އިތުރު ފަރުވާއަށް ރައީސް ނަޝީދު މާދަމާ ޖަރުމަނަށް

އިތުރު ފަރުވާއަށް ރައީސް ނަޝީދު މާދަމާ ޖަރުމަނަށް

Author
މުޙައްމަދު ޝަޒައިމް
12 މެއި 2021 02:24
0

މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެރޭ ރައީސް ނަޝީދުގެ ފުރާނަފުޅު ދުއްވާލަން ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާގައި ލިބިވަޑައިގެންނެވި ގެއްލުންތަކަށް އިތުރު ފަރުވާ ހޯދުމަށް މާދަމާ ޖަރުމަނަށް ފުރުވާވަލުމަށް ހަމަޖެހިއްޖެއެވެ.

ރައީސް ނަޝީދުގެ އާއިލާއިން ބުނެފައިވަނީ މާދަމާ ހެނދުނުގެ ވަގުތެއްގައި އެމަނިކުފާނު ޖަރުމަނަށް ފުރައިވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށެވެ. މެދު ކެޑުމެއްނެތި ޑޮކްޓަރުންގެ ފަރުވާ ރައީސް ނަޝީދަށް ދެމުންދާއިރު، އެމަނިކުފާނުގެ ބަލީގެ ހާލަތަށް ލުއިތަކެއް ލިބެމުންދާކަމަށް އާއިލާއިން ފާހަގަކުރެއެވެ.

އެގޮތުން މިހާރު އެދުން ތެދުވެ ވަޑައިގެން ގޮޑިކޮޅުގައި އިށީއްނަވައި ދިޔާ ތަކެތި ބުއިމަށް ޑޮކްޓަރުން ހުއްދަ ދީފައިވާކަމަށެވެ.

މިމަހުގެ 6 ވަނަދުވަހުގެރޭ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް އެއްޗެއް ގޮއްވާލާ ދިން ހަމަލާގައި އެމަނިކުފާނަށް ސީރިއަސް ޒަހަމްތަކެއް ލިބިވަޑައިގެން ގިނަ އޮޕަރޭޝަންތަކެއް ވަނީ ކޮށްފައެވެ. ރައީސް ނަޝީދަށް ހަމަލާދިނުމަށް ބޭނުންކުރި ބޮން ހަދާފައިވަނީ އެގާއި ގިނަ އަދަދެއްގެ ރޭޒާފުކާއި އެހެނިހެން ގެއްލުންދޭ ތަކެތި ހިމަނައިގެންކަމުން މި ބޮން ގޮއްވާލުމާއި އެކު މިތަކެތިވަނީ ރައީސް ނަޝީދުގެ ހަށިކޮޅުގެ ތެރެއަށް ވަދެފައެވެ. މިތަކެތި ނެގުމަށް ޑޮކްޓަރުންގެ ޓީމުންވަނީ 16 ގަޑިރުވަންދެން ސީރިއަސް އޮޕަރޭޝަންތަކެއް ކޮށްފައެވެ.

ޑޮކްޓަރުންގެ ޓީމުން ވިދާޅުވީ، ގޮއްވާލި ބޮމުން ބުރައިގެންދިޔަ ތޫނު ދަގަނޑު އެތިކޮޅުތަކުގެ ތެރެއިން އެތިކޮޅެއް، އެމަނިކުފާނުގެ ސީދާ ހިތަށް ނުވަދެ ހުރީ އެންމެ ސެންޓިމީޓަރެއްގެ ދުރުމިންކަމަށެވެ. މި އެތިކޮޅު ރައީސް ނަޝީދުގެ ހިތަށް ނުވަދެ ސަލާމަތްވީ އެމަނިކުފާނުގެ މޭކަށިގަނޑުގައި ޖެހި ކަށިގަނޑު ފުނޑުފުނޑުވުމުގެ ސަބަބުން އެ އެތިކޮޅު އެތެރެއަށް ދިޔުން މަތަވެގެންކަމަށްވެސް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދަށްް ހަމަލާދިން މައްސަލާގައި މިހާތަނަށް 3 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މި އެންމެންގެ ބަންދުގެ މުއްދަތަށް ކޯޓުން 15 ދުވަސް ވަނީ ޖަހާދީފައެވެ. ހައްޔަރުކުރި މީހުންގެ ތެރޭ ގައި ރައީސް ނަޝީދަށް ފަރާލާ މި ބޮން ގޮއްވާލުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވި މީހާއާއި ބޮން ހަރުކޮށްފައި ހުރި ސައިކަލްގެ ވެރިފަރާތްވެސް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.