޝަރުޢީ ޙުކުމަކުންކަމަށްވާތީ، މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ ތަޙްޤީޤު އަވަސްކުރުމަށް ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީގައި ދެންނެވުން.

6. ފައިނޭންޝަލް އިންވެސްޓިގޭޝަންތައް ހިންގާއިރު ތަޙްޤީޤީ އިދާރާތަކުން އެއް އުސޫލެއް ގެންގުޅުމަކީ މުހިއްމުކަމެއްކަމަށް ފެންނަ ކަމަށާއި އެފަދަ އިންވެސްޓިގޭޝަންތައް ހިންގާނެ ހަރުދަނާ އުޞޫލުތައް އެކުލަވާލުމަށް އެ އިދާރާތަކުގައި ދެންނެވުން.

7. ދިވެހިރާއްޖޭގައި ފައިނޭންޝަލް ކްރައިމްސް ގިނަވަމުންދާކަން ފާހަގަވާތީ، ފައިނޭންޝަލް އިންވެސްޓިގޭޝަންގެ ދާއިރާއިން މީހުން ތަމްރީނުކުރުމަށް އިސްކަން ދިނުމަށް ފެންނަކަމަށާއި، މިފަދަ ތަޙްޤީޤުތައް ކުރާ ފަރާތްތަކަށް އެކަށީގެންވާ ވަޞީލަތްތައް ފޯރުކޮށްދީ، އެފަދަ މައްސަލަތައް ތަޙްޤީޤުކުރާ އިދާރާތައް ހަރުދަނާކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ދައުލަތުގެ ކަމާގުޅޭ އިދާރާތަކުގައި ދެންނެވުން.

8. އެމް.އެމް.ޕީ.އާރް.ސީގެ ވައްކަމާއި ޚިޔާނާތުގެ މައްސަލައިގެ ތަޙްޤީޤަށް ބޭނުންވާ މަޢުލޫމާތުތައް ވީ އެންމެ އަވަހަކަށް ދައުލަތުގެ އިދާރާތަކުންނާއި ބޭންކުތަކުން ފޯރުކޮށްދިނުމަށާއި، ޤާނޫނުގައި ލާޒިމުކޮށްފައިވާގޮތަށް ތަޙްޤީޤީ އިދާރާތަކަށް އެއްބާރުލުންދިނުމަށް އެފަރާތްތަކުގައި ދެންނެވުން.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަ ބަލާ ކޮމިޓީން އަންނަނީ ކޮރަޕްޝަނާއި ގުޅޭގޮތުން މުޢާމަލާތުކޮށްފައިވާ 70،000އަށްވުރެ ގިނަ މެސެޖުވެސް ދިރާސާކުރަމުންނެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުވައްސަސާތަކުގައި އިސްކޮށް ތިއްބެވި ބައެއް ބޭފުޅުންނާއި، ސަރުކާރުގެ މަގާމުގައިތަކުގައި ތިއްބެވި ބައެއް ބޭފުޅުންގެ އިތުރުން ބައެއް ފަނޑިޔާރުންނަށްވެސް ލިބިފައިވާކަމަށް ތަހުގީގީ އިދާރާތަކުން ކުރިން ހާމަކުރައްވާފައިވެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބޭނުނުންކޮށްފައި ވަނީ ސިޔާސީ މަންފާތަކެއް ހޯދުމަށް ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުންވަނީ ބުނެފައެވެ. މިހާތަނަށް ކުރެވުނު ތަހުޤީޤުތަކުން އެގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.